ޑޮލަރުން ލިބުނު އާމްދަނީ 37 ޕަސެންޓުގެ އިތުރުވުމެއް، ޑޮލަރެއް 20 ރުފިޔާއަށް!
މި ސަރުކާރުން މިދިޔަ އަހަރާއި އޭގެ ކުރީ އަހަރުގެ ފަހުކޮޅު ފަތުރުވެރިކަމާ ގުޅުންހުރި ޓެކްސްތައް ބޮޑުކުރުމުން، މިދިޔަ އަހަރު މީރާއަށް ބަލައިގަތް ޑޮލަރުގެ މިންވަރު 37 ޕަސެންޓް އިތުރުވެއްޖެ އެވެ.މީރާއިން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން، ޑިޕާޗާ ޓެކުހުގެ ގޮތުގައި މިދިޔަ އަހަރު 123 މިލިއަން ޑޮލަރު ލިބިފައިވެއެވެ. އެއާ އަޅައިބަލާއިރު، 2024ގައި ޑިޕާޗާ ޓެކުހަށް ލިބުނީ 74 މިލިއަން ޑޮލަރެވެ.ގްރީން ޓެކުހަށް ބަލާއިރު، މިދިޔަ އަހަރު 146 މިލިއަން ޑޮލަރު ލިބުނެވެ. އެއީ މިދިޔަ އަހަރު ލިބުނު 70.5 މިލިއަން ޑޮލަރަށް ވުރެ 108 ޕަސެންޓް އިތުރު އަދަދެެކެވެ. އަދި ޓީޖީއެސްޓީން ޖުމްލަ 11 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރޭގައި ޑޮލަރުން ލިބުނު 714 މިލިއަން ހިމެނުނެވެ.މީގެ އިތުރުން، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މީރާއަށް 347 މިލިއަން ޑޮލަރު ލިބިފައިވާއިރު، އޭގެ ތެރޭގައި އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ލިބުނު 124 މިލިއަން ޑޮލަރު ހިމެނުނެވެ. އެއާ އަޅައިބަލާއިރު، 2024ގައި އެއާޕޯޓް ޑިވެލޮޕްމެންޓް ފީއަށް ލިބުނީ 75.2 މިލިއަން ރުފިޔާއެވެ.ޑޮލަރު އާމްދަނީ އިތުރުވި ނަމަވެސް، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 20.20 ރުފިޔާއަށެވެ. އެއީ، މި ފަހުގެ ތާރީހެއްގައި ޑޮލަރުގެ އަގު އެރި އެންމެ މައްޗެވެ.އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މީގެ ކުރިން ވިދާޅުވީ, ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ހަތަރު މަހެއްހައި ދުވަހުން ރާއްޖެއަށް ދިމާވެފައި އޮތް ޑޮލަރުގެ މައްސަލަ ހައްލުކުރުން ކަމަށެވެ.އޭގެ ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ޑޮލަރުގެ އަގު މަތި ނުވާނެ ކަމަށާއި ދެން ދާނީ ތިރިއަށް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އަދިއަދަށް ވެސް އެކަން ކާމިޔާބު ވާގޮތެއް ނުވެއެވެ. ޑޮލަރު ތާށިކަމާ މެދު އާންމުންނާއި ވިޔަފާރިވެރިންގެ ކަންބޮޑުވުން ހުއްޓަސް ސަރުކާރާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވެސް ބުނަނީ، ރަސްމީ ރޭޓަށް ޑޮލަރުގެ އަގު ތިރިކުރެވޭނީ މިހާރު ތަންފީޒުކުރަމުން އަންނަ ބޭރު ފައިސާގެ ސިޔާސަތުތައް ތަންފީޒުކޮށްގެން ކަމަށެވެ. ރާއްޖޭގައި ޑޮލަރު ވިއްކާ ރަސްމީ ބޭންކް ރޭޓަކީ 15.42 ރުފިޔާ އެވެ. އެކަމަކު، ބޭންކުން އެކަށިގެންވާ މިންވަރަށް ޑޮލަރު ނުލިބޭ މައްސަލަ ބޮޑުވެ، އާންމުން ޒަރޫރީ ކަންކަމަށް ވެސް ޑޮލަރު ހޯދަން ޖެހެނީ މަގުމަތީ ބާޒާރުންނެވެ. މިއަދު ކަޅު ބާޒާރުން ޑޮލަރު ގަންނަން ލިބެނީ 20.25 ރުފިޔާ އަށެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ޑޮލަރުގެ ތާށިކަން ދުއްވާލި އެވެ. ކަޅު ބާޒާރުން ޑޮލަރު ގަންނަން ނުޖެހޭ ވަރަށް އެ ބާޒާރުގެ ބާރު ކަނޑުވާލި އެވެ. އެކަމަކު، ޔާމީންގެ ހިޔަނިން މި ސަރުކާރު ވެރިކަމަށް އައިސް، ދުވަސްތަކެއް ނުވެ ޑޮލަރުގެ އަގު އަނެއްކާ ވެސް އުފުލެން ފެށީ އެވެ. މި ސަރުކާރުން ވެރިކަމަށް އައީ ފުރަތަމަ ތިން މަސް ތެރޭ ޑޮލަރު ލިމިޓު ބޮޑުކޮށް، އޭގެ ފަހުން ލިމިޓު އުވާލާނެ ކަމުގެ ވައުދާއެކުގަ އެވެ. ނަމަވެސް އެ ބަދަލުތައް ތަންފީޒުކުރެވިފައި ނުވެ އެވެ. އެކަމަކު، އެ މައްސަލަ ހައްލު ކުރުމަކީ މި ސަރުކާރުން ވެސް އަބަދުވެސް ނިޔަތް ގަނެގެން އޮތް ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ