ހައިކޯޓުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ހައިކޯޓު ކޯޓު ތަމުސީލުކުރައްވާ ފަނޑިޔާރަކަށް، އެ ކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު ހަމަޖައްސަން އެ ކޯޓުން މިއަދު ނިންމައިފިއެވެ. އެންމެ ފަހުން ޖޭއެސްސީގައި އެ ކޯޓު ތަމުސީލުކުރެއްވީ ފަނޑިޔާރު މުހައްމަދު ނިޔާޒުއެވެ. އެކަމަކު، އޭނާވަނީ ފަނޑިޔާރުކަމުން ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގެންފައެވެ. ހައިކޯޓުން މިއަދު ޝަފީއު ޖޭއެސްސީއަށް އިންތިހާބު ކުރިނަމަވެސް، ޝަފީއު ޖޭއެސްސީއަށް އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ. ޖޭއެސްސީއަށް އައްޔަން ކުރުމުގެ ކުރިން ހުވައެއް ވެސް ކުރައްވާނެއެވެ. ދެހާސް ވިހިވަނަ އަހަރު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރި ޝަފީއުއަކީ، މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުން ބެޗްލާ އޮފް ލޯ (އެލްއެލްބީ) ޙާޞިލުކުރައްވައި، މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާސް އޮފް ކޮމްޕަރޭޓިވް ލޯ ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. ޝަފީޢު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވީ 2020 އޮކްޓޫބަރު 4، ގައެވެ. ޖުޑީޝަލް ސާވިސް ކޮމިޝަންގެ ޤާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ޤާނޫނުގެ ދަށުން އުފައްދާއިވާ، ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގެ ގަވާއިދުގެ ހަތަރުވަނަ މާއްދާގެ (ށ)ގެ ދެވަނަ ނަންބަރުގެ ދަށުން، ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން، ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގައި އެއް އަހަރު ދުވަހު، ޝަފީޢު ހިމެނިވަޑައިގެންނެވިއެވެ. ޝަފީޢު އެންމެ ފުރަތަމަ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ 27 އޮކްޓޫބަރު 2013 ގައެވެ. އެ ދުވަހު ޝަފީޢު އައްޔަން ކުރެވުނީ ފެމިލީ ކޯޓުގެ ގާޟީކަމަށެވެ. ޝަފީއުއަކީ ހައިކޯޓުގައި ފާހަގަކޮށްލެވޭ ބޮޑެތި މައްސަލަތަކެއް ބެއްލެވި ފަނޑިޔާރެކެވެ. އޭގެ ތެރޭގައި ރައީސް ޔާމީނަށް، މިދިޔަ ރިޔާސީ އިންތިހާބުގައި ކުރިމަތިލުމުގެ ފުރުސަތު ގެއްލުނު މައްސަލައިގެ އިސްތިއުނާފު ބެންޗުގައި ވެސް ޝަފީއު ހިމެނިވަޑައިގެންނެވިއެވެ. ޝަފީއު ހިމެނިވަޑައިގެންނެވި ބެންޗުންވަނީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލުކޮށްފައެވެ. އެކަމަކު ހުކުމް ބާތިލު ކުރިއިރު، ރިޔާސީ އިންތިހާބަށް އެދި ކުރިމަތިލުމުގެ މުއްދަތު ފަހަނައަޅައި ގޮސްފައިވުމުން ޔާމީނަށް ވާދަނުކުރެއްވުނީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ