ނުއަގުގައި ބިންތައް ދީގެ ލިބުނު ގެއްލުމުގެ ބަދަލު ހޯދަން މުއިއްޒު ގޮވައިގެން ކޯޓަށް ދާނަން: އަލީ އާޒިމް ނުއަގުގައި ބިންތައް ދީގެ ލިބުނު ގެއްލުމުގެ ބަދަލު ހޯދަން މުއިއްޒު ގޮވައިގެން ކޯޓަށް ދާނަން: އަލީ އާޒިމް

މާލެ ސިޓީގެ މޭޔަރަކަށް މުހައްމަދު މުއިއްޒު ހުންނެވިއިރު މާލެ ސިޓީގެ ބިންތައް ނުއަގުގައި ދިން މައްސަލައިގައި ލިބުނު ގެއްލުން ހޯދަން ކޯޓަށް ދާނެ ކަމަށް އެމްޑީޕީގެ މާލޭ މޭޔަރު ޕްރައިމަރީގައި ވާދަކުރައްވާ އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
އަދަދު ނޫހުން ގެނެސްދޭ އެތެރެފުށް ޕްރޮގްރާމުގައި އާޒިމް ވިދާޅުވީ މޭޔަރުކަމަށް އިންތިހާބުވެއްޖެނަމަ މާލޭގެ ބިންތައް ނުއަގުގައި މުއިއްޒު ދިން މައްސަލަ ފުލުހަށް ހުށަހެޅުމުގެ ބަދަލުގައި، ސިޓީ ކައުންސިލަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އޭނާ މުއިއްޒު ގޮވައިގެން ކޯޓަށް ދާނެ ކަމަށެވެ.
"މިއަދުވެސް އެބައޮތް ސިޓީ ކައުންސިލަށް މުއިއްޒު ގޯސްކޮށް ކޮށްފައި ހުރި ކަންކަމުގެ ބަދަލު ހޯދަން ކޯޓަށް ދެވެން. ބަދަލު ހޯދަން. އެއީކީއެއް ކޮންމެހެން ފުލުސް އޮފީހަށް ހުށަހަޅަންޖެހޭ މައްސަލަތަކެއް ނޫން. މަދަނީ މައްސަލަތަކަކީ ސީދާ ކޯޓަށް ދެވޭނެ ގޮތަށް ގާނޫނުގައި ވެސް އެބައޮތް ސިޓީ ކައުންސިލަށް. އަޅުގަނޑު އިރާދަކުރެއްވިއްޔާ ދާނަން ކޯޓަށް ބަދަލު ހޯދަން،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ މާލެ ސިޓީން ނުއަގުގައި ދީފައި ހުރި ބިންތަކުގެ މައްސަލަ ހައްލުކުރަން ބިންތައް ދީފައި ތިބި މީހުންނާ ވާހަކަ ދައްކާނެ ކަމަށާއި ވާހަކަ ދައްކައިގެން ވެސް ހައްލުވާނަމަ ކޯޓަށް ގޮސްގެން އެ ބިންތަކުގެ އެއްބަސްވުންތައް ބާތިލުކޮށް އަތުލާނެ ކަމަށެވެ.
"ނުއަގުގައި ހުރި ތަންތަން [ބިންތައް] ހަމަ އަގަށް ގެންނަން އަޅުގަނޑު އެ ފަރާތްތަކާ ވާހަކަ ދައްކާނަން. އެ ނުވެއްޖެ ކަމަށްވަނީނަމަ ކޯޓަށް ގޮސް އެ ކޮންޓްރެކްތްތައް ބާތިލުކުރާނަން. އެއްބަސްވުންތައް ބޭނުން ގޮތަކަށް ބޭނުން ވަގުތެއްގައި އިރާދަކުރެއްވިއްޔާ އަޅުގަނޑު ހާމަކުރަމުންދާނަން،" އާޒިމް ވިދާޅުވި އެވެ.
ސިޓީ ކައުންސިލަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން މޭޔަރު ކަމަށް އިންތިހާބުވާ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ލޯޔަރުންގެ ޓީމެއް އެކުލަވާލައި އެ މައްސަލަތައް ކޯޓަށް ވައްދަން ފަށާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
މާލެއިން ކުއްޔަށް ދީފައިވާ 40 ޕަސަންޓު ބިމަކީ މުއިއްޒުގެ މޭޔަރުކަމުގައި ދީފައި ހުރި ބިންތަކެވެ. މިދިޔަ ނޮވެމްބަރުގައި ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ލިސްޓުން އެނގޭ ގޮތުގައި މުއިއްޒުގެ މޭޔަރުކަމުގައި މާލެ ސިޓީ ކައުންސިލުގެ 157 ބިމުގެ ތެރެއިން 63 ބިން ވަނީ ކުއްޔަށް ދީފައިވެ އެވެ.
މާލެ އާއި ވިލިމާލެއިން އެތައް ބިމެއް މުއިއްޒުގެ މޭޔަރުކަމުގައި ކުއްޔަށް ދޫކޮށްފައިވާއިރު، މާލޭގެ މަގުތަކުން ޕާކިން ޖާގައިގެ ގޮތުގައި އެތައް ސަތޭކަ ޖާގައެއް ވެސް ވަނީ އެމަނިކުފާނުގެ މޭޔަރުކަމުގައި ކުއްޔަށް ދޫކޮށްފަ އެވެ. ނަމަވެސް އެއީ ގާނޫނާ ހިލާފު ކަމެއްކަމަށް، ކުރީގެ ބަންޑާރަނައިބު ލަފާ ދެއްވާފައި ވާތީ މިހާރު ވަނީ އެ ޖާގަތަކުގެ އެގްރީމެންޓު އައު ނުކުރަން ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ