ތ. ވިލުފުށީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗުގެ ބިންގާ އެޅިތާ މަސްތަކެއް ފާއިތުވެގެން ދިޔައިރު ވެސް ބްރާންޗު އެޅުމުގެ އަމަލީ އެއްވެސް މަސައްކަތެއް ނުފަށައެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރައީސް މުހައްމަދު މުއިއްޒު ވިލުފުށްޓަށް ކުރެއްވި ޒިޔާރަތުގައި ކުލަގަދަކޮށް ބޭއްވި ރަސްމިއްޔާތެއްގައި ބިންގާ އެޅި މި މަޝްރޫއަކީ، އެ ރަށާއި ކައިރި ރަށްރަށުގެ ރައްޔިތުންނަށް ބޭންކިން ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ފެށި މަޝްރޫއެއް ކަމަށް ބީއެމްއެލްއިން ބުނެ އެވެ.
ނަމަވެސް ބިންގާ އެޅި ފަހުން އެއްވެސް އަމަލީ މަސައްކަތެއް ނުފެށި އޮތުމަށް ފަހު، އެންމެ ފަހުން ލިބުނު ފޮޓޯތަކާއި މައުލޫމާތުން އެނގޭ ގޮތުގައި އެތަނުގައި އެޅި ބިންގާ ވެސް މިހާރު ފެންނާކަށް ނެތެވެ.
ވިލުފުށީ ބްރާންޗުގެ ބިންގާ އެޅުމަށް ފަހު އޭރު ބީއެމްއެލްއިން ބުނެފައިވަނީ، މިއީ މުޅި އަތޮޅަށް ބޭންކުގެ ހިދުމަތްތައް ފުޅާކުރުމަށް ކުރާ މުހިންމު މަސައްކަތެއް ކަމަށެވެ.
ނަމަވެސް ބިންގާ އެޅިތާ އެތައް މަހެއް ފާއިތުވެގެން ދިޔައިރުވެސް، މި ބްރާންޗުގެ އަމަލީ މަސައްކަތް ފަށާނެ ދުވަހެއް ނުވަތަ ނިންމާލެވޭނެ ތާރީހަކާ ގުޅޭ ގޮތުން ބޭންކުން އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ވިލުފުށީގައި ބީއެމްއެޗް ބްރާންޗު އެޅުމަށް ބިންގާ އެޅި ސަރަހައްދު. -- ފޮޓޯ: އަދަދު
ވިލުފުށިން އަދަދު ނޫހާ ވާހަކަ ދެއްކި ބައެއް މީހުން ބުނީ ރައީސް ވަޑައިގެންނެވި ދަތުރުގައި ފެށި މަޝްރޫއުގެ ތެރެއިން ހިނގަމުން ދަނީ އެއާޕޯޓުގެ މަޝްރޫއު އެކަނި ކަމަށެވެ.
"ސިޔާސީ ބޭނުމަކަށްޓަކައި ބްރާންޗުގެ ބިންގާ އެޅުމަށްފަހު، މަޝްރޫއު ކުރިއަށް ނުގެންގޮސް, ބިންގާ މިހާރު ނެތް. މި ހުންނަނީ އޮޅުވައިލުން،" ވިލުފުށިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު، ބީއެމްއެލްގެ ހިންގުމުގެ ތެރެއަށް ސިޔާސީ ނުފޫޒު ވައްދައި، އެ މަނިކުފާނުގެ ރިޔާސީ ވައުދުތައް ފުއްދުމަށް ސަރުކާރުގެ އިދާރާއެއް ފަދަ ތަނަކަށް ބީއެމްއެލް ވަނީ ބަދަލުކޮށްފަ އެވެ.
ވިލުފުށީގައި ބިންގާ އެޅި ބީއެމްއެލް ބްރާންޗުގެ މަސައްކަތެއް ނުފެށޭ، ބިންގާ ވެސް މިހާރު ނެތް! ވިލުފުށީގައި ބިންގާ އެޅި ބީއެމްއެލް ބްރާންޗުގެ މަސައްކަތެއް ނުފެށޭ، ބިންގާ ވެސް މިހާރު ނެތް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ