އެއްވެސް އިންތިހާބެއްގައި ވޯޓުލުމާއި ވޯޓް ގުނުން ޑިޖިޓަލައިޒް ނުކުރާނެ ކަމުގެ ޔަގީންކަން އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެއްޖެ އެވެ.
ތަފްސީލް - މިދިޔަ ބުރާސްފަތި ދުވަހު ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ މިފަހަރުގެ ލޯކަލް ކައުންސިލުގެ އިންތިހާބުގެ ހުރިހާ އިދާރީ ކަންކަމެއް ކުރިއަށް ގެންދަނީ ޑިޖިޓަލައިޒްކޮށް ނަމަވެސް ޑިޖިޓަލައިޒް ނުކުރާނެ ކަމަކީ ވޯޓް ނެގުމާއި ގުނުން އަދި ނަތީޖާ އިއުލާން ކުރުން ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިހާބުތަކުގައި ވެސް އެ އުސޫލު ދަމަހައްޓާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް ވޯޓުލުމާއި ވޯޓު ގުނުމާއި ވޯޓުގެ ނަތީޖާ އާއި ވޯޓުގެ ނަތީޖާއާ ގުޅިގެން އަންނަ ކަންތައްތަކާއި މިއިން އެއްވެސް ކަމެއް އަޅުގަނޑުމެން ޑިޖިޓަލައިޒެއް ނުކުރާނެ. އެކަން ކުރާނީ ހަމަ ފިޒިކަލްކޮށް މާޒީގައި ވެސް އަޅުގަނޑުމެން ކުރަމުން އައި ގޮތަށް،" ޒާހިދު ވިދާޅުވި އެވެ.
"އެޔަށް އެއްވެސް ބަދަލެއް ނުގެންނާނެ ވާހަކަ އަޅުގަނޑު ހަމަ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް [ދަންނަވާލަން]. އެ ބަދަލު އަންނާނެ އެއްވެސް ހާލަތެއް އިލެކްޝަން ކޮމިޝަނަށް ކުރިމަތިވާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެހެން ވިޔަސް ވެސް އަޅުގަނޑުމެން އެކަން ނުކުރާނަން."
ޒާހިދު އިތުރަށް ވިދާޅުވީ:
ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ ވޯޓުލުން ވެސް ވީހާވެސް އަމާންއޮމާން ކަމާއެކު، އިންސާފުވެރިކޮށް އަދި ނުފޫޒެއްނެތި ކުރިއަށް ގެންދިއުމަށް ގުޅުންހުރި އިދާރާތަކާއެކު ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް
އިންތިހާބާ ގުޅޭ އެއްވެސް ކަމެއްގައި އޮޅުންއަރާ ނަމަ ނުވަތަ އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވިޔަސް 1414 އަށް ގުޅައިގެން އެކަންކަން ފަސޭހަކަމާއެކު ސާފުކުރެވޭނެ
ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ބައެއް ފޮށިތަކަށް 70 ވަރަަކަށް ދާއިރާގެ ވޯޓު ކަރުދާސް ލާނެ؛ އެހެންކަމުން އެކަމަށް ބޭނުންވާ ތަމްރީން ދިނުން ވަރަށް އިސްކަމެއް ދީގެން އެބަ ކުރިއަށް ގެންދަން
އެ އިންތިހާބުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާތްގަނޑަކަށް އީސީގެ 7000އެއްހާ އޮފިޝަލުން މަސައްކަތް ކުރާނެ
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އީސީގެ 48 ޓީމު ހަރަކާތްތެރިވާނެ
ފާހަގަކޮށްލެވޭ ކަމެއް - ކައުންސިލް އިންތިހާބު އޮންނާނީ އަންނަ 4 އޭޕްރީލްގަ އެވެ. ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމަށް ފެންނަ ނުފެންނަ ވޯޓެއް އެ ދުވަހު ނެގުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.
އިންތިހާބަށް ކުރިމަތިލުމަށް ކެންޑިޑަސީ ފޯމު ހުށަހެޅުން މިފަހަރު ހަމަޖައްސާފައިވަނީ އޮންލައިންކޮށް، ޕޯޓަލް މެދުވެރިކޮށެވެ. މީގެ ކުރިން އޮންނަނީ ކެންޑިޑަސީ ފޯމު އީސީގެ އޮފީހަށް ހުށަހަޅަންޖެހޭ ގޮތަށެވެ.
އިންތިހާބުތަކުގެ ވޯޓުލުމާއި ވޯޓުގުނުން ޑިޖިޓަލައިޒެއް ނުކުރާނެ: އީސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ