ފުނަދޫ ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ މާބައިދޫއަށް
ސީދާ ތިން ސެޓުން ށ. ފުނަދޫ ބަލިކޮށް، ވީއޭއެމް ރާއްޖެ ސުޕަ ލީގުގެ ފައިނަލުގެ ފުރަތަމަ ޖާގަ ލ. މާބައިދޫން ހޯދައިފިއެވެ. މުބާރާތުގެ ސެމީއަށް މާބައިދޫ ދަތުރުކުރީ ޕޫލް ބީގެ ދެވަނަ މަގާމާއެކު އެވެ. މާބައިދޫން ސެމީގައި ބަލިކުރި ފުނަދޫއަކީ ލީގު ބުރުގައި ޕޫލް އޭގެ އެއްވަނަ ހޯދި ޓީމެވެ. ޒުވާނުންގެ މަރުކަޒު އެތެރޭ ހޯލުގައި މިއަދު ކުޅުނު މެޗުގެ ސެޓުތައް މާބައިދޫން ކާމިޔާބުކޮށްފައިވަނީ 25-14، 25-19 އަދި 25-15 އިންނެވެ. ރާއްޖެ ސުޕަ ލީގު 2026 ގެ ސެމީ ފައިނަލުގައި ށ. ފުނަދޫއާއި ދެކޮޅަށް ލ. މާބައިދޫ ކުޅުނު މެޗުގެ ތެރެއިން-- ސަން ފޮޓޯ: ނަދީމް މި މެޗުގައި ށ. ފުނަދޫގެ ފަރާތުން ފެނުނީ ލީގު ބުރުގައި ފެނުނު ކުޅުމަށްވުރެ ދަށް ކުޅުމެކެވެ. ހާއްސަކޮށް ޑިފެންސްގައި އެ ޓީމުން ގިނަ ގޯސްތަކެއް މި މެޗުގައި ހެދިތަން ފެނިގެންދިޔައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެ ޓީމުގެ ސެޓަރު ޖޫޒާން ޒަރީރެވެ. އޭނާގެ އިތުރުން އަރީޝާގެ ދައުރުވެސް މި މެޗުގައި ފާޙަގަކޮށްލެވެއެވެ. އަދި މާބައިދޫގެ ފިލިޕީންސް ކުޅުންތެރިޔާވެސް ވަނީ މި މެޗުގައި މުހިންމު ގިނަ ޕޮއިންޓުތަކެއް އެ ޓީމަށް ހޯދައިދީފައެވެ. ރާއްޖެ ސުޕަ ލީގު 2026 ގެ ސެމީ ފައިނަލުގައި ށ. ފުނަދޫއާއި ދެކޮޅަށް ލ. މާބައިދޫ ކުޅުނު މެޗުގެ ތެރެއިން-- ސަން ފޮޓޯ: ނަދީމް މުބާރާތުގައި މިރޭ ކުޅޭ ސެމީ ފައިނަލު ދެވަަނަ މެޗުގައި ލ. ގަމުން ނުކުންނާނީ ކ. ހުރާއާ ދެކޮޅަށެވެ. މެޗު ފަށާނީ 20:25 ގައެވެ. މި މެޗު އެސްއެސްޓީވީން ވަގުތުން ގެނެސްދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ