މަސްއޫދާއި ނަމާލް ބައްދަލުކުރައްވައިފި
ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު މަސްއޫދު އިމާދު، ގާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި ލަންކާ ސަރުކާރާއި ދެކޮޅު ޕާޓީއަށް ނިސްބަތްވާ ނަމާލް ރާޖަޕަކްސައާ މިއަދު ބައްދަލުކުރައްވައިފި އެވެ.ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ދަރިކަލުން ނަމަލް ރާޖަޕަކްސާއަކީ އެ ގައުމުގެ ޕާލަމެންޓުގެ މެންބަރެކެވެ. މަހިންދަ އިސްކޮށް ހުންނަވާ އެސްއެލްޕީޕީ ހިންގެވުމުގައި ވެސް މިހާރު އެންމެ އިސްކޮށް އުޅުއްވަނީ ނަމަލް އެވެ.އެނގިފައިވާ ގޮތުގައި، ރާއްޖޭގެ ސަފީރު މަސްއޫދު އެސްއެލްޕީޕީގެ އޮފީހަށް ވަޑައިގަތީ ކުރިއްސުރެ އޮންނަ އެކުވެރިކަމުގެ ތެރެއިން ނަމަލް ދެއްވި ދައުވަތަކަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތެއްގެ ތެރެއިންނެވެ.ލަންކާގެ ކުރީގެ މަހިންދަ ރާޖަޕަކްސާގެ ދަރިކަލުން ނަމާލް ނިސްބަތްވެވަޑައިގަންނަވާ އެސްއެލްޕީ ޕާޓީގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގެ މާބޮޑު ތަފްސީލެއް ހާމައެއްނުކުރެ އެވެ. ނަމަވެސް ނަމާލް 'އެކްސް'ގައި "ސްރީ ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިންގެ ދެވަނަ ގެ" ކަމަށް ސިފަކުރައްވައި ވިދާޅުވީ ދެ ގައުމެއްގެ ދެމެދުގައި ގުޅުން ބަދަހިކޮށް ވަރުގަދަކުރުމަށް، ބިނާކުރަނިވި މަޝްވަރާ މުހިންމު ކަމަށެވެ. އަދި އެކުގައި ދެ ގައުމުގެ ގުޅުން އާ އުސްމިންތަކަކަށް ގެންދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.ނަމަވެސް ނަމަލް އާއި މަސްއޫދުގެ މި ބައްދަލުވުން އިއްތިފާގުން ދިމާވީ ލަންކާގައި ދިިރިއުޅޭ ދިވެހިންނާ މެދު ލަންކާގެ އިިމިގްރޭޝަނުން އިހާނެތިކޮށް ކަންތައްތައް ކުރާ ކަަމުގެ ކަންބޮޑުވުން މަސްއޫދު ފާޅުކުރައްވާފައިވާ ދަނޑިވަޅެއްގަ އެވެ.ލަންކާގެ "ޑެއިލީ ނިއުސް" އަށް ދެެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، ވިސާގެ ދަތިތަކަމުގެ ޝަކުވާ ވަރަށް ގިނަ ދިވެހިންގެ ފަރާތުން މިހާރު ލިބިވަޑައިގަންނަވާ ކަމަށާއި ދިވެހިންނާ މެދު ލަންކާގެ އިމިގްރޭޝަނުން އަމަލުކުރަނީ ވަރަށް އިހާނެތިކޮށް ކަމަށެވެ.މަސްއޫދު ވިދާޅުވީ ވިސާ ހޯދުމަށްޓަކައި ދިވެހިން ހެނދުނު 9 އިން ފެށިގެން ހަވީރު 5އާ ހަމައަށް ދިގު ކިއޫތަކުގައި ވަގުތު ހޭދަކުރަން މަޖުބޫރުވެފައިވާ ކަމަށެވެ. އެކަމަކު، ޓްރެވަލް އެޖެންޓުން މެދުވެރިކޮށް ވިސާގެ ކަންކަން ކުރިއަށް ގެންދާއިރު، އެއްވެސް ދަތިކަމެއް ނެތި ވަގުތުން ވިސާ ލިބޭތީ، އެ ޑިޕާޓްމަންޓުގެ އޮފިޝަލުންނަށް މާލީ ގޮތުން ފައިދާތަކެއް ލިބެމުންދާކަމަށް ބެލެވޭ ކަމަށް ވެސް މަސްއޫދު ތުހުމަތުކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ