ސީ ޓު އެއާ ކާގޯ ޚިދުމަތުން 329 ޓަނުގެ މުދާ އެކްސްޕޯޓުކޮށްފި

މިދިޔަ ޑިސެމްބަރު މަހު، ސީ ޓު އެއާ ކާގޯ ޚިދުމަތް މެދުވެރިކޮށް، 329 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެމްޕީއެލްއިން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިދިޔަ މަހު 329 ޓަނުގެ މުދާ ފޮނުވާފައި ވަނީ 20 ގައުމަކަށެވެ. އަދި މި މުދާ އެކްސްޕޯޓުކޮށްފައި ވަނީ 10 އެއާލައިން މެދުވެރިކޮށެވެ. https://x.com/Portmv/status/2009167237605937303 ސީ ޓު އެއާ ކާގޯ ޚިދުމަތަކީ އެމްޕީއެލް މެދުވެރިކޮށް ކަނޑުމަގުން ގެންނަ މުދާ ރައްކާތެރިކަމާއެކު އަވަހަށް ވައިގެ މަގުން ބޭނުންވާ މަންޒިލަށް ފޯރުކޮށްދިނުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން 2024 ވަނަ އަހަރު ފެށި ޚިދުމަތެކެވެ. ސީ ޓު އެއާ ކާގޯގެ ޚިދުމަތާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދެމުންގެންދާ ކާގޯގެ ޚިދުމަތް ވަނީ އިތުރަށް ފުޅާވެގެން ގޮސްފައެވެ. މި ޚިދުމަތް ދެނީ އެމްއޭސީއެލްއާއި އެމްޕީއެލް ގުޅިގެންނެވެ. ދުނިޔޭގެ ކާގޯ ކަނެކްޓިވިޓީ ލޮޖިސްޓިކްސް ޗެއިންގައި ވީއައިއޭގެ ހިއްސާ އޮތުމަކީ ރާއްޖޭގެ އިގުތިސާދަށް އެމްއޭސީއެލްއިން ވަމުން އަންނަ ހިއްސާ އިތުރަށް ވަރުގަދަވާނެ ކަމެއްކަން އެ ކުންފުނިން ފާހަގަ ކުރެއެވެ. އަދި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ސަލަމާތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ފުރިހަމަ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ދިނުމަށް އެ ކުންފުނިން އަބަދު ވެސް މަސައްކަތް ކުރަމުން ގެންދާ ކަމަށް ފާހަގަކޮށްފައިވެއެވެ. އެގޮތުން 2024 ވަނަ އަހަރު ހުޅުވި ކާގޯ ޓާމިނަލަކީ އެފަދަ ގިނަ ޚިދުމަތްތަކެއް ދެވޭ ފެންވަރަށް ތަރައްގީކުރެވިފައިވާ ތަނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ