މުސްލިމް އަޚުންނޭވެ! ނެތުމުގެތެރެއިން ތިބާ އުފައްދަވައި ދުނިޔޭގެ ޙަޔާތަށް ފޮނުއްވުމުގެ މަޤުޞަދު ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. މާނައީ: "ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ." މާތް ﷲގެ އެއްކައުވަންތަކަމަށް އީމާންވެ، ފަރުޟު ފަސް ނަމާދު ޤާއިމުކުރުމަކީ، މި އާޔަތުގައި ބަޔާންކުރާ މަޤުޞަދު އެންމެ ބޮޑަށް ހާސިލުކޮށްދޭކަމެވެ. އެ ނަމާދަކީ ދީނުގެ ތަނބެވެ. އަދި ޤިޔާމަތްދުވަހު އެންމެ ފުރަތަމަ ޙިސާބުބެއްލެވޭ އަޅުކަމެވެ.
މުސްލިމް އަޚުންނޭވެ! މި މަތިވެރި ވާޖިބަށް ތިބާގެ ދަރީން ލޯބިޖައްސުވައި، ނަމާދަށް ރައްކާތެރިވާ ބަޔެއްގެ ގޮތުގައި ތަރުބިޔަތުކުރާންޖެހެއެވެ. އަދި އެ ކަމުގައި އިހުމާލުވެއްޖެ ނަމަ، ތިބާގެ ދިރިއުޅުމުގެ އުފާވެރިކަން ގެއްލި އާޚިރަތުގައި ބޮޑުވެގެންވާ ހިތާމައެއް ނޫނީ ނުލިބޭނެއެވެ. އެ ދަރީންނަކީ މާތް ﷲ ތިބާއަށް ދެއްވި ވަރަށްބޮޑު ނިޢުމަތެކެވެ. އަދި އެ ދަރީންނާ މެދު މަސްއޫލުވާންޖެހޭނެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަދި ފިރިމީހާއީ އޭނާގެ އަނބިދަރީންގެ ބެލެހެއްޓުންތެރިޔާއެވެ. އަދި އެފަރާތްތަކާ މެދު އޭނާއާ ސުވާލުކުރެއްވޭނެއެވެ. އަދި އަނބިމީހާއީ އޭނާގެ ފިރިމީހާގެ ގޭގެ ކަންތަކާއި ދަރީންގެ ބެލެހެއްޓުންތެރިޔާއެވެ. އަދި އެ ފަރާތްތަކާ މެދު އޭނާޔާ ސުވާލުކުރެއްވޭނެއެވެ."[2] އެހެންކަމުން ދަރީން ނަމާދަށް އަހުލުވެރިކުރުވަން މަސައްކަތްނުކޮށް، އިހުމާލުވެއްޖެ ނަމަ، ދެމަފިރިން ފާފަވެރިވާނެއެވެ.
މުސްލިމް އަޚުންނޭވެ! އަހަރެމެންގެ ދަރީންނަކީ ނަމާދަށް ލޯބިކުރާ ދަރީންތަކެއްކަމުގައި ހެދުމަށް ޓަކައި އަޅާން ޖެހޭ އެންމެ ފުރަތަމަ ބިންގަލަކީ، އެ ދަރީންގެ މައިންގެ ގޮތުގައި ދީންވެރި ތަޤުވާވެރި މައިން އިޚުތިޔާރުކުރުމެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަންހެނަކާ ކައިވެނިކުރެވެނީ ހަތަރު ކަމަކަށް ޓަކައެވެ. އެއީ، އޭނާގެ މުދަލާއި، އޭނާގެ ޙަސަބާއި، އޭނާގެ ރީތި ކަމާއި، އޭނާގެ ދީންވެރިކަމެވެ. ފަހެ ތިބާ ދީންވެރި މީހާ އިޚުތިޔާރުކުރާށެވެ! އޭރުން މާތް ﷲ ތިބާއަށް ބަރަކާތްލައްވާނެތެވެ. ނޫން ނަމަ ތިބާ ފަޤީރުވެ ބަރުބާދުވެދާނެތެވެ."[3] ދެވަނަ ކަމަކީ ހެޔޮލަފާ ޞާލިޙު ތަޤުވާވެރި ދަރީން ދެއްވުން އެދި މާތް ﷲއަށް ދުޢާކުރުން މަތީ ދެމިހުރުމެވެ. ނަބީބޭކަލުންގެ ބަފައިކަލުން إِبْرَاهِيْم عَلَيْهِ السَّلَام އުމުރުފުޅުން ދުވަސްވެވަޑައިގެންފައި ވަނިކޮށް ދަރިކަލަކު ލިބިވަޑައިގަންނަވާނޭކަމުގެ ޚަބަރު ލިބިވަޑައިގަތުމުން މި ފަދައިން ދުޢާކުރެއްވިއެވެ. މާނައީ: "އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ ދަރީން ކުރެ ބަޔަކު، ގަހެއް ރުކެއް ނެތް ވާދީއެއްގައި، ޙުރުމަތްތެރިކުރައްވައިފައިވާ އިބަރަސްކަލާނގެ ގެފުޅު އަރިހުގައި، ވަޒަންވެރިކޮށްފީމެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުރެން ނަމާދުޤާއިމުކޮށް އުޅުމަށް ޓަކައެވެ. ފަހެ، މީސްތަކުން ކުރެ ބަޔެއްގެ ހިތްތައް އެއުރެންގެ ފަރާތަށް ލަންބަވާނދޭވެ! އަދި މޭވާތަކުން އެއުރެންނަށް ރިޒުޤުދެއްވާނދޭވެ! (އެއީ) އެއުރެން ޝުކުރުވެރިވުމަށް ޓަކައެވެ." ރަސޫލު ﷲ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (صَلَاةُ الْـجَمَاعَةِ أَفْضَلُ مِنْ صَلَاةِ الفَذِّ بِسَبْعٍ وَعِشْرِيْنَ دَرَجَةً)[5] މާނައީ: "އެކަނިހުރެކުރާ ނަމާދަށް ވުރެ ޖަމާޢަތުގައިކުރާ ނަމާދުގެ ޘަވާބާއި ދަރުމަ ހަތާވީސްގުނަ އިތުރުވެގެންވެއެވެ."
މުސްލިމް އަޚުންނޭވެ! ތިބާގެ ދަރީންނަށް ރިވެތި ގޮތުގައި ނަސޭހަތްތެރިވާށެވެ! ލުޤްމާނުގެފާނުގެ ދަރިކަލުންނަށް އެކަލޭގެފާނު ދެއްވި ނަސޭހަތް މާތް ﷲ ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައި ވެއެވެ. އެ ވަޙީބަސްފުޅުގެ މާނައިގައި ވެއެވެ. "އޭ ދަރިފުޅާއެވެ! ތިބާ ނަމާދު ޤާއިމުކުރާށެވެ! އަދި ހެޔޮކަންތަކަށް އަމުރުކުރާށެވެ! އަދި ނުބައިކަންތައް ނަހީކުރާށެވެ! އަދި ތިބާޔަށް ޖެހޭ މުޞީބާތަށް ކެތްކުރާށެވެ! ހަމަކަށަވަރުން، އެކަންވަނީ، ޢަޒުމުކަނޑައަޅާން ޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ."[6] އަދިވެސް މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. މާނައީ: "އަދި ކަލޭގެފާނުގެ އަހުލުވެރީންނަށް ނަމާދުކުރުމަށް އަމުރުކުރައްވާށެވެ! އަދި އެ ކަމުގެ މައްޗަށް ކެތްތެރިވެވަޑައިގަންނަވާށެވެ! ރިޒުޤުދެއްވުމަކަށް ކަލޭގެފާނުގެ ކިބަޔަކުން ތިމަންރަސްކަލާނގެ އެދިވޮޑިއެއްނުގަންނަވަމެވެ. ކަލޭގެފާނަށް ރިޒުޤުދެއްވަނީ، ތިމަންރަސްކަލާނގެއެވެ. ރަނގަޅު ނިމުންވަނީ، ތަޤްވާވެރީންނަށެވެ."
މުސްލިމް އަޚުންނޭވެ! ތިބާގެ ދަރީން މި މަތިވެރި ވާޖިބަށާއި ފިރިހެންދަރީން މިސްކިތުގައި ނަމާދު ޤާއިމުކުރުމަށް ލޯބިޖެއްސުމަށް ޓަކައި އެ ކަމުގައި ހުރި ދަރުމަޔާއި ޘަވާބުގެ ވާހަކަތައް ކިޔައިދީ އެ ކުދީންގެ ހިތްތަކުގައި މި ކަމަށް ލޯބިޖައްސުވާށެވެ! ޤިޔާމަތްދުވަހު މީސްތަކުންނާ އިރު ނުހަނު ކައިރިކުރެވޭނޭކަމާއި، އެ ދުވަހުގެ ގަދަ ހޫނުން މީސްތަކުންގެ ގައިން އޮހޮރޭ ދަލުން، ބިންގަނޑުގައި ކޯރުހެދި އެ މީހެއްގެ ޢަމަލުތައް ހުރި މިންވަރަކުން އޭގެތެރެޔަށް ގެނބި އެއް ބަޔަކު އޭގެ ތެރޭގައި ޣަރަޤުވާނޭކަމަށް ނަބަވީ އިރުޝާދުތަކުން އެނގޭން އެބަހުއްޓެވެ. އަޚުންނޭވެ! ރަސޫލު ﷲ ﷺ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "މާތް ﷲގެ ޢަރުޝިކޮޅުގެ ހިޔާވަހިކަން ފިޔަވައި އެހެން އެއްވެސް ހިޔާވަހިކަމެއްނުވާ ދުވަހު އެކަލާނގެ ޢަރުޝިކޮޅުގެ ހިޔާ ހަތް ބާވަތެއްގެ ބަޔަކަށް ދެއްވާނެއެވެ." އޭގެ ތެރެއިން އެއްބަޔަކީ "މިސްކިތަށް ހިތްޖެހިފައިވާ މީހާ، އެބަހީ: ނަމާދުތަކަށް އިންތިޒާރުކޮށް އެއަށް ރައްކާތެރިވާ މީހުންނެވެ."[8]
މުސްލިމް އަޚުންނޭވެ! ހިތާމައަކީ މިއަދު ނަމާދުގެ ވަގުތުތަކަށް ސަމާލުކަން ދިނުމެއްނެތި ކުޅިވަރު ހަރަކާތްތަކާއި ތަފާތު ޕުރޮގުރާމުތައް އެކިއެކި މުއައްސަސާތަކުން ރާވައި ނަމާދު ވަގުތު ފާއިތުވެދާ އިރު ވެސް އަހަރެމެންގެ ދަރީންނާއި ޒުވާނުން އެ ކަމުގެ ތެރޭގައި މަޝްޣޫލުކުރުވާކަމެވެ. ނަމާދަށް ބަންގިގޮވޭ އިރު މައިންބަފައިން ވެސް، ދަރީންގެ
އަތުގައި ހިފައިގެން ގޮސް މިސްކިތާ ކައިރީގައި އޮންނަ ކުޅިވަރު މައިދާންތަކަށް ދޫކޮށްލާކަމެވެ. ތިމާ މީހާ ނަމާދުކޮށްފައި، ނަމާދުތައް ފާއިތުވެދާ އިރު ވެސް ދަރީން ޓީވީ ބެލުމާއި ތަފާތު ގޭމުތައް ކުޅޭން ދޫކޮށްލައިފައި ބައިތިއްބާ ނަމަ ތިބާ މާތް ﷲއަށް ބިރުވެތިވެ ޚަބަރުދާރުވާށެވެ!
މުސްލިމް އަޚުންނޭވެ! އަހަރެމެން ވޭތުކުރަމުން މިދާ މައްސަރަކީ އަހަރެމެން އެންމެން އެކީ އެކައްޗަކަށް ތަޢުބާވެ މާތް ﷲ ގެ މަގަށް ރުޖޫޢަވުމަށް ރަނުގެ ފުރުޞަތެކެވެ. މިއީ މާތް ﷲ މާތްކުރައްވައި ޙުރުމަތްތެރިކުރައްވައިފައިވާ ރަޖަބުމަހެވެ. ސަވާބާއި ދަރުމަ ހޯދުމަށްޓަކައި މި މަހުގައި ހެޔޮކަންތައްތައް އިތުރުކޮށް ނުބައިކަންތަކުން ދުރުވެގަތުން ހުއްޓެވެ. ނަމަވެސް މި މަހުގެ ވަކި ދުވަހެއްގައި ޚާއްޞަ ރޯދައެއް ނުވަތަ ޚާއްޞަ ނަމާދެއްކުރުމެއްނެތެވެ.
ހުކުރު ޚުޠުބާ: ކުޑަކުދީން މިސްކިތަށް އަހުލުވެރިކުރުވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ