އެޗްސީއޭ ދެވަނަ ރަންތަރި ގުރުއާން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް އެސްއެސްމީޑިއާ

ހުޅުމާލެ ކޮމިއުނިޓީ އެލައަންސް (އެޗްސީއޭ) ދެވަނަ ރަންތަރި ގުރުއާން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ސަން ސިޔާމް މީޑިއާ ހަމަޖެއްސުމަށް މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި ފަހުމުނާމާގައި އެސްއެސްމީޑިއާގެ ފަރާތުން ސޮއިކުރެއްވީ، ޗީފް ކޮންޓެންޓު އޮފިސަރު މުހައްމަދު ޒަހީންއާއި އެޗްސީއޭގެ ރައީސް ޖިހާދު އަބްދުﷲއެވެ. ޖިހާދު ވިދާޅުވީ، މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ސަންސިޔާމް މީޑިއާ ޚިޔާރުކުރީ، މި މީޑިއާއަކީ، މިހާރު އެންމެ ގިނަ ބެލުންތެރިންގެ އިތުބާރު ހޯދާފައިވާ މީޑިއާއަކަށް ވާތީ ކަމަށެވެ. މި މުބާރާތުގައި ކިޔެވުން އޮންނާނީ ބާއްވާނީ، މި މަހު 29އިން މިމަހުގެ 31އަށް ސަލާހުއްދީން ސުކޫލުގެ ތިން ވަނަ ފަންގިފިލާގައެވެ. އެ ދުވަސްތަކުގައި މުބާރާތުގެ ކިޔެވުން 14:00ގައި ފަށައި، ރޭގަނޑު 10:00 ޖެހުމާ ހަމައަށް ކުރިއަށްދާނެއެވެ. އެކަމަކު، ނަމާދު ވަގުތުތަކަށް ކިޔެވުން މެދުކަނޑާލާނެކަން ޖިހާދު ފާހަގަކުރެއްވިއެވެ. އެޗްސީއޭ ގުރުއާން މުބާރާތުގެ މީޑިއާ ޕާޓުނަރަކަށް ވުމަށް ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ހަމްޒާ އޭނާ ވިދާޅުވި ގޮތުގައި، މިއީ ހުޅުމާލޭގައި ބާއްވާ އެންމެ އަގުބޮޑު މުބާރާތެވެ. އެގޮތުން، މުބާރާތުގެ އެއްވަނަ އިނާމަކަށް އުމްރާ ދަތުރަކާއި އިތުރު ޚާއްސަ އިނާމުތަކެއް ހުށަހަޅާފައިވާއިރު، އިތުރު ވަނަތަކަށް ގިނަ އިނާމުތައް ވަނީ ހުށަހަޅާފައެވެ. ޖިހާދު ވިދާޅުވީ ގޮތުގައި، މި މުބާރާތުގެ ރެކޯޑިން އަންނަ ރޯދަ މަހު އެސްއެސްޓީވީން ދައްކާނެއެވެ. މިހާރު މުބާރާތުގެ ކިޔެވުން ކުރިއަށްދާކަން ޖިހާދު ފާހަގަކުރެެއްވިއެވެ. އޭގެއިތުރަށް، ޖިހާދު ވިދާޅުވީ މި މުބާރާތް ބޭއްވުމުގައި ގިނަ ބޭފުޅުންގެ އެހީތެރިކަން ޖަމިއްޔާއަށް ބޭނުންވާ ކަމަށެވެ. "އަޅުގަނޑުމެނަށް އެކިއެކި ގޮތްގޮތަށް އެހީތެރިވެދޭނެ ގިނަ މީހުން [ބޭނުންވޭ]. ޚާއްސަކޮށް، އިނާމުތައް ދޭނެ ބޭފުޅުން ވެސް ޖަމިއްޔާއިން ބޭނުން. މިފަދަ ހަރަކާތްތަކުގައި އެހީތެރިވެދޭނެ ވޮލިންޓިއަރުން ވެސް ޖަމިއްޔާއަށް ބޭނުންވޭ،" އޭނާ ފާހަގަކުރެއްވިއެވެ. މި ގުރުއާން މުބާރާތް ސްޕޮންސާ ކުރުމުގެ ފުރުސަތު މި މަހު 27ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކަށް 7522259 ނުވަތަ 7954035 ގުޅައިގެން ކުރިމަތިލެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ