މިލާން (ޖެނުއަރީ 9) - އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުން ރަފައެލް ލެއާއޯ ޖެހި ގޯލުން އޭސީ މިލާނުން ޖެނޯއާއާ 1-1 އިން އެއްވަރުވެއްޖެ އެވެ.
މިލާނަށް މޮޅުނުވެވުމުން، އިންޓަ އިން އެއް ވަނައިގައި އޮތީ ތިން ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އިންޓަ އަށް 18 މެޗުން 42 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި މިލާން އޮތީ 18 މެޗުން 39 ޕޮއިންޓް ހޯދައިގެންނެވެ.
ރޭ މިލާން ދަނޑުގައި ކުޅުނު މެޗުގައި، ޖެނޯއާ އިން ވަނީ 28 ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މިއީ، އޭރިއާތެރެއަށް ޖެނޯއާގެ ރުސްލާން މަލިނޯސްކީ ނެގި ހުރަހަކުން، ލޮރެންޒޯ ކޮލަމްބޯ ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ.
މެޗުގެ 38 ވަނަ މިނިޓްގައި، މިލާނަށް އެއްވަރުކޮށްދޭން ކުޑައޭރިއާތެރެއިން ލެއާއޯ ޖެހި ބޯޅަ ޖެނޯއާ ކީޕަރު، ނިކޯލާ ލިއާލީ ވަނީ މަތަކޮށްފަ އެވެ. އަދި، މިލާނުން މެޗުގެ 58 ވަނަ މިނިޓްގައި ގޯލެއް ޖެހި އެވެ. އެކަމަކު، ކްރިސްޓިއަން ޕުލިސިޗް މި ލަނޑު ޖެހީ ބޯޅައިގައި އަތްލައިގެން ކަމަށް ނިންމައި، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އެ ގޯލު ބަލައިނުގަންނަން ނިންމި އެވެ.
އިތުރު ވަގުތުގެ ފަސް މިނިޓްގެ ތެރެއިން ފުރަތަމަ މިނިޓްގައި ކޯނަރަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅައެއް ލެއާއޯ ވަނީ ބޮލުން ގޯލަށް ފޮނުވާލައި، ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
މެޗުގެ ފަހު ސިކުންތު ތެރޭގައި މެޗުން މޮޅުވާން ޖެނޯއާ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. މިއީ، މިލާންގެ ފުލްބެކް، ޑާވިޑޭ ބާޓެސާޖީ އޭރިއާތެެރެއިން ޖެނޯއާގެ މިކައެލް އެލާޓްސަން އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އަކުން ލިބުނު ފުރުސަތެކެވެ. އެކަމަކު، ޖެނޯއާގެ ނިކޮލައެ ސްޓަންޗޫ ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ޖެނޯއާ އިން މި ވަނީ ޖެހިޖެހިގެން ތިން ސީޒަނުގައި ރަށުންބޭރުގައި މިލާން އަތުން ބަލިނުވެ ނިންމާލައިފަ އެވެ. އެންމެ ފަހުން އެ ޓީމަށް މިކަން ހާސިލްކުރެވުނީ، 1976-1981 އާ ދެމެދުގަ އެވެ. އެ ފަހަރު ތިން މެޗުން ވެސް ވީ އެއްވަރެވެ.
ލެއާއޯގެ ގޯލުން ޖެނޯއާ އާއި މިލާން އެއްވަރު ލެއާއޯގެ ގޯލުން ޖެނޯއާ އާއި މިލާން އެއްވަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ