ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް އީގަލްސް ފަސް ވަނަ އަށް ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް އީގަލްސް ފަސް ވަނަ އަށް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން 4-1 އިން މޮޅުވެ، ކްލަބް އީގަލްސް އިން ލީގުގެ ފަސް ވަނަ އަށް ޖެހިލައިފި އެވެ.
ކުރިން ފަސް ވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބް، މިއަދު ހަވީރު ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ވަނީ 3-0 އިން ބަލިވެފަ އެވެ. އޭގެ ފައިދާނަގައި، ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް އީގަލްސް އިން ފަސް ވަނަ އަށް އެރީ 14 މެޗުން 22 ޕޮއިންޓް ހޯދައިގެންނެވެ. ވިކްޓަރީ، ހަ ވަނައިގައި އޮތީ 14 މެޗުން 20 ޕޮއިންޓާ އެކު އެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން 31 ވަނަ މިނިޓްގައި އީގަލްސް އަށް ލީޑުނަގައިދިނީ، ޒައިން ޒަފަރު އެވެ. އޭރިއާތެރެއަށް ހުރަސްވި ބޯޅައެއް ޒައިން ވަނީ ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފަ އެވެ.
ސަބަޓީ، އީގަލްސްގެ ދެ ވަނަ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
ފުރަތަމަ ހާފު ނިމުމުގެ ކުރިން އީގަލްސް އިން ވަނީ ދެ ވަނަ ގޯލު ޖަހައިފަ އެވެ. މިއީ، އޭރިއާތެރެއަށް އީގަލްސްގެ ސިއެރަ ލިއޯންގެ މިޑްފީލްޑަރު، އިބްރާހިމް ލެބީ ދިން ބޯޅައަކަށް އަރައި، އީގަލްސްގެ މުހައްމަދު ސަބާހު މަސްރޫރް (ސަބަޓީ) ޖެހި ގޯލެކެވެ. މިއީ، އީގަލްސް އަށް ސަބަޓީ ޖަހައިދިން ފުރަތަމަ ގޯލެވެ.
ޔުނައިޓެޑް ވިކްޓަރީން މެޗުގައި ޖެހި ހަމައެކަނި ލަނޑު 59 ވަނަ މިނިޓްގައި ޖެހީ މިސްރުގެ މިޑްފީލްޑަރު، މުހައްމަދު ސާމިރު އެވެ. އޭރިއާތެރެއަށް ކޯނަރަކުން ހުރަސްވި ބޯޅައެއް ސާމިރު ވަނީ ފައިން ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ.
އީގަލްސް އިން ވަނީ މެޗުގެ 64 ވަނަ މިނިޓްގައި ތިން ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ، ލެބީ ނަގައިދިން ހުރަހަކުން ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ޒައިން ޖެހި ލަނޑެކެވެ. މެޗުގައި އީގަލްސް އިން ޖެހި ފަހު ލަނޑު ކާމިޔާބުކުރީ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އަށް ލިބުނު ފުރުސަތުގައި އޭނާ ވަނީ ޔުނައިޓެޑް ވިކްޓަރީގެ ކީޕަރު، މުސްތަފާ އަލީ އަތްމަތިން ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ފޮނުވާލައިފަ އެވެ.
ލީގުގައި މާދަމާ ހަވީރު ބުރު ސްޕޯޓްސް ކްލަބުން ކުޅޭނީ ކްލަބް ވެލެންސިއާއާ އެވެ. އަދި، މާދަމާރޭ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ކުޅޭނީ ޓީސީ ސްޕޯޓްސް ކްލަބާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ