އިތުރު ވަގުތުގެ ތެރޭގައި ދެ ގޯލު ޖަހައިގެން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ 2-0 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށްފި އެވެ.
މި މެޗަށް ނިއު އިން ނުކުތްއިރު، ނިއު އޮތީ ލީގުގެ ހަތަރު ވަނައިގަ އެވެ. އެކަމަކު، ފަހު ވަގުތު ނިއު އިން ހޯދި މޮޅާ އެކު ވަނީ ލީގުގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. އެއީ، 14 މެޗުން 27 ޕޮއިންޓް ހޯދައިގެންނެވެ. ބުރަށް ލިބިފައިވަނީ، 14 މެޗުން 26 ޕޮއިންޓެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގެ ބޮޑުބައި ޓީސީން ވަނީ ނިއު ހިފެހެއްޓުމުގައި ކުރިހޯދައިފަ އެެވެ. ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ފަހު ވަގުތު ޕޮއިންޓެއް ހޯދި ޓީސީގެ ޑިފެންސް ފޫއަޅުވާލަން ކުރި މަސައްކަތް ނިއު އަށް ކާމިޔާބުވީ، އިތުރު ވަގުތުގެ ހަތް މިނިޓް ވެސް ކުޅެވުނު ފަހުންނެވެ.
ނިއު އިން މި މެޗުން މޮޅުވި ލަނޑުތައް ޖެހީ އެ ޓީމުގެ ނައިޖީރިއާ ފޯވާޑް، އަލްހާޖީ ގޭރޯ އެވެ. އެ ގޮތުން، މެޗުގެ އިތުރު ވަގުތުގެ ހަތް ވަނަ މިިނިޓްގައި ގޭރޯ ފުރަތަމަ ލަނޑު ޖެހީ، ނިއުގެ އަހުމަދު ވިޖުދާން (ވިޖުއްކޮ) ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޓީސީގެ މުހައްމަދު އަޖުފާން ފައިދަށުން ދިޔަ ބޯޅަ ގޭރޯ އަށް ލިބުމުން ހުސްކޮށް އޮތް ގޯލަށް ބޯޅަ ވައްދާލި އެވެ.
ފުރަތަމަ ގޯލު ޖެހިތާ މިނިޓެއް ފަހުން ނިއު އިން ދެ ވަނަ ލަނޑު ޖެހި އެވެ. މިއީ، ނިއުގެ ބްރެޒިލް މިޑްފީލްޑަރު، ގޯމޭޒް ޑަ ސިލްވާ ގޯލު ކުރިމައްޗަށް ނަގައިދިން ހުރަހަކުން ކުޑަ އޭރިއާތެރެއިން ގޭރޯ ބޮލުން ޖެހި ގޯލެކެވެ.
މި މެޗުން ބަލިވެ، ޓީސީ ހަތް ވަނައިގައި އޮތީ 14 މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ.
ލީގުގައި މާދަމާރޭ ކުޅޭ މެޗުގައި ދެ ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބުން ކުޅޭނީ ކްލަބް ގްރީން ސްޓްރީޓްސްއާ އެވެ.
ފަހު ވަގުތު ނިއު ރޭޑިއަންޓުން ޓީސީ ބަލިކޮށްފި ފަހު ވަގުތު ނިއު ރޭޑިއަންޓުން ޓީސީ ބަލިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ