ހަވަނަ ޑިވިޝަނުގެ ޓީމެއް އަތްދަށުގެ ޗެމްޕިއަން ކްރިސްޓަލް ޕެލަސް ކަޓައިފި
އިނގިރޭސި އެފްއޭ ކަޕުގެ ތިންވަނަ ބުރުގައި ހަވަނަ ޑިވިޝަނުގެ ޓީމެއް އަތްދަށުވެ އެންމެފަހުގެ ޗެމްޕިއަން ކްރިސްޓަލް ޕެލަސް މުބާރާތުން ކަޓައިފިއެވެ. ކްރިސްޓަލް ޕެލަސް ކެޓީ އިނގިރޭޭސި ހަވަނަ ޑީވިޝަނުގެ ޓީމެއް ކަމަށްވާ މެކްސްފީލްޑު އަތުންނެވެ. މި ބޮޑު ނަތީޖާއާއެކު އެންމެ ބޮޑު ހައިރާންކަމެއް ލިބުނު އެއް ބަޔަކީ އިނގިރޭސި ކުޅިވަރު އެނަލިސްޓުންނެވެ. އެ މީހުންގެ ނަޒަރުގައި މި ނަތީޖާއަކީ އެންމެ ހައިރާންކުރުވަނިވި ނަތީޖާއެވެ. އިނގިރޭސި ކުލަބު ރޭންކިންގައި ކްރިސްޓަލް ޕެލަސްއަށްވުރެ 117 ދަރަޖަ ފަހަތުގައި އޮތް މެކްލްސްފީލްޑް އަތުން އެ ޓީމު ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓު ތާވަލުގައި ކްރިސްޓަލް ޕެލަސް މިހާރު އޮތީ 13 ވަނައިގައެވެ. މެކްސްފީލްޑުން ފުރަތަަމަ ލީޑުނަގައި މި މެޗުގައި އެ ޓީމުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށްވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ޕައުލް ޑޯސަންއެވެ. ދެވަނަ ހާފު ފަށައިގެން 16 ވަނަ މިނިޓުގައި އެ ޓީމުން ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ އިސާކް ބަކްލީއެވެ. ކްރިސްޓަލް ޕެލަސްއިން ސުން ކަނޑުވާލި ލަނޑު ކާމިޔާބުކޮށްދިނީ ޔެރެމީ ޕިނޯއެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތުގެ އެންމެ ފަހު މިނިޓުގެ ތެރޭގައެވެ. އިނގިރޭސި އެފްއޭ ކަޕުގައި މިރޭވެސް ފޯރިގަދަ މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޔުނައިޓެޑާއި ބްރައިޓަން، އަދި އާސެނަލާއި ޕޯޓްސްމަތު މިރޭ ބައްދަލުކުރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ