ދިޔަރެސް އާއި ހީނާގެ މައްސަލަ ނާކާމިޔާބުވުމުން ސަލީމް ހައި ކޯޓަށް

'ދިޔަރެސް' ނޫހުގައި ޖެހި ހަބަރަކާ ގުޅިގެން، އެ ނޫހާއި އެ ނޫހުގެ މަސްއޫލުވެރިޔާ ހީނާ ވަލީދުގެ މައްޗަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ސަލީމް (ސައްލެ) ކުރެއްވި ދައުވާގެ މައްސަލަ ސިވިލް ކޯޓުގައި ނާކާމިޔާބުވުމުން އެ ހުކުމް ހައި ކޯޓުގައި މިދިޔަ ހަފުތާ އިސްތިއުނާފްކޮށްފި އެވެ.
ކަމުގެ ފެށުން -
ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު
ސަލީމް މި ދައުވާ ހުށަހެޅުއްވީ، ދިޔަރެސް ނޫހުގައި 25 ޖޫން 2022ގައި "ނޫސްވެރިޔާ ނަސީރު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާއްމުވެއްޖެ"، މި ނަމުގައި ޝާއިއުކޮށްފައިވާ ހަބަރަކާ ގުޅިގެންނެވެ. 
އެ ހަބަރުގައި ސަލީމަށް ނިިސްބަތްކޮށް، "ނަސީރާ އެކު އެ ވީޑިއޯއިން ދެން ފެންނަ މީހާގެ މޫނެއް ނުފެނެ އެވެ. ނަމަވެސް، އަޑު ފެތުރިފައިވާ ގޮތުގައި، އެ ވީޑިއޯގައި ދެން ފެންނަ މީހަކީ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް" ކަމަށް ލިޔެފައިވެ އެވެ.
ތަފްސީލް - އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ސަލީމްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކުރެއްވީ މިދިޔަ މަހުގެ 30 ވަނަ ދުވަހުކަން، ހައި ކޯޓުގެ ރަޖިސްޓްރީން ދައްކަ އެވެ.
މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
ދަށު ކޯޓުގެ ހުކުމް - އެންސްޕާގެ ސީއީއޯ އަދި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދުގެ މައްޗަށް ސަލީމް ކުރެއްވި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމީ:
އަބުރާ ބެހުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅުމުގެ އިތުރުން މީޑިއާ ކައުންސިލަށް ވެސް މައްސަލައެއް ހުށަހަޅާފައިވޭ
ކައުންސިލަށް ހުށަހަޅާ އެފަދަ މައްސަލައެއް މީޑިއާ ކައުންސިލުން ބަލަން ފަށަނީ ކޯޓަށް ހުށަހެޅުމަށް އޮންނަ ހައްގު ދޫކޮށްލާކަމުގެ އިގުރާރުގައި ސޮއިކުރުމުން؛ އެ އިގުރާރުގައި ސަލީމް ސޮއިކޮށްފައިވާކަން އެނގޭ
އެފަދަ އިގުރާރެއް ބޭނުންކުރަނީ މީޑިއާ ކައުންސިލަކީ ޝަރުއީ ކޯޓުން ބޭރުން ކަންކަން ހައްލުކޮށްދޭ ތަނަކަށްވާތީ
މީޑިއާ ކައުންސިލަށް ހުށަހެޅި މައްސަލަ ހުށަހަޅާފައިވަނީ އެ ހަބަރާ ގުޅިގެން އަބުރާބެހުމުގެ ދައުވާއެއް ކުރުމުގެ ހައްގު ދޫކޮށްލާފައި؛ އެހެންވެ، އަބުރުގެ މައްސަލައެއް ކޯޓަށް ހުށަހަޅައިގެން ކުރިއަކަށް ނުގެންދެވޭނެ
އެހެންވެ ދަށު ކޯޓުން ބެލީ ސަލީމް ދައުވާކުރުމުގެ ހައްގު ދޫކޮށްލެއްވީ ކަމުގަ އެވެ. އަދި ހީނާ އާއި ދިޔަރެސްއަށް ވަކީލުންގެ ހަރަދަށް ހޭދަވި 15،000ރ. ދިނުމަށް ވެސް އެ ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ