ކޯރަމް ހަމަކުރަން، ދެފުށްފެންނަކަން އިތުރުކުރަން މޭޔަރަށް އެޅޭނެ ފިޔަވަޅެއް ނެތީތަ؟

މާލެ ސިޓީ ކައުންސިލެވެ. ހަމަޔާއި ލަމަ ގެއްލި، ބައްދަލުވުންތައް ނުބޭއްވުން އާދައަކަށްވެ، ޔައުމިއްޔާތަކާއި ރެކޯޑުތައް ގަޑުބަޑުވެ، ދެފުށްފެނުން އެކީ ކެނޑި، އިދާރީ އިންތިޒާމުތަކާއި ތަރުތީބު އެކީ އެކަށް ގެއްލިފައިވާ، އޮޅުންބޮޅުންގަނޑެކެވެ. މިނޫން ގޮތެއް ހޯދެން ވާނެތާ އެވެ. ގާނޫނީ އޮނިގަނޑު ވެސް މިނޫން ގޮތެއް ތަސައްވަރު ނުކުރަނީ ބާވަ އެވެ.
ނޫނެކެވެ. ޑިމޮކްރެޓިކް ހަމަތަކަށް ފެތޭހެން، ކޮރަޕްޝަނަށް ކަންފަހި ނުވާ ގޮތުގައި ލޯކަލް ކައުންސިލު ހިންގާންވީ ގޮތް އަކުރުން އަކުރަށް ބަޔާންވެފައި އެބައޮތެވެ. އެންމެ ފަހުން 12 ފެބްރުއަރީ 2024ގައި އަދާހަމަކޮށް، ގެޒެޓުކޮށްފައިވާ 'ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ގަވާއިދު'ގަ އެވެ.
އެހެނެއް ކަމަކު، މަގާމުގައި ހުންނަވާތާ 2 އަހަރު ފާއިތު ވާއިރު ވެސް، މޭޔަރު އާދަމް އާޒިމަށް މިގަވާއިދަކީ ވުޖޫދުގައިވާ އެއްޗެއްކަން ވެސް އެނގިވަޑައިގަންނަވާ ހެނެއް ހީއެއް ނުވެ އެވެ. ކައުންސިލް ހިންގާންވީ ގޮތް ސާފުވެވަޑައިގެންފައިވާ ކަމަކަށް ނުފެނެ އެވެ. ކައުންސިލު އޮތީ ހުއްޓިފަ އެވެ. އިޖުރާއީ ގަވާއިދަށް އަމަލެއް ނުކުރެ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަން ވެސް މިފަދަ އެވެ.
މި ހިނދުން މި ހިނދަށް ވެސް އަމަލު ކުރުން ލާޒިމު އަދި އަމަލުކުރާން ފެށުމުން ދެފުށްފެނުމާއި ހިންގުންތެރިކަމަށް ހެޔޮ ބަދަލު އަންނާނެ 2 ނުކުތާއެއް ފާހަގަ ކުރަމެވެ. ދެ ކަންތައް ވެސް ގުޅެނީ ރަސްމީ ބައްދަލުވުންތަކާއި ކައުންސިލަރުންގެ ހާޒިރީއާ އެވެ.
ކައުންސިލްގެ ބައްދަލުވުންތަކާއި ޖަލްސާތަކަށް ބަލާއިރު، އިޖުރާއީ ގަވާއިދުގެ 72 ވަނަ މާއްދާގައި ބުނެފައިވަނީ ކައުންސިލުން ކަންކަން ނިންމުމުގައި ރިޔާސަތުން ވޯޓުގައި ބައިވެރިވާން ވާނެ ކަމަށެވެ. މިއޮތްހާ ދުވަހު ކައުންސިލްގެ އާންމު ރަސްމީ ބައްދަލުވުންތަކުގެ ވޯޓުގައި މޭޔަރު ބައިވެރިވެވެވަޑައި ގެންފައެއް ނެތެވެ.
ދެން އެންމެ ބޮޑު އެއް މައްސަލައެވެ. ކައުންސިލުން ހަދާ ނުހަދާ ނުއެނގުމެވެ. ނިންމާ ކަމެއް ނުނިންމާ ކަމެއް ސާފުނުވުމެވެ. އާންމު ރަސްމީ ޖަލްސާތައް ލައިވްކުރި ނަމަވެސް، އެބަލަން ކޮންމެ މީހަކަށް އިނުމަކީ ކުޅަދާނަ ކަމެއް ނޫނެވެ. އިޖުރާއީ ގަވާއިދުގެ 75 ވަނަ މާއްދާގައި ކައުންސިލުގެ ކައުންސިލުގެ ގަރާރުތަކާއި އަމުރުތަކާއި ނިންމުންތަކާއި ކަންތައްތައް އާންމުކޮށް ހާމަކުރަންވާނެ ކަމަށާއި، އެ މަގުން ހާމަނުކުރާ އެއްވެސް ކަމެއް ސައްހަ ނުވާނެ ކަމަށާއި، އެކަންކަން ވެބްސައިޓާއި ކައުންސިލްގެ ރަސްމީ ސޯޝަލް މީޑިޔާގައި އާންމުކުރަން ވާނެ ކަމަށްވެސް ބުނެފައިވެ އެވެ.
މިއާ އެކު، ނިމިދިޔަ މަހުގެ ޔައުމިއްޔާ ހިނގާ މަހުގެ 10 ވަނަ ދުވަހުގެ ކުރިން އާންމުކުރަން ޖެހޭނެ ކަމަށް 79 ވަނަ މާއްދާގައި ބަޔާންކޮށްފައި ވެއެވެ. އަދި އިޖުރާއީ ގަވާއިދުގެ 77 ވަނަ މާއްދާގައި ކައުންސިލްގެ ރަސްމީ ޖަލްސާތަކުގެ ޔައުމިއްޔާތަކާއި ނިންމުންތައް އެ ބައްދަލުވުމެއްގައި ބައިވެރިވި މެންބަރުން ފާސްކޮށް، ސޮއިކުރާން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.
މިއިން ކަމެއް ކުރައްވާ ނަމަ ހަރާމެވެ. މިއީ ކައުންސިލުގެ ނިންމުންތަކާއި ޖަލްސާތަކުގެ ސައްހަކަމާ ގުޅިފައިވާ އަސާސީ އިޖުރާއަތުތަކެވެ.
މީގެ އިތުރުން، ބައްދަވުންތަކުގެ ޔައުމިއްޔާ ބަލަހައްޓާންވީ ގޮތް ޖަދުވަލު 2 އަދި 3ގައި ބަޔާންކޮށްފައިވެ އެވެ. އެ ޖަދުވަލުތަކުން އެނގެނީ ކައުންސިލް ބައްދަލުވުންތަކުގެ ނިންމުންތައް ރެކޯޑު ކުރާއިރު، ނިންމި ގޮތާއި ހުށަހެޅި ގޮތާއި ތާއީދު ކުރި ފަރާތާއި ފެންނަކަމަށް އަދި ނުފެންނަކަމަށް ވޯޓު ދިން ފަރާތްތައް ބަޔާންކުރަން ޖެހޭ ކަމަށެވެ.
ޔައުމިއްޔާ އެކުލެވުމުގައްޔާއި ނިންމުންތައް ރެކޯޑު ކުރުމުގައި މިއިން އިޖުރާއަތެއް ތަތުބީގުކޮށްފައެއް ނެތެވެ. މިވެނި އެވެނި ދުވަހެއްގައި އެކަމާއި މިކަން ނިމުނީ ކިހިނެއްތޯ އާއި ވޯޓު ދިނީ އަދި ނުދިނީ ކައުންސިލަރުން ކިހިނަކުންތޯ ބެލޭނެ ހަމަ އެއްވެސް ގޮތެއް ނެތީ އެވެ. ދެންވީ މިވަރު އާދައިގެ މައުލޫމާތެއް ހޯދާން ވެސް އާރްޓީއައި (މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު) ފޯމެއް މެދުވެރިކޮށް އެދޭށެވެ.
އިޖުރާއީ ގަވާއިދުގެ 60 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ކައުންސިލަރުން ޖައްސަޖައްސައިގެން ދެ ޖަލްސާއަށް (މަގުބޫލު އުޒުރެއް ނެތި) ހާޒިރު ނުވެއްޖެ ނަމަ، ލިޔުމުން އެ ކައުންސިލަރަކަށް މޭޔަރު ނަސޭހަތްތެރިވެވަޑައިންނަވާން ޖެހެ އެވެ. ތިން ޖަލްސާއަށް ހާޒިރު ނުވެއްޖެ ނަމަ ލިޔުމުން އެކައުންސިލަރަކަށް މޭޔަރު އިންޒާރު ކުރެއްވުމަށް ފަހު، އެމައްސަލަ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް އަންގަވާން ޖެހެ އެވެ.
މިއިން ފިޔަވަޅެއް އެޅުއްވި ނަމަ ހަރާމެވެ. ވޭތިވެދިޔަ މަސް ދުވަހުގެ ކޮންމެ ހަފްތާއެއްގައި މާލެ ސިޓީ ކައުންސިލުގެ އާންމު ރަސްމީ ޖަލްސާވަނީ ކޯރަމް ހަމަނުވެގެން ކެންސަލު ކޮށްފައެވެ. ހަފްތާއަކަށް ފަހު ހަފްތާއެއް އެޖެންޑާގައި މައްސަލަތައް ގިނަވެ، ފުނިޖެހެމުން ދެއެވެ. ކައުންސިލަރުން މުސާރަ ނަންގަވާ ވަރުން ނަންގަވަ އެވެ.
ކައުންސިލްގެ އާންމު ރަސްމީ ޖަލްސާއެއްގެ ކޯރަމް ކަމަށް މިހާރު ބަލަނީ ރިޔާސަތު (މޭޔަރު) ހިމެނިވަޑައިންނަވާހެން 10 މެންބަރުން ކަމަށެވެ. ކައުންސިލުގައި މޭޔަރާ އެކު ހިމެނިވަޑައިންނަވަނީ ޖުމުލަ 18 މެންބަރުންނެވެ. 14 މެންބަރުން ނިސްބަތްވެވަޑައިންނަވަނީ ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އަށެވެ.
މި ލިސްޓުކުރި ކަންތަކުގެ އިތުރަށްވެސް އަމަލު ނުކުރާ، ނަމަވެސް ކުރާ ނަމަ ކައުންސިލުގެ ހިންގުމާއި ދެފުށްފެނުމަށް ވާގިދޭނެ ކިތަންމެ އިޖުރާއަތެއް މިނަންގަތް ގަވާއިދުގައި އެބަހުއްޓެވެ. މިސާލަކަށް 61 ވަނަ މާއްދާގައި ބުނެފައިވާ ގޮތަށް މޭޔަރާއި ޑެޕިއުޓީ މޭޔަރު ކައުންސިލު ހިންގުމާ އެކަހެރިވާއިރު، ކައުންސިލުގެ ޖަލްސާއެއް ބާއްވައި، ކައުންސިލު ހިންގުމާ ހަވާލު ވާނޭ މެންބަރަކު، މެންބަރުންގެ ތެރެއިން އައްޔަން ކުރަން ޖެހެ އެވެ.
ދުވަހަކު ކުރިކަމެއް ނޫނެވެ؛ އެ މޭޔަރު ވެސް، މިމިޔޭރި ވެސް އަރިހުގައި ޑެޕިއުޓީ މޭޔަރު ވެސް ކިތަންމެ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ގެންދަވައިފި އެވެ. ކައުންސިލު ހިންގާން ކޮންމެ ފަހަރަކު ވެސް އައްޔަންކުރެއްވީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މެންބަރެކެވެ. އެމެންބަރަކު ހިޔާރުކުރެއްވީ މޭޔަރު އަމިއްލަފުޅަށެވެ. މަޝްވަރާއެއް ނުކުރައްވައެވެ. ވޯޓެއް ނުނަންގަވަ އެވެ. ކައުންސިލް ހިންގާން ހިޔާރުކުރެއްވި މެންބަރު ނުއެއް އަންގަވައެވެ. އެނގެނީ އާންމު ރަސްމީ ޖަލްސާގެ ދުވަހު، އޭނާ ރިޔާސަތުގައި އިންނެވީމަ އެވެ.
މިކަންކަން ތަކުރާރުކޮށް އެކި ހާލަތްތަކާ ގުޅުވައި، އެކި ދުވަސްވަރު މޭޔަރުގެ އަރިހުގައި، ދަންނަވާ ފާހަގަކޮށްދީފައި ހުންނާނެ އެވެ. މޭޔަރުގެ ޒިންމާ އަދާކުރައްވާން ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ހަމަ، އަޅުގަނޑު އެމަނިކުފާނަށް ކިޔައިވައިދޭކަށް ނުޖެހޭނެ އެވެ. އަދި އެމަގަށް އަމަލު ކުރައްވާކަށް މިފަދައިން ދަންނަވާކަށްވެސް ނުޖެހޭނެއެވެ. ނަމަވެސް ތަކުރާރުކޮށް އެކި އިރު، އެކި ގޮތަށް އަރިހުގައި ދަންނަވާ، 4 ޑިސެންބަރު 2025ގައި ތަފްސީލު ސިޓީއަކުން ވެސް ދަންނަވާފައިވީ ނަމަވެސް، އިޖާބައެއް ލިބޭނެ ކިރިޔާ ވެސް ގޮތަކީ އާންމުންނާ ހަމައަށް މިކަންކަން ތިލަކޮށްގެން ކަމަށްވާތީ، ލިޔުނީ އެވެ.
މުއައްސަސާތައް ރަނގަޅަށް ހިނގާން ވާނީ މުވައްޒަފުންގެ ހެޔޮކަމަކުން ނޫނެވެ. އަޅުގަނޑު ދެކޭގޮތުގައި، ނަގުލަކާ ދަޅަކާ މަދު ބަޔަކު އިންތިހާބު ވިޔަސް ވިޔާނުދާކޮށް ނުހިންގޭ ވަރަށް އޮނިގަނޑުތަކާއި ނިޒާމުތަކާއި ތަރުތީބުތަކާއި އިޖުރާއަތުތައް ކަނޑައެޅި، ބަޔާންވެފައި ހުންނާން ޖެހޭނެ އެވެ. އަސާސީ ގޮތުން ހިފަހައްޓާ ހަމަތަކެއް ހުންނާން ޖެހޭނެ އެވެ. ކައުންސިލުތަކާބެހޭ މިދެންނެވި "މިނިމަމް ސްޓޭންޑާޑް" ކަނޑައަޅަނީ އިހު ނަންގަތް އިޖުރާއީ ގަވާއިދުގަ އެވެ. އެއަށް އަމަލުނުކުރާ ނަމަ އަސާސީގޮތުން ހިފަހައްޓާންޖެހޭ ހަމަ އާއި ލަމަ އޮބެހެއްޓޭކަށް ނޯންނާނެ އެވެ.
ކޮންމެ ގޮތެއްގައި ނަމަވެސް، ފެންނާން އޮތް ހަގީގަތަކީ ވެރިކަން ކުރާ ޕާޓީގެ މެޖޯރިޓީގެ ބޭނުންކޮށްގެން މާލެ ސިޓީ ކައުންސިލް ރަހީނުކޮށްފައި، ހުއްޓުވާފައި ބާއްވާ ތަނެވެ. އަދި އެކަމުން އަރައިގަނެ، ކައުންސިލު ހިންގޭނެ ގޮތެއް ހޯދާން އިޖުރާއީ ގަވާއިދުން އެޅޭންހުރި ފިޔަވަޅުތައް ވެސް ނާޅުއްވާ މޭޔަރު ހެވިފައި ހުންނަވާ ތަނެވެ. ތިޔަހެން ނުހުންނަވާ ފިޔަވަޅު އަޅުއްވާށެވެ.
ނޯޓް: މިއީ މާލޭ ސިޓީ ކައުންސިލްގައި ގަލޮޅު އުތުރު ދާއިރާ ތަމްސީލުކުރައްވާ ކައުންސިލަރު މުހައްމަދު ސައިފް ފާތިހުގެ ލިޔުއްވުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ