ކެންޑިޑޭޓުންނާއި އާންމުންގެ ހައްގުތައް ހިމާޔަތްކުރެވޭނީ އިންތިޚާބުގެ މައުލޫމާތު ރަނގަޅަށް ފޯރުކޮށްދީގެން: ޞަލާޙް

އަންނަ އޭޕްރިލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ މައުލޫމާތުތައް ރަނގަޅަށް ފޯރުކޮށްދެވިއްޖެނަމަ، އާންމުންނާއި އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ހައްގުތަކަށް އަރައިނުގަނެ، ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް މަސައްކަތްކުރެވޭނެ ކަމަށް، އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު ރޭ ވިދާޅުވެއްޖެއެވެ. ޞަލާޙް ރޭ މިހެން ވިދާޅުވީ، އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް ތަމްރީނުދޭ 95 ޓްރެއިނަރުންނަށް ހިންގި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވަނީ، ރައްޔިތުންނަށް އިންތިޚާބާ ބެހޭ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް އޮފިޝަލުންނަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ. މިފަަދަ ތަމްރީނު ޕްރޮގްރާމުތަަކުގެ ސަބަބުން އިންތިޚާބުގައި ވޯޓުލާ ރައްޔިތުންނާއި ކެންޑިޑޭޓުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ޞަލާޙް ވިދާޅުވިއެވެ. https://x.com/ElectionsMv/status/2009920180345024807 އިލެކްޝަންސް ކޮމިޝަނުން ބުނީ، ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ 7،000 އޮފިޝަލުން ތަމްރީނުކުރަން މާދަމާ ފެށުމަށްޓަކައި ޓްރެއިނަރުން މިއަދު ރަށްރަށަށް ފުރާފައިވާ ކަމަށެވެ. މި މަހުގެ ތިންވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް، ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނުކުރާ 95 ޓްރެއިނަރުން ތަމްރީނުކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ މަސައްކަތަށްފަހު ދެން އޮންނާނީ 7،000 އޮފިޝަލުން ތަމްރީނުކުރުމެވެ. އެ ކޮމިޝަނުން މިމަހު ކުރީކޮޅު ބުނީ، ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނުކުރުމުގެ މަސައްކަތް މާދަމާއިން ފެށިގެން ކުރިއަށް ދާނެ ކަމަށެވެ. https://sun.mv/216234 އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލު އިންތިޚާބުގައި ހަރަކާތްތެރިވުމަށް ބޭނުންވާ 7،000 އޮފިޝަލަކު ހޯދަން އިލެކްޝަންސް ކޮމިޝަނުން އިއުލާނުކުރިއެވެ. މިދިޔަ މަހުގެ 21ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލި އެ ފުރުސަތުގައި އެޗްއާރާއި އިދާރީ، މީޑިއާއާއި ޕަބްލިކް ރިލޭޝަންސް، އައިޓީ، މާލީ، އަދި ގާނޫނީ ދާއިރާއިން އޮފިޝަލުން ހޯދަން ހުޅުވާލިއެވެ. ފާހަގަކުރެވޭ ގޮތުގައި އަންނަ ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތްތައް ސިޔާސީ ޕާޓީތަކުން ވެސް ވަނީ ފަށައިފައެވެ. އެގޮތުން ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް މިދިޔަ އަހަރުގެ ފަހުކޮޅު އެތެރޭގެ ޕްރައިމަރީ ބޭއްވިއިރު، އިދިކޮޅު އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ މިމަހުގެ 16ވަނަ ދުވަހެވެ. އިންތިޚާބުގެ ކުރިން، ސަރުކާރުގެ ސާފު އަޣުލަބިއްޔަތު އޮންނަ ރައްޔިތުންގެ މަޖިލީހުން ވަނީ ކައުންސިލްތައް އެކުލެވޭ ގޮތަށް ބަދަލު ގެނެސްފައެވެ. އެއީ ކުދި ރަށްރަށުގެ ކައުންސިލަރުންގެ އަދަދު މަދުކޮށް، އަތޮޅު ކައުންސިލްތައް އުވާލުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ