ފުވައްމުލައް ނެރުމަތީ އޮއިބާރުވެ، ޑައިވިން ދޯންޏެއް އުރިއްޖެ
ފުވައްމަލަކަށް އޮޑިދޯނި ފަހަރު ވަންނަ ނެރުމަތީގެ އޮއި ގަދަވެ، ޑައިވިން ދޯންޏެއް އުރިއްޖެއެވެ. ކޮންމެ އަހަރެއްގެ ވެސް އިރުވައި މޫސުން ފެށޭއިރު ނެރުމަތީ އޮއިބާރުވާ ދުވަސްވަރެއް އަންނަކަމަށް އެ ރަށު މީހުން މައުލޫމާތު ދެއެވެ. އެހެންކަމުން ބައެއް ހާދިސާތައް މި ދުވަސްވަރު ހިނގަން މަގުފަހިވެއެވެ. 'ސަން'އިން ސުވާލުކުރުމުން ފުވައްމުލަކު އިރު އުތުރު ދާއިރާގެ ކައުންސިލަރު ޢަބްދުالله ނާޞިރު އަޙްމަދު މިއަދު ވިދާޅުވީ، މިއަދު ޑައިވިން ދޯންޏެއް އުރުނުކަމަށާއި، އެ ދޯނި ފުންކުރަން ވަގުތު ނެގި ކަމަށެވެ. "ކޮންމެ އަހަރެއްގައި ވެސް އިރުވައި މޫސުމުގައި އަންނާނެ ތަންކޮޅެއް ގަދަ ދުވަސްކޮޅެއް ފުރަތަމަ ކޮޅުގައި، އެ ދުވަސްކޮޅު މިއީ، އެހެންވެ އެދުވަސްކޮޅު ވާ ގޮތަކީ ނެރު ތެރެއަށް ނެރުގެ އަނގަ މަތިން އުދަ ވަދެގެން އަންނާނެ،" ނާޞިރު ވިދާޅުވިއެވެ. އެހެންވެ، މިދުވަސްވަރު އޮއިވަރު ގަދަ ކަމަށާއި، ދޭތެރެއަކުން ކުރީ އަހަރުތަކުގައި އެހެންވާ ކަމަށް ނާޞިރު ވިދާޅުވިއެވެ. ނަމަވެސް އޮއިވަރު ގަދަ ދުވަސްތައް އެހާ ގިނަ ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ފުވައްމުލަކު ކައުންސިލުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ، މި ދުވަސްވަރު އެ ސިޓީގެ ނެރުމަތީ އޮއި ގަދަވެ، ރާޅު ބޮޑުވެ މޫސުން ގޯސްވަމުން ދާތީ ބަނދަރަށް ވަދެ ނިކުމެ ހަދާއިރު ސަމާލުވުމަށް އެދިފައެވެ. ނަކަތް ކަލަންޑަރުން ދައްކާ ގޮތުގައި، އުތުރު ހަޅަ ނަކަތް މި ވަނީ ފެށިފައެވެ. ކޮންމެ އަހަރެއްގެވެސް ޖަނަވަރީ މަހުގެ ހަވަނަ ދުވަހުން 18ވަނަ ދުވަހަށް އޮންނަ މި ނަކަތުގައިވާ ގޮތުން، އުޑުމަތި އާންމުގޮތެއްގައި ސާފުވާނެއެވެ. އެކަމަކު އިރު އުތުރުން އަންނަ ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ވެއެވެ. އުތުރު ހަޅަ ނަކަތަކީ އިރުވައި މޫސުމުގެ ތިންވަނަ ނަކަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ