ޒަކާތު ފަންޑުން އެކަނިވެސް މިދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި ބޭސްފަރުވާގެ ކަންކަމަށް 97.7 މިލިއަން ރުފިޔާ ހޭދަކޮށްފިއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ރާއްޖޭގައި ސިއްހީފަރުވާގެ ހަރަދުތަކާ ގުޅޭގޮތުން ނެރެފައިވާ ރިޕޯޓްގައި ބުނެފައިވަނީ، އާސަންދަ އަދި އެންސްޕާގެ އިތުރުން ޒަާތު ފަންޑުންވެސް ބޭސްފަރުވާގެ ކަންކަމަށް ގިނަ އަދަދެއްގެ ފައިސާ ހަރަދުވަމުންދާކަމަށެވެ.
ޒަކާތު ފަންޑުން ފޯރުކޮށްދޭ ބޭސްފަރުވާގެ އެހީއަކީ ރާއްޖޭގެ ރައްޔިތުންގެ ތެރެއިން އާސަންދައިން ނުވަތަ އެނޫންވެސް ގޮތަކުން އެހީ ނުލިބޭ އަދި ލިބޭ އެހީއަކުން ބޭސްފަރުވާ ކުރުމަށް ނުފުދޭ ހާލަތްތަކުގައި ތިބޭ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ދެވޭ އެހީތެރިކަމެކެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ޒަކާތު ފަންޑުން 2019 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް 97 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭސްފަރުވާގެ ކަންކަމަށް ހޭދަކޮށްފައިވާއިރު، މި ހަރަދު ޖުމްލަގޮތެއްގައި އަހަރަކު 3 އިންސައްތަ އިތުރުވަމުން އަންނަކަމަށެވެ. މި މުއްދަތުގެ ތެރޭގައި ޒަކާތުފަންޑުން ރާއްޖޭގެ ހޮސްޕިޓަލްތަކަށް ކޮށްފައިވާ ހަރަދުގެ 72 އިންސައްތަ ހޭދަކޮށްފައިވަނީ އަމިއްލަ ހޮސްޕިޓަލްތަކަށް ކަމަށްވެސް އޮޑިޓްގައި ވަނީ ބުނެފައެވެ.
- ކެންސަރު ބަލިމީހުންނަށް: 3.5 މިލިއަން ރުފިޔާ
- ޓްރާންސްޕްލާންޓަށް: 2.4 މިލިއަން ރުފިޔާ
- ސިކުނޑީގެ އޮޕަރޭޝަންތަކަށް: 1.2 މިލިއަން ރުފިޔާ
- ހިތުގެ އޮޕަރޭޝަންތަކަށް: 589،429 ރުފިޔާ
- ކިޑްނީ ބަލިތަކަށް: 569،500 ރުފިޔާ
ޒަކާތު ފަންޑުން ބޭސްފަރުވާގެ ކަންކަމަށް އހަަރުން އަހަރަށް ކުރަމުން އަންނަ ހޭދަ އިތުރުވަމުން އަންނަކަމަށް އޮޑިޓްގައި ފާހަގަކޮށްފައިވާއިރު، މިދިޔަ އަހަރަކީ ޒަކާތު ފަންޑަށް އެންމެގިނައިން ފައިސާ ލިބުނު އަހަރެވެ. އެގޮތުން ޒަކާތު ފަންޑަށް މިދިޔަ އަހަރު، 107 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ.
ޒަކާތު ފަންޑުން މިދިޔަ ފަސް އަހަރުތެރޭ ބޭސްފަރުވާއަށް 97.7 މިލިއަން ރުފިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ