އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އާއި އޭނާގެ ކޯލިޝަންގެ ބައިވެރިން، މީސްމީޑިއާގައި އާންމުންގެ ޚިޔާލަށް ނުފޫޒު ފޯރުވުމަށްޓަކައި ގިނަ އަދަދެއްގެ ފޭކް އެކައުންޓް ނުވަތަ 'ބޮޓް' ތައް ބޭނުންކުރަމުންދާކަން ތަހުގީގީ ރިޕޯޓަކުން ހާމަވެއްޖެއެވެ.
އިސްރާއީލުގެ 'ޗެނަލް 12' ނިއުސް އިން ކުރިއަށް ގެންދިޔަ މި ތަހުގީގުން ދައްކާ ގޮތުގައި، އެ ޖަމާޢަތުގެ މީސްމީޑިއާގައި ސިޔާސީ ގޮތުން ހަރަކާތްތެރިވާ އެކައުންޓްތަކުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ ހަގީގީ އިންސާނުންނެއް ނޫނެވެ. މީގެ ތެރޭގައި ގިނައީ ނެތަންޔާހޫ އާއި އޭނާގެ ކަނާތު ފިޔައިގެ ކޯލިޝަންގެ މެންބަރުން ކުރާ ޕޯސްޓްތަކަށް ތާއީދު އިތުރުކުރުމަށް ބޭނުންކުރާ ބޮޓު އެކައުންޓްތަކެވެ.
ރޭ އާންމުކުރި މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ނެތަންޔާހޫގެ ޓީމުން ބޮޓްތައް ބޭނުންކުރަނީ ޕޯސްޓްތައް އަޕްލޯޑްކުރާ ވަގުތުން ފެށިގެން ވީހާވެސް އަވަހަށް އެއަށް 'ލައިކް' އާއި 'ޝެއާ' ދިނުމަށެވެ. މީގެ ބޭނުމަކީ މީސްމީޑިއާ ޕްލެޓްފޯމްތަކުގެ އެލްގޮރިދަމްތަކަށް އޮޅުވާލައި، އެ ޕޯސްޓްތަކަކީ މަގުބޫލު ޕޯސްޓްތަކެއްގެ ގޮތުގައި ދައްކައިގެން އެހެން މީހުންނަށް އެ ޕޯސްޓްތައް ފެންނަ މިންވަރު އިތުރުކުރުމެވެ.
ސްކޫޕާ ރިސާޗް ގްރޫޕްގެ ޖޮނަތަން ހަސިދިމް 'ޗެނަލް 12' އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި، ނެތަންޔާހޫ ކުރާ ވީޑިއޯތަކަށް ފުރަތަމަ 60 ސިކުންތުގެ ތެރޭގައި ލިބޭ ޝެއާތަކުގެ ބޮޑުބައެއް އަންނަނީ ބޭރުގެ އެކައުންޓްތަކުންނެވެ. އަދި މި ޝެއާތައް ކުރަނީ ޕޯސްޓް ކުރާތާ އެންމެ 5 ސިކުންތުގެ ތެރޭގައެވެ. މިއީ ނެތަންޔާހޫގެ އެކްސް އެކައުންޓުން އާންމުކޮށް ފެންނަ ކަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
މި ތަހުގީގުގައި ނެތަންޔާހޫގެ ބައެއް ޕޯސްޓްތައް މިސާލެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި 'ބްރަދާސް އިން އާމްސް' ޕްރޮޓެސްޓް ގްރޫޕާ ދެކޮޅަށް ކުރި ޕޯސްޓްތަކާއި، ފުލުހެއް ކަމަށްވާ ނިވް ޕެރޭޒް މަރުވުމާ ގުޅިގެން ކުރި ޕޯސްޓްތައް ހިމެނެއެވެ. މި ޕޯސްޓްތަކަށް ލިބުނު ފުރަތަމަ ރިއެކްޝަންތަކުގެ 70 އިންސައްތައަކީ ބޮޓު އެކައުންޓްތަކުން އައި އެއްޗެހިކަން ވަނީ އެނގިފައެވެ.
މީގެ އިތުރުން، އާންމުކޮށް މިފަދަ ޕޯސްޓްތަކަށް ލިބޭ ކޮމެންޓްތައް ނައްސި ނަމަވެސް، ބޮޓްތައް ބޭނުންކޮށްގެން އެ ޕޯސްޓްތައް ޝެއާކުރާއިރު ވަރަށް ބޮޑަށް ޕޮޒިޓިވްކޮށް ދައްކާކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ބައެއް ފަހަރު މިކަމުގައި ހަގީގީ އިންފްލުއެންސަރުން ބޭނުންކޮށްގެން ކަމެއް ފަށައި، އޭގެ ފަހުން ބޮޓްތައް ބޭނުންކޮށްގެން އެކަން ފުޅާކުރެއެވެ.
މި ރިޕޯޓުގައިވާ ގޮތުން، ނެތަންޔާހޫގެ އެހީތެރިއެއް ކަމަށްވާ ޖޮނަތަން އުރިކްގެ އަބުރު ސަލާމަތް ކުރުމަށްވެސް މިފަދަ 'ވައިޓްވޮޝިން' ކެމްޕޭނެއް ވަނީ ހިންގާފައެވެ. އުރިކް އަކީ ސިއްރު ލިޔެކިޔުންތަކެއް ލީކުކޮށްލި މައްސަލައެއްގައި މިހާރު ތަހުގީގު ކުރެވެމުންދާ މީހެކެވެ.
މި ބޮޓްތައް ބޭނުންކޮށްގެން ނެތަންޔާހޫއާ ދެކޮޅަށް އިހުތިޖާޖުކުރާ މީހުންނާ، ޣައްޒާގައި ރަހީނުކޮށްފައިވާ މީހުންގެ އާއިލާތަކަށް އަމާޒުކޮށް ކެމްޕޭންތައް ހިންގާފައިވާ ކަމަށްވެސް ތަހުގީގުގައި ވަނީ ބުނެފައެވެ.
މީސްމީޑިއާގައި ނެތަންޔާހޫ ޕްރޮމޯޓްކުރާ އެކައުންޓްތަކުގެ ދެބައިކުޅައެއްބަޔަކީ ’ބޮޓުން‘ކަން ހާމަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ