ލިސާން 57
"ރަނީމް ބޭނުންތަ ދާން؟" ނާވީ ސުވާލުކޮށްލިއެވެ. އެއާއެކު ރަނީމް ބޯ ޖަހައިލިއެވެ. އިތުރަށް އެ ދެމެދުގައި ވާހަކަތަކެއް ނުދެކެވި އުޅެނިކޮށް އެތަނަށް ދައިސަމް އަތުވެއްޖެއެވެ. އެއަށްފަހު އޭނަ ބުނެލި ވާހަކައަކުން، ރަނީމްއަށް ނާވީއަށް ބަލައިލުމާއެކު، ވަގުތުން ގެއާ ދިމާލަށް ދުއްވައިގަނެވުނެވެ. ރަނީމްގެ ފަހަތުން ދުއްވައިގަތް ނާވީ ދިޔަގޮތެއް ނޭނގި ދެން ފެނުނީ ރަނީމްގެ އަތުގައި ހިފެއްޓިތަނެވެ. ހަމައެއާއެކު އެރި އައްޔާއެކު ދެމީހުން އެތަނުން ގެއްލިއްޖެއެވެ. ދެން ފެނުނީ ސަމްރާ އޮތް ކޮޓަރި ތެރެއިންނެވެ. ވީގޮތް ނަގައިގަނެވުނު ރަނީމް އެ ދިޔަ ގޮތަށް ގޮސް އޭނާގެ މަންމަގެ ގާތުގައި މަޑުކޮށްލުމަށްފަހު އެ މަންމަގެ މޫނުގައި ދެ އަތުން ހިފެއްޓިއެވެ. އޭރު ސަމްރާ އުޅެނީ ނޭވާ ނުލެވިގެންނެވެ. ހީވީ އޭނަގެ ފުރާނަ ހަށިގަނޑާ ވަކިވަނީހެންނެވެ. ރައާބިލްއަށް ވެސް ކުރެވޭނެ އިތުރުކަމެއް ނެތެވެ. "ދަރިފުޅު... ބައްޕަ..." ސަމްރާ އުނދަގުލުން ކޮންމެވެސް އެއްޗެއް ބުނަން މަސައްކަތްކުރިއެވެ. އޭނަ ރައާބިލްއާ ރަނީމްއަށް ބަލައިލިއެވެ. ހިނިތުންވެލަން މަސައްކަތްކުރިއެވެ. ޚުދު އޭނައަށްވެސް ހީވަނީ ވަގުތު ޖެހުނީހެންނެވެ. އޭނަ އެ އެންމެންނާ ވަކިވާ ވަގުތު ކުޑަތަން ވަމުން ދާހެންނެވެ. "މަންމާ...." ރަނީމްގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ. "މަންމާ...." "ސަމްރާ...." ރައާބިލްވެސް ސަމްރާގެ އަތަށް ބާރުކޮށްލިއެވެ. "މަންމާ...އަހަރެން ދޫކޮށްލާފަ ނުދޭ...." ރަނީމްއަށް ރޮވެނީއެވެ. އެންމެފަހުން ސަމްރާގެ ހަށިގަނޑުގެ ވަރު ދީވެ ދެލޮލުގެ ކަޅި މައްޗަށް އަރައިގެން ދިޔައެވެ. ހަމައެއާއެކު އޭނަގެ ހަށިގަނޑު އެކީ ހުއްޓިގެން ދިޔައެވެ. އާއެކެވެ. ސަމްރާގެ ފުރާނަ މި ދުނިޔެއާ އަލްވަދާޢު ކީއެވެ. "މަންމާ... މަންމާ......" ރަނީމްއަށް ސަމްރާގެ ދެ އަތުގައި ހިފާ ތަޅުވައިގަނެފައި ބާރަކަށް ރޯން ފެށުނެވެ. އޭނައަށް އަމިއްލަ ނަފްސު ކޮންޓްރޯލްކުރުން އެހިނދު ދަތިވެގެން ދިޔައެވެ. ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ. "މަންމާ... އަހަރެން ދޫކޮށްލާފަ ނުދޭ...." ފެންކަޅިވެފައިވާ ޙާލު ރައާބިލްއަށް ރަނީމްގެ އަތުގައި މަޑުމަޑުން އަތް ޖައްސައިލެވުނެވެ. ހިތްވަރު ދިނުމުގެ ގޮތުންނެވެ. ނާވީވެސް އައިސް ރަނީމްގެ ގާތުގައި ހުއްޓުމަށްފަހު ރަނީމްގެ ކޮނޑުގައި އަތް ޖައްސައިލިއެވެ. "ދަރިފުޅާ. ކެތްތެރިވޭ. މިއީ ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެއް. ދަރިފުޅުގެ މަންމަ އަހަރެމެން އެންމެންނާ އެ ވަކިވީ..." ރައާބިލްއަށް ބުނެވުނެވެ. އޭނަ ކަރުނަތައް ފުހެލިއެވެ. ހިތްވަރުކުރަން މަސައްކަތްކުރިއެވެ. "ނޫން. އަހަރެންގެ މަންމަ އަހަރެން ދޫކޮށްފައެއް ނުދާނެ. ނުދާނެޔޭ... މަންމާ..... މަންމާ...." ސަމްރާގެ ގައިގައި އޮޅުލައިގަނެފައި ރަނީމްއަށް އަނެއްކާވެސް ވާހަކަ ދެކެވުނެވެ. ރަނީމް އެގޮތަށް އޮވެ ރޯން ފެށުމުން ނާވީ އޭނަ މަސަލަސްކުރަން އުޅުނު ނަމަވެސް، ރަނީމްވަނީ އެއަށްވުރެ ބޮޑަށް ހިތުގައި ޖެހި ދެރަވެފައެވެ. އޭނަ ރައާބިލްއަށް ބަލައިލީ ގޮތްހުސްވެފައިވާ ފަދައަކުންނެވެ. ރަނީމް އުޅެން ފެށި ގޮތުން ރައާބިލްއަށްވެސް ވަނީ އިންތިހާ ދަރައިޖައިގެ ވޭނެއް ލިބިފައެވެ. ރައާބިލް ނާވީއަށް ކޮންމެވެސް އިޝާރާތެއް ކޮށްލިއެވެ. އެގެއަށް އިތުރު މީހަކު ވަނީއެވެ. ރަނީމްގެ ވޭނީ ގިސްލުމާ ހަޅޭކުގެ އަޑު އިވުނީ، ސަލާމް ގޮވާލަމުން އެގެއަށް ވަތް ހައިފާއަށެވެ. އޭނަ ވަގުތުން ސަމްރާ އޮތް ކޮޓަރިއާ ދިމާލަށް ބާރު ފިޔަވަޅުތަކުގައި ދިޔައެވެ. ކޮޓަރީގެ ދޮރު ހުޅުވައިލުމާއެކު އޭނައަށް ފެނުނީ ސަމްރާގެ ގައިގައި އޮޅުލައިގަނެގެން ރޮމުން ދިޔަ ރަނީމްއެވެ. ހައިފާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނަ ދުވެފައި ކަހަލަ ގޮތަކަށް ރަނީމްގެ ގާތަށް ދިޔައެވެ. ސަމްރާއަށް ބަލައިލުމާއެކު ވެގެން އުޅޭގޮތް ހައިފާއަށް ސާފުވެއްޖެއެވެ. އޭނައަށް އެތަނުގައި ތިބި ނާވީއާ ރައާބިލްއާ ދެމީހުންނެއް ނުފެނެއެވެ. އޭގެ ކުޑައިރުކޮޅެއްފަހުން އެތަނަށް އައި ދައިސަމްވެސް މެއެވެ. "މަންމާ... މަންމަ ދިޔައިމަ އަހަރެން ހާދަ އެކަނިވާނެޔޭ... މަންމާ...." ވޭނާ ކެކުޅުން ނޫނީ ރަނީމްގެ އަޑުގައި ނުވެއެވެ. މަންމަގެ ވަކިވެދިޔުން ރަނީމްއަށް ކުރުވާފައިވަނީ ވަރަށްވެސް ފުން އަސަރެކެވެ. "ރަނީމް... ހިތްވަރުކުރޭ..." ހައިފާވެސް ފެންކަޅިވިއެވެ. އޭނަގެ އެކުވެރިޔާ އެހާ ނާޒުކު ޙާލަތެއްގައިވަނިކޮށް މީގެ ކުރިން އޭނައަށް ދުވަހަކުވެސް ފެނިފައެއް ނުވެއެވެ. ރަނީމްއަކީ ވަރަށް ހިތްވަރު ގަދަ ކުއްޖެކެވެ. "ހިތްވަރުކުރޭ ރަނީމް. ކޮންމެ މީހަކީވެސް މި ދުނިޔެއާ ވަކިވާނެ މީހެއް. މިއީ ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެއް. އަހަރެމެން ޖެހޭނީ ކެތްތެރިވާން. ރަނީމް... ހުއްޓާލަބަ. އޭތް... އަހަންނާ ދިމާލަށް ބަލާލަބަ..." ހައިފާއަށް ބުނެވުނެވެ. އޭނަ ރަނީމް ސަމްރާއާ ކުޑަކޮށް ދުރުކޮށްލާފައި ވާހަކަ ދައްކަމުން ރަނީމްގެ ކަރުނަތައް ފުހެދިނެވެ. "ހައި. އަހަރެން ކިހިނެއް މަންމައާ ނުލާ އުޅޭނީ..." ރަނީމްއަށް ބުނެވުނެވެ. ރޮމުން ގިސްލަމުންނެވެ. "އަހަރެން ދަންނަ ރަނީމް ތިއަށްވުރެ ހިތްވަރުގަދަވާނެ. ހުއްޓާލަބަ. ރަނީމް މަންމަ ބޭނުންވާނެތަ ރަނީމް ތިގޮތަށް ރޯން؟" ހައިފާ ބުނެލިއެވެ. "ކޮންމެ މީހެއްވެސް މި ފަނާވަނިވި ދުނިޔެއާ އަލްވަދާޢު ކިޔަން ޖެހޭނެ. އެއީ އަހަރެމެން ޤަބޫލުކުރަން ޖެހޭ ހަޤީޤަތެއް. މި ހަޤީޤަތާ ކުރިމަތިލާން ރަނީމް ޖެހޭނެ ދަސްކުރަން." ހައިފާ ރަނީމްއަށް ވިސްނައިދޭން މަސައްކަތްކުރަމުން މަޑުމައިތިރި ރާގެއްގައި ވާހަކަ ދެއްކިއެވެ. ރަނީމް ނޭފަތް އެތެރެއަށް ދަމައިލަމުން ހަމަޖެހެން މަސައްކަތްކުރިނަމަވެސް، އޭނަގެ ދެލޮލުން އަންނަމުން ދިޔަ ކަރުނަތަކަކަށް ހުއްޓުމެއް ނައެވެ. ހައިފާގެ އެތަކެއް ވާހަކަތަކަށްފަހު، އެންމެފަހުން ރަނީމް ކުޑަކޮށް ހަމައަކަށް އެޅިލިއެވެ. "ރަނީމް... އަހަރެން އެންބިއުލާންސްއަށް ގުޅަންތަ؟" ހައިފާ ސުވާލުކޮށްލިއެވެ. ރަނީމްއަށް ވަގުތުން ބަލައިލެވުނީ ނާވީއާ ރައާބިލްއަށެވެ. "ބައްޕާ..." އޭނަ ހުއްދައަށް އެދުނީ ރައާބިލް ގާތުންނެވެ. އެވަގުތު ހައިފާއަށް ރައާބިލްއާ ނާވީ ނުފެންނަކަންވެސް އޭނަގެ ހަނދާނުން ކައްސައިލީއެވެ. "ބައްޕައޭ... ރަނީމް.... ހަމަޖެހިލަބަލަ." ރަނީމްގެ ދުލުން ނުކުތް ލަފުޒާއެކު އޭނަ ބަލައިލި ދިމާލަށް ހައިފާއަށްވެސް ބަލައިލެވުނެވެ. އޭނައަށް ފެހުނީ ހުދުކުލައިގެ ފާރެވެ. ލިބުނު ޝޮކުގެ ސަބަބުން ރަނީމްގެ ސިކުނޑިއަށް އަސަރުކުރީ ކަންނޭނގެއެވެ. މިވަގުތު އޭނަ އެކުވެރިޔާގެ އެންމެ ގާތުގައި ހުރުމުގެ މުހިންމުކަން ހައިފާއަށް އިޙްސާސްވެގެން ދިޔައެވެ. "ރަނީމް... އަހަރެން ގުޅަނީ އިނގޭ މީ. މަރު ސާބިތުކުރަން ޖެހޭނެއެއްނު. އެއަށްފަހު ދެން ކުރިއަށްހުރި ކަންތައް ކުރެވޭނީ...." ހައިފާ ބުނެލިއެވެ. ރަނީމް ޖަވާބެއް ނުދިނެވެ. އޭނަ އިންތިޒާރުކުރީ ރައާބިލްއަށެވެ. ސަމްރާގެ ގާތުން ދުރަށް ނުގޮސްހުރި ރައާބިލް ބޯ ޖަހައިލިއެވެ. އެއާއެކު ރަނީމް ވެސް އާއެކޭ ބުނެ ހައިފާއަށް ބަލައިލިއެވެ. ރަށުގެ ސިއްޙީ މަރުކަޒަށް ގުޅުމަށްފަހު، އެންބިއުލާންސް ފޮނުވަން ބުނެފައި ދެން ހައިފާ އެ ޚަބަރު ދިނީ އޭނަގެ މައިންބަފައިންނަށެވެ. ލަސްތަކެއް ނުވެ އެންބިއުލާންސް އަތުވެއްޖެއެވެ. ސަމްރާގެ ހަށިގަނޑު ހުދު ފޮތިގަނޑަކުން ނިވާކޮށްލަމުން އެންބިއުލާންސްގެ ސްޓްރެޗާރއަށް އެރުވިއިރުވެސް އެތަނުގައި ރައާބިލް ހުއްޓެވެ. ދައްކަން ޖެހޭ ހުރިހާ ވާހަކައެއް ދެއްކީ ހައިފާއެވެ. އޭނަ ޑްރައިވަރާ ވާހަކަ ދެއްކުމަށް ދުރަށް ޖެހިލިވަގުތު ރަނީމްގެ ގާތުގައި ހުރި ނާވީ ރަނީމް ގެނެސް އޭނަގެ ގަޔާ ކައިރިކޮށްލިއެވެ. "ހިތްވަރުކުރޭ ރަނީމް. އަހަރެން މިތަނުން ދުރަކަށް ނުދާނަން. އަހަރެން ރަނީމްގެ ގާތުގައި ހުންނާނަން." ނާވީ ބުނެލިއެވެ. އެތަނުގައި ހުރި ދައިސަމްއަށް ބަލައިލުމަށްފަހު އޭނަ ބޯ ޖަހައިލުމާއެކު އަނގައިން ބުނުމެއްނެތި ކޮށްލި އިޝާރާތުން ނާވީ އެބުނި އެއްޗެއް ދައިސަމްއަށް ފަހުމްވެއްޖެއެވެ. އޭނަ ވަގުތުން ގެއްލުނީއެވެ. "ނާވީ... އަހަރެން މުޅީން އެކަނިވެއްޖެ..." ރަނީމްއަށް ބުނެވުނެވެ. "ނޫން. ރަނީމް. އަހަރެން މިހުރީނު. ރަނީމްގެ ބައްޕަވެސް އެހުރީނު. އަހަރެމެން އަބަދުވެސް ރަނީމްއާ އެކީ ތިބޭނަމޭ..." ނާވީ ރަނީމްގެ ކަރުނަތައް ފުހެލިއެވެ. "މިހިތާމައާ ކުރިމަތިލާނީ ކިހިނެއްކަމެއް އަހަންނަކަށް ނޭނގެ." ރަނީމްއަށް ބުނެވުނެވެ. އެންބިއުލާންސްއަށް އަރައިގެން ޞިއްޙީ މަރުކަޒަށް ދާން ބުނަންވެގެން ރަނީމްގެ ގާތަށް އައި، ހައިފާއަށް އެކަނި ހުރެ ވާހަކަ ދައްކަމުން ދިޔަ ރަނީމް ފެނުމާއެކު ހިތުގައި ހަމްދަރުދީ އުފެދުނެވެ. ލިބުނު ޝޮކު އަދިވެސް ފިލައިގެން ނުދަނީކަމުގައި އޭނައަށް ހީކުރެވުނެވެ. ފަހަރެއްގައިވެސް އޭނައަށް ނުފެންނަ މީހަކާ ރަނީމް ވާހަކަ ދައްކަފާނެކަމުގައި އޭނައަށް ހީކުރެވިފައެއް ނެތެވެ. "ރަނީމް... ހިނގާ ދާން. " ހައިފާ ބުނެލިއެވެ. އޭނަ ރަނީމްއާ ކައިރިވެލުމުން ބޭނުން ނުވެ ހުރެފައިވެސް ނާވީ ދުރަށް ޖެހިލިއެވެ. ސަމްރާއަކީ އިންސާނެއްކަން އެމީހުން ހަނދާން ނައްތާލައިގެން ނުވާނެއެވެ. އިންސާނުންގެ ތެރޭގައި ހެދިފައިވާ އުސޫލުތަކަށް އެމީހުންވެސް އިޙްތިރާމްކުރަން ޖެހޭނެއެވެ. ހައިފާ ރަނީމްގެ ކޮނޑުގައި ހިފާ އޭނައާ ގާތްކޮށްލައިގެން ހުރެ ގޮސް ދޮރޯށިން ނުކުމެ އެންބިއުލާންސްއަށް އެރިއެވެ. ރަނީމްގެ ދެލޮލުން ކަރުނަ އަންނަމުން ދިޔަޔަސް އޭނަގެ ގިސްލުންވަނީ މަޑުވެފައެވެ. ހައިފާ ގާތުގައި ރަނީމްގެ އަތުގައި ފިރުމާލަ ފިރުމާލާ އިނެވެ. އެންބިއުލާންސާއެކު، ރައާބިލްއާ ނާވީވެސް ދިޔައެވެ. އެންބިއުލާންސް ގޮސް ޞިއްޙީ މަރުކަޒުގެ ގޯތިތެރެއަށް ވަތްއިރު، ހައިފާގެ އާއިލާގެ ބައެއް މީހުން ތިއްބެވެ. ސްޓްރެޗާގައި ސަމްރާގަ ހަށިގަނޑު އެންބިއުލާންސްއިން ނެރުމާއެކު، ރަނީމްއާއި ހައިފާވެސް ފޭބިއެވެ. ހައިފާގެ މައިންބަފައިންވެސް އައިސް ރަނީމްއަށް ހިތްވަރު ދިނެވެ. ނާވީއާއި ރައާބިލްއާވެސް އޭރު އެތަނުގައި ތިއްބެވެ. މަރުކަރަށް ގެންދެވުނުތާ މާ ގިނައިރެއްނުވެ ސަމްރާގެ މަރު ސާބިތުކުރެވިގެން ދިޔައެވެ. ރަނީމްގެ ގާތުން ހައިފާ ދުރަކަށް ނުދެއެވެ. ނާވީއާއި، ރައާބިލްއަށް ބަލައިލުމަށްފަހު، ރަނީމް ހައިފާގެ އާއިލާ މީހުންތަކުގެ ތެރެއިން ނުކުތްވަގުތު އެތަނަށް ނަމީރުމެންވެސް އަތުވެއްޖެއެވެ. އެމީހުން ތިބީ ރަނީމްއާ ވާހަކަ ދައްކަން ބޭނުންވެފައި ނަމަވެސް، އެތަނުގައި މީހުން ގިނަ ކަމުން އެ ފުރުސަތެއް ނުލިބުނެވެ. އެހެންކަމުން މަޑުކޮށްލައިގެން ތިބީ ފުރުސަތެއް ލިބެންދެނެވެ. އިރުކޮޅަކުން ޔޫނުސްއާއި އޭނަގެ ޢާއިލާވެސް އެތަނަށް އަތުވެއްޖެއެވެ. އެމީހުންނަށް އެ ޚަބަރު ލިބުނީ ހޮސްޕިޓަލުގައި މަސައްކަތްކުރާ ޢާއިލާ މީހެއްގެ ފަރާތުންނެވެ. ޝާރިފްވެސް ހުއްޓެވެ. އޭރު އޭނަގެ މޫނުމަތީގައި ވަނީ ޖެހިލުންވުމެއްގެ އަސަރެވެ. ސަމްރާ ކުއްލި ގޮތަކަށް މަރުވުމާއި، ހާމިދު ގެއްލުމާ ގުޅުމެއް ވެދާނެޔޭ އޭނަގެ ހިތަށް އަރަނީއެވެ. ހައިފާގެ ގާތުގައި ހުރި ރަނީމް ހުރި ގޮތް ފެނި އޭނަގެ މޭގައި ރިހުމެއް އުފެދިގެން ދިޔައެވެ. ހަމައެހިނދު ކުށްވެރި އިޙްސާސެއްވެސް އައިސް މީހާ ވަށާލައިފިއެވެ. ކުރެވުނު ކަންތަކާ މެދު ޝާރިފްގެ ހިތުގައި ބިރުވެރިކަން އުފެދެން ފެށިއެވެ. އެއާއެކު އޭނަގެ ގައިގައި ތުރުތުރު އެޅުމެއް އުފެދެންފެށިއެވެ. ފާޑެއްގެ ފިންޏެއް ފައިން ފެށިގެން ބޮލާ ހިސާބަށް ދަތުރުކޮށްލި ހިނދު މުޅި މީހާ ރޫރޫ އަޅައިގެން ގޮސް ގައިން ހީބިހި ނަގައިގެން ދިޔައެވެ. ހިންދިރުވައިލުންވެސް ވީ އުނދަގޫކަމަކަށެވެ. ރަނީމްއަށް ޝާރިފްއަށް ބަލައިލެވުނު ހިނދު ހިތާމައިގެ ތެރެއިންވެސް އޭނަގެ ދަތްކުނޑި ވިކިގެން ދިޔައެވެ. ހަމަ އެހިނދު އޭނަގެ ދެބުމަ ގޮށް ޖެހިގެން ދިޔައެވެ. އޭނައަށް ވަނީ ޝާރިފް ސިހުރު ހެދިކަންވެސް ވެސް އެނގިފައިކަމުން، ރުޅިގަނޑު ކޮންޓްރޯލްކުރުން ވީ އުނދަގޫކަމަކަށެވެ. ދެލޯ ބޮޑުކޮށްލުމާއެކު ރަނީމްއަށް ޝާރިފްއާ ދިމާލަށް ދުއްވައިގަނެގެން އުޅުނު ނަމަވެސް ދެވަނަ ސިކުންތުގައި އޭނަގެ ފައި ހުރިތަނުގައި ހީވީ ތަތްލިހެންނެވެ. ބަލައިލިއިރު، ބައްޕަ ހުރީ އޭނައަށް ބަލަހައްޓައިގެންނެވެ. ރަނީމްގެ އަނގައިން އަޑެއްވެސް ނުނުކުތެވެ. "މިވަގުތު ތިއީ ރަނގަޅު ގޮތެއް ނޫން ދަރިފުޅާ... އިހަށް ކެތްތެރިވޭ. އަދި އޭނައާ ސުވާލުކުރުމުގެ ފުރުސަތު ދަރިފުޅަށް ލިބޭނެ." އެތަނުގައި ތިބި މީހުންގެ ތެރެއިން ރައާބިލްގެ އަޑު އިވެނީ ހަމައެކަނި ރަނީމްއަށާއި ނާވީމެންނަށެވެ. ހަޤީޤަތުގައި ރައާބިލްގެ ރުޅިގަނޑުވެސް ވަނީ ޝާރިފް ފެނުމުން ފަޅައިގެންދާން ކައިރިވެފައެވެ. އެހެންނަމަވެސް މި ދަނޑިވަޅު ބަދަލު ހިފުމުގެ ގޮތުން ޝާރިފްއަށް ކަމެއް ކުރަން ރައާބިލް ބޭނުމެއް ނޫނެވެ. ކެތްތެރިކަން އިސްކުރީ އެހެންވެގެންނެވެ. ކެތްތެރިވާން ނާވީމެން ނަސޭހަތް ތެރިވެފައިވާތީއާވެސް އެކުގައެވެ. "ރަނީމް... މިވަގުތަކު ނޫން. ބައްޕަ އެ ދައްކަނީ ރަނގަޅު ވާހަކައެއް." ނާވީވެސް އޭނައަށް ވިސްނައިދިނެވެ. އެމީހުންގެ ވާހަކަތަކަށްފަހު ރަނީމް އެންމެފަހުން އެއްބަސްވި ނަމަވެސް، އޭނައަށް ޝާރިފްއާ ދިމާލަށް ބަލަހައްޓައިގެން ހުރެވުނީ ނުރުހިފައިވާ ނަޒަރަކުންނެވެ. ރަނީމްގެ އެ ނަޒަރުން ޝާރިފްގެ ހިތެއް ފާޑެއްގެ ގޮތެއް ވެލިއެވެ. ރަނީމްއަށް ކޮންމެވެސް ކަމެއް އެނގޭކަމުގައި އޭނަގެ ހަވަނަ ހިއްސު ބުނެލީ ކީއްވެގެންކަމެއް އޭނައަކަށް ނޭނގުނެވެ. އެނގޭހާވެސް އެއްޗަކީ ރަނީމްގެ ދެލޮލުން ފެނުނު ނަފްރަތުގެ އަސަރުތައް ރަނީމްއަށް ކޮންމެވެސް ކަމެއް އެނގޭކަމުގައި ދޭހަކޮށްދެމުން ދާ ކަމެވެ. އެކަމުގެ ސަބަބުން އޭނައަށް ހިތްދިރުވައިލުންވެސް ވީ އުނދަގޫކަމަކަށެވެ. ޔޫނުސް ރަނީމްއާ ކައިރިވެލާފައި ރަނީމްއަށް ހިތްވަރު ދިނެވެ. ޝާރިފް ރަނީމްގެ ގާތަށް ދާން ފިޔަވަޅެއް އަޅާލާފައިވެސް މަޑުޖެހިލިއެވެ. ރަނީމްގެ މޫނުމަތީގައިވި ރުޅިވެރިކަމުން އޭނައަށް ކުރިއަށް ފިޔަވަޅެއް އަޅަން ނުކެރުނީއެވެ. އޭނަގެ ހިތް ދިޔައީ އޭރުވެސް ވަރަށް ބާރުމިނުގައި ތެޅެމުންނެވެ. ސިއްޙީ މަރުކަޒުން ސަމްރާގެ ހަށިގަނޑު ދެން ގެންދެވުނީ ރަށުގެ ބޮޑު މިސްކިތު ގޯތިތެރޭގައިވާ ހިނަވާގެއަށެވެ. ގަބުރުރުސްތާނުވެސް ހުންނަނީ އެތަނާ ކައިރީގައެވެ. ހިނެއުމަށްފަހު، މޫނު ދެއްކުމަށްފަހު ކަށުނަމާދުކުރެވުނީ އިޝާނަމާދު ފަހުންނެވެ. މިސްކިތު ގޯތިތެރޭގައި ހުރި ގޮނޑީގައި ރަނީމް އިށީނދެލައިގެން އިނދެފައި ތެދުވީ ވަޅުލުލަށްފަހު ގަބުރުސްތާނުން މީހުންގަނޑު ނުކުތްތަން ފެނިފައެވެ. ހައިފާ ރަނީމްއާއެކު ރަނީމްމެން ގެއާ ހިސާބަށް ދިޔައެވެ. އޭރު ރަނީމްގެ ދެލޮލުގައިވެސް ދުޅަކަމެއް ވެއެވެ. އެކަމުގެ ސަބަބުން ދެލޮލުގައިވެސް ކޮންމެވެސް ވަރަކަށް ރިހެމުން ދިޔައެވެ. "އަހަރެން މިރޭ ރަނީމް ގާތު މަޑުކޮށްލާނަން." ގެއަށް ވަނުމަށްފަހު ހައިފާ ބުނެލިއެވެ. "ނޫން. އަހަރެން ބޭނުމީ އެކަނިވެލަން." ރަނީމް ބުނެލިއެވެ. އޭނަގެ ގާތުގައި ބައްޕައާއި ނާވީ ތިބޭނެއެވެ. ވީއިރު އޭނަ އެކަންޏެއް ނުވާނެއެވެ. ހައިފާ ފޮނުވައިލަން ދޮގު ހަދަން ޖެހުނު ސަބަބަކީވެސް އެއީއެވެ. "އެކަމަކު.... ރަނީމް..." ހައިފާ ދެކޮޅު ހަދަން އުޅުނެވެ. އެހެންނަމަވެސް، އެކަމަކާ ރަނީމް އެއްބަހެއް ނުވިއެވެ. "އަހަރެން މިހާރު މިހުރީ ހަމަޖެހިފައޭ... މާދަން އަހަރެން ހައިއަށް ގުޅާނަން. އައި ޕްރޮމިސް...." ރަނީމް ހައިފާގެ އަތުގައި މަޑުމަޑުން ހިފައްޓައިލިއެވެ. ހައިފާއަކީ އޭނައަށް ހެޔޮއެދޭ ރަނގަޅު އެކުވެރިއެއްކަން ރަނީމްއަށް އެނގެއެވެ. އެހެންނަމަވެސް މިވަގުތު ހައިފާ އެގޭގައި މަޑުކުރާކަށް އޭނަ ބޭނުމެއް ނޫނެވެ. ހައިފާގެ އެތަކެއް އާދޭސްތަކަށްފަހުވެސް ރަނީމް އެގޮތާ އެއްބަހެއް ނުވިއެވެ. އެންމެފަހުން ގޮތް ދޫކުރީ ހައިފާއެވެ. "އެންމެ ރަނގަޅު. އެކަމަކު ކަމެއްވެއްޖެއްޔާ އަހަންނަށް ގުޅައްޗޭ..." ރަނީމް އެކަނިކޮށްލާފައި ދާން ހައިފާގެ ހިތެއް ނޭދުނެވެ. "ތެންކިއު ހައި... ހުރިހާ ކަމަކަށްވެސް.... " ރަނީމް ހައިފާގެ ގައިގައި ބައްދާލާފައި ބުނެލިއެވެ. އިތުރު ގޮތެއް ނެތް ފަދައަކުން ހައިފާ އެގެއިން ނުކުމެގެން ދިޔައީ ފަހު ފަހަރަށްވެސް ރަނީމްއާ މެދު ކަންބޮޑުވުން ފާޅުކޮށްލާފައެވެ. ހައިފާ ދިޔުމާއެކު، ރަނީމް އެނބުރިލިއެވެ. އެތަނުގައި ތިބި އެންމެން އޭނަގެ ލޮލުގައި އަޅައިގަތެވެ. ނާވީގެ އާއިލާއާ ރައާބިލްއެވެ. އެމީހުން އައިސް ރަނީމްއަށް ހިތްވަރު ދިނެވެ. ޚާއްސަކޮށް ބަތީލާއާ ޝައިސްތާއެވެ. އެމީހުން ދެމީހުންވެސް ރަނީމްގެ ގައިގައި ބައްދާލާފައި ވަރަށް ވާހަކަ ދެއްކިއެވެ. "ދަރިފުޅު އަރާމުކޮށްލަން ދާންވީނު..." ހުރިހާކަމަކަށްފަހު ރަނީމް ހުންނާނީ ވަރަށް ވަރުބަލިވެފައިކަން އެނގޭތީ ރައާބިލް ބުނެލިއެވެ. އޭރު ގަޑިން ދިހައެއް ޖަހަނީއެވެ. ކޮޓަރީގެ ދޮރާ ދިމާލަށް ބަލާލާފައިވެސް ރަނީމްއަށް އިސްޖަހައިލެވުނީއެވެ. އެކޮޓަރީގައި އޭނަ އެކަނި އޮންނާނީ ކިހިނަކުން ހެއްޔެވެ؟ މަންމަ ނެތުމުގެ ފަޅުކަން ފޫ ބައްދާނީ ކިހިނަކުން ހެއްޔެވެ؟ އޭނަ މަންމައާއި ނުލާ އުޅޭނީ ކިހިނަކުން ހެއްޔެވެ؟ އަނެއްކާވެސް އޭނާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. މިވާތުވެ ދިޔަ ދުވަސްތަކުގައި ހިނގި ހުރިހާކަމެއްގެ ޚިޔާލުތައް އޭނާގެ ސިކުނޑީގައި ވަކިވަކީން ޓަކިދޭން ފެށިއެވެ. "އަހަރެން ބޭނުން ޝާރިފްއަށް އަހަންނަށް ހުރިހާކަމެއް އެނގޭކަން އަންގަން...." ފުންނޭވާއެއް ދޫކޮށްލުމަށްފަހު ރަނީމް ރައާބިލްއަށް ބަލައިލިއެވެ. މިވަގުތަކު ނޫނޭ ބުނުމުގެ ގޮތުން ރައާބިލް ދެފާރާތަށް ބޯ ހޫރައިލިއެވެ. ރަނީމް ކުރުނުކޮށް ކިޔަން ފެށުމުން އެންމެފަހުން ރައާބިލް އޭނަގެ ބާރުގެ ބޭނުންކުރީއެވެ. އޭނަ ރަނީމް ނިންދަވައިލީއެވެ. "ރަނީމްއަށް އެ ވާހަކަތައް ކިޔައިދެވުމަކީ އަނެއްކާ ހެދުނު ގޯހެއްބާ؟" ރައާބިލްއަށްވެސް އަމިއްލަ ނަފްސަށް ބުނެވުނެވެ. ރަނީމް ކޮޓަރިއަށް ލާފައި ނާވީ އައުމުން ދައިސަމް ވާހަކަ ދައްކަން ފެށިއެވެ. "އެ އިންސިގެ ފުރާނަވެސް ވަނީ ނުރައްކަލަށް ހުށައެޅިފައި. ހާމިދުގެ ޖިންނިތަކުން ޖިންނިއެއް އޭނަގެ ފުރާނައަށް ދަހިވެތިވެގެން އެބަ އުޅޭ. އޭނަ ހާމިދު ހޯދަން ރުއްފަލަށް ދިޔަތަނުން އޭތި އޭނައާ ދިމާކޮށްލި. އެކަމަކު އެކަމަށް ހުރަސް އެޅީ އަހަރެން. ނާވީ ނޫނީ ރަނީމްގެ ބައްޕަ.... އޭނައަށް ބޭނުން ގޮތެއް ހެދުމުގެ ފުރުސަތު އަހަރެން ތި ދެމީހުންނަށް ދޭން ބޭނުންވީ..." ***** ކޮޓަރީގައި އޮތް ޝާރިފްއަށް އޮތީ ނުނިދިފައެވެ. އޭނަ އޮތީ ދެލޯ ތަންމިނަށް ހުޅުވާލައިގެންނެވެ. ކުއްލިއަކަށް ހީވީ އޭނަގެ ކަންފަތް ދޮށުގައި މީހަކު ފުމެލީ ހެންނެވެ. އެއަށްފަހު މުޅި ކޮޓަރި ތެރެއިން އިވެން ފެށީ ބިރުވެރި ހިނިގަނޑެއްގެ އަޑެވެ. ފުންމައިގެން ތެދުވެ އޭނަ އެނދުގައި އިށީނދެލިއެވެ. ކަންފަތުގައި އަތް އަޅައިލި ނަމަވެސް އެ އަޑެއް ނުކެނޑުނެވެ. "ހާމިދުވަނީ ކަލޭވެސް އަހަރެމެންނަށް ހިބައިން ދީފައި...." ކަންފަތް ދޮށުގައި އަނެއްކާވެސް ވައި އަޑުން ބުނެލިއެވެ. "ނޫން ނޫން...." ޝާރިފް އެނދުން ފުންމައިގެން ތެދުވިއެވެ. އޭރު ކޮޓަރި ތެރޭގައި ކަޅު ހިޔަނިތަކެއް ހަރަކާތްތެރިވަމުން ދިޔައިރު، ފާޑެއްގެ ބިރުވެރި އަޑު ފަށްގަނޑެއްވެސް ހުއްޓެވެ. ހީވަނީ ވައިރޯޅިތައް ބާރު ސަރަހައްދެއްގައި އުލެވޭހެންނެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ