އެމެރިކާއިން ދުނިޔޭގެ ނިޒާުމު ފުނޑާލަނީ ކަމަށް ޖަރުމަނާއި ފަރަންސޭސިވިލާތުން ތުހުމަތުކޮށްފި

ބާލިން (9 ޖަނަވަރީ 2026): އެމެރިކާ ދުނިޔޭގެ ގައުމުތަކުގެ މިނިވަންކަމާއި އިސްތިގުލާލަށް އަރައިގަނެ، ބައިނަލްއަގުވަމީ ގާނޫނާއި އދ. ގެ ޗަޓަރަށް ގޮންޖަހައި ގައުމުތަކަށް ހަމަލާދީ ހިންގަމުންގެންދާ ޖަންގަލީގެ ނާތަހުޒީބީ އަމަލުތައް ވަރަށް ބޮޑަށް ކުށްވެރިކޮށް ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތުގެ ރައީސުން ފުރަތަމަ ފަހަރަށް ވާހަކަފުޅުދައްކަވައިފިއެވެ. އެމެރިކާއަށް ދުވަހަކު ވެސް ނުދެއްވާވަރުގެ ބަހުގެ ހަރުކަށި ހަމަލާތަކެއް ދެއްވަމުން ޖަރުމަނުގެ ރައީސް ފްރަންކް ވޯލްޓާ ޗެއިންމާރު ވިދާޅުވީ، އެމެރިކާ ގެންދަނީ ބައިނަލްއަގުވާމީ ގާނޫނު މުގުރައި މުޅި ބައިނަލްއަގުވާމީ ނިޒާމު ހަލާކު ކުރަމުން ކަމަށެވެ. ޗެއިންމާރު ދުނިޔޭގެ ގައުމުތަކަށް ގޮވާލެއްވީ ގައުމުތަކުގެ ރިސޯސްތަކަށް ވެރިވެގަނެ، ރިސޯސްތައް ފޭރި އެއިން ވައްކަންކުރާ މީހުންގެ ރަސްކަމަކަށް ދުނިޔެ ބަދަލުކުރުމުގެ ކުރިން އެކަން ހުއްޓުވައި، އެފަދަ މީހުންގެ ކިބައިން ދުނިޔެ ސަލާމަތްކުރުމަށެވެ. ޗެއިންމާރު ވިދާޅުވީ، ދުނިޔޭގެ ބައެއް ބޮޑެތި ބާރުތަކުން މިހާރު ހިނގަމުންދަނީ މި ފަހަކަށް އައިސް ނުފެންނަވަރުގެ ބައިނަލްއަގުވާމީ އަމަނާއި ސަލާމަތަށް ނުރައްކާތެރި އަމަލުތަކެއް ކަމުގައެވެ. މި މޭރުމުން ވަހަކަދައްކަވަމުން ޗެއިންމާރު ވަނީ ރަޝިއާއިން ޔުކްރެއިނާ ދެކޮޅަށް ފެށި ހަނގުރާމައަކީ ދުނިޔޭގެ ނިޒާމަށް މި ފަހަކަށް އައިސް އެރި އެންމެ ނުރައްކާތެރި ލޮޅުން ކަމަށް ސިފަކުރައްވާފައެވެ. އަދި، އެމެރިކާއިން ދުނިޔޭގައި ހިންގަމުންގެންދާ އަމަލުތަކަކީ މި ފަދަ ނުރައްކާތެރި ދެވަނަ ލޮޅުން ކަމުގައި އޭނާ ސިފަކުރެއްވިއެވެ. ބުދަ ދުވަހު ބާލިންގައި ބޭއްވި ސިންޕޯޒިޔަމެއްގައި ވާހަކަފުޅުދައްކަވަމުން ޗެއިންމާރު ވިދާޅުވީ، މުޅި ދުނިޔެ ގަބޫލުކުރާ ހަމަތަކާއި ވެލިއުސްތައް އެންމެ ބޮޑަށް ފުނޑާލަމުން ގެންދަނީ އެ ހަމަތަކާއި ވެލިއުސްތައް އުފެއްދުމުގައި އެންމެ އިސްކޮށް އުޅުނު ޔޫރަޕްގެ ބޮޑު ބައިވެރިޔާ ކަމުގައެވެ. އެމެރިކާއިން ފުނޑާލަމުން އެގެންދަނީ އެމެރިކާ އިސްކޮށް އޮވެ ބިނާކުރި ނިޒާމު ކަމަށް ވެސް ޗެއިންމާރު ވިދާޅުވިއެވެ. ދުނިޔޭގެ ގައުމުތަކުގައި ތިއްބަވާ ފަރަންސޭސި ސަފީރުންނާ އެލިޒޭ ގަނޑުވަރުގައި ބޭއްވި ބައްދަލުކުރެއްވުމެއްގައި ވާހަކަފުޅުދައްކަވަމުން ފަރަންސޭސި ރައީސް އެންމަނުއެލް މެކްރޯން ވެސް ވިދާޅުވީ، އެމެރިކާއިން ބައިނަލްއަގުވާމީ ނިޒާމާއި އދ. ގެ ޗާޓަރާއި ބައިނަލްއަގުވާމީ ގާނޫނުތައް ބޮލާލައި ޖެހުމަށް ފަހު، އެމެރިކާގެ ބައިވެރިން ވެސް ދޫކޮށްލަމުންގެންދާ ކަމަށާއި މިއީ ވަރަށް ލަދުވެތި އަދި އެހާމެ ދެރަވަރު ކަމެއް ކަމަށެވެ. ދުނިޔޭގައި އިސްތިއުމާރުގެ ދުވަސްވަރު ނިމުމަކަށް އައިސްފައިވާއިރު އެމެރިކާ ދުނިޔޭގައި އާ ބާވަތެއްގެ އިސްތިއުމާރީ ކުޅިގަނޑެއް ފަށައިގެން އުޅޭކަމަށް ވެސް މެކްރޯން ތުހުމަތުކުރެއްވިއެވެ. ޔޫރަޕްގެ ގައުމުތަކަކީ 2001 ވަނަ އަހަރު އެމެރިކާ އަފްޣާނިސްތާނަށް އަރައިގަނެ ހިންގި އިސްތިއުމާރީ ހަރަކާތްތަކުގައި އެމެރިކާއަށް ހިތްވަރުދީ އެކަމުގައި އަމަލީގޮތުން ބައިވެރިވި ގައުމުތަކެކެވެ. އަދި، 2003 ވަނަ އަހަރު އެމެރިކާ އދ.އާއި ބައިނަލްއަގްވާމީ ގާނޫނަށް ގޮންޖެހުމަށް ފަހު އިރާގަށް އަރައިގަނެ ހިންގި އިސްތިއުމާރީ އަދި ޓެރަރިޒަމްގެ އަމަލުތަކުގައި ވެސް ޔޫރަޕްގެ ގިނަ ގައުމުތައް ބައިވެރިވިއެވެ. ޚާއްސަކޮށް އެކަމުގައި އެމެރިކާއަށް އެންމެ ބޮޑު އެއްބަރުލުމެއްދީ އެމެރިކާއަށް ވާގިވެރިވީ އިނގިރޭސިވިލާތާއި ޔޫރަޕްގެ ގިނަ ގައުމުތަކެވެ. ނަމަވެސް، މި ކަމުގައި ފަރަންސޭސިވިލާތް ބައިވެރިއެއް ނުވެއެވެ. ފަރަންސޭސީންވަނީ އެމެރިކާގެ މި އަމަލާ ދެކޮޅަށް އެ ދުވަސްވަރު ވެސް ވާހަކަދައްކާފައެވެ. އިރާގާއި އަފްޣާނިސްތާނުގައި އެމެރިކާ 2.3 މިލިޔަން މީހުން މަރާލިކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހުރިހާ ޖަރީމާތަކެއްގައި ޔޫރަޕް އޮތީ އެމެރިކާގެ ފަހަތުގައެވެ. ނަމަވެސް، އިރާގުގައި އެމެރިކާ ހިންގި ޖަރީމާތަކާއި ޓެރަރިޒަމްގެ އަމަލުތަކުގައި ފަރަންސޭސިވިލާތުން ބައިވެރިއެއް ނުވެއެވެ. އަނެއްކޮޅުން އިސްރާއީލުން ޣައްޒާއަށް އަރައިގަނެ ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާތަކާ ގުޅިގެން ވެސް ޔޫރަޕްގެ ބޮޑު އެއްވެސް ގައުމަކުން އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އިސްރާއީލުގެ ޖަރީމާތައް ކުށްވެރިކޮށްލަން ވެސް ކެރިފައިވަނީ ޔޫރަޕްގެ ވަރަށް މަދު ގައުމަކަށެވެ. މިދިޔަ ޖުލައި މަހު އދ.އާއި ބައިނަލްއަގުވާމީ ގާނޫނުތަކަށް ގޮންޖެހުމަށް ފަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން އުދުވާނީ ހަމަލާތައް ކުށްވެރިކުރަން ވެސް ޔޫރަޕްގެ ގައުމުތައްވަނީ ފަސްޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ