އިސްލާމް ދީން މުހިންމެވެ. އިސްލާމީ އުސޫލުތައް ދެމެހެއްޓުން ވެސް މުހިންމެވެ. ދައުލަތް ހިންގުމާއި ހިދުމަތް ދިނުމުގައި އިސްލާމީ ސިފަތައް ހުރުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. 2008 އިން ފެށިގެން އަމަލުކުރަމުންދާ ގާނޫނުއަސާސީގެ ވެސް ރޫހަކީ އެއީ އެވެ. އެކަމަކު ކޮރަޕްޝަން ހުއްޓުވުމާއި، ހެޔޮ ވެރިކަމުގެ އަސާސްތަކަށްވުރެ ސަރުކާރުގެ މުޅި ހަކަތަ މި ފަހުން މި ދުއްވާލަނީ ހެދުން އެޅުމުގެ އުސޫލުތަކެއްގަ އެވެ. ހާއްސަކޮށް ކުޑަކުދިންނާއި އަންހެނުންނަށެވެ.
ސަރުކާރުގެ އަންހެން މުވައްޒަފުންގެ ހެދުން އެޅުން މި ވަރަށް ހަރުކަށި ކުރަން ޖެހޭތަ؟
'ދައުރު'ގެ 'އެއްބަސްވެ ދެބަސްވަމާ'ގެ ވޮޑްކާސްޓް މި ސުވާލަށް ހާއްސަކުރަން ޖެހުނީ ހަގީގީ، މާ ބޮޑު އެހެން ކަންބޮޑުވުމެއް މިއިން ފެންނާތީ އެވެ. އަންހެނުންގެ ޒީނަތްތެރިވުމުގެ ހައްގަކަށްވުރެ މީގެ މަންޒަރު މާ ދުރުން ފެންނަނީ އެތައް މަދަނީ ހައްގަކާ ދިމާއަށެވެ. އެ ހައްގުތައް އޮބަހައްޓަން، އޭގެ ފެށުން މާޒީން ފެންނަން އޮތުމުންނެވެ.
ގިނި ދުށް މީހާ ރަތްމަލަށް ބިރު ގަންނާނެތާ އެވެ. އެންމެ ރަނގަޅެވެ. އެކަމަކު މިއީ މާ ސީރިއަސް ބިރެކެވެ. ހުދުމުހުތާރުކަމަކީ މި ރާއްޖޭގައި ޒާމަންތަކެއް ވަންދެން އޮތް ހަގީގަތެވެ. އެ ސަގާފަތް ނިމުމަކަށް ގެންނަން ޖީލުތަކެއް ގުރުބާން ވެއްޖެ އެވެ. މިހާރުގެ ގާނޫނުއަސާސީއަކީ ވެސް އެ ގުރުބާނީތަކުގެ އަގެކެވެ. އެހެންވިއަސް 2008ގެ ފަހުން ވެސް އައި ކޮންމެ ވެރިކަމަކުން ހުދުމުހުތާރު ސިފަތައް، އެކި ނިސްބަތަށް ފެނުނެވެ.
މިހާރު ވެސް އެ ކަން ދަނީ އެ ބީދައިން ފެންނަމުންނެވެ.
މި ހުކުރު ދުވަހުގެ އެޕިސޮޑްގެ މެހެމާނަކީ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ނައިބު ރައީސް އަދި ޒުވާން ސިޔާސީ އެކްޓިވިސްޓް އީމާ ޝަފީގެވެ. ހޯސްޓުންނަކީ 'ދައުރު'ގެ މެނޭޖިން އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) އާއި ސީނިއާ އެސޯސިއޭޓް އެޑިޓަރު އަހްމަދު ނާއިފެވެ.
ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ނޫސްވެރިޔާ ޒާހިރު ވިދާޅުވީ ސަރުކާރުން ގިނަ ކަންކަން ހައްލުކުރަން މަސައްކަތްކުރާ މަންޒަރު މި ފެންނަނީ އެންމެ މީހެއްގެ ވިސްނުމުގެ މައްޗަށް ކަމަށެވެ. އަދި އެ ވިސްނުމުގައި ހުންނަނީ މުޅިން ވެސް ކަންކަން މަޖުބޫރު ކުރުވުމާއި ހިފަހައްޓުވައިގެން ހައްލެއް ގެނެވިދާނެ ކަމުގެ ވިސްނުމެއް ކަމަށެވެ.
ނަމަވެސް ޒާހިރު ގަބޫލުކުރައްވާ ގޮތުގައި ދުންފަތާ ޖީލުތައް ދުރުކުރުމާއި ހެދުން އެޅުން މިފަދަ ކަންކަން ރަނގަޅުކުރުމަށް ގެންގުޅެނީ ވެސް މާ މާނަހުރި ސިޔާސަތުތަކެއް ނޫނެވެ.
"އިސްލާމީ މުޖުތަމައެކޭ މިއީ. އިސްލާމީ އުސޫލުތައް ދަމަހައްޓަން ޖެހޭ. ދެމެހެއްޓޭނީ އެ އުސޫލުތައް ޕްރޮމޯޓްކޮށްގެން. ލޯބި ޖައްސުވައިގެން. ފައުންޑޭޝަން ރަނގަޅުކޮށްގެން. ރަނގަޅު ގޮތް ކިޔައިދީގެން. ހޭލުންތެރި ވެސް ކުރުވައިގެން،" އެޑިއުކޭޝަން މިނިސްޓްރީގައި ދައުލަތަށް ހިދުމަތްތަކެއް ކުރައްވާފައިވާ ޒާހިރު ވިދާޅުވި އެވެ.
ޒާހިރުގެ ޅަފަތުގެ ދުވަސްވަރުގެ ތަޖުރިބާތަކަށް އިޝާރާތްކުރައްވަމުން ވިދާޅުވީ މި ތަނުގައި އެތައް އަހަރެއްގައި ތައުލީމު ވެސް މަނާކޮށްގެން ތިބި ކަމަށެވެ. ނަމަވެސް 1995ގައި ޒާހިރު ހުސައިންގެ އެޑިއުކޭޝަން މިނިސްޓަރުކަމުގައި ރާއްޖެ ތައުލީމަށް ވަރަށް ބޮޑަށް ހުޅުވާލި ކަމަށެވެ. ނަތީޖާއަކީ އިލްމީ އެކި ވިސްނުންތަކަށް ރާއްޖެ ހުޅުވާލެވުން ކަމަށް ވިދާޅުވި އެވެ.
"މަލްޓި ކަލްޗުރަލް ޔުނިވާސިޓީތަކުން ކިޔަވައިގެން އައިސް ތިބި މީހުން ރާއްޖޭގައި އެބަ ތިބި. އޭރު ވެސް އެފަދަ މީހުން މި ތަނަށް އައިސް އެކި މަގާމުތަކާ ވެސް ހަވާލުވި. [ދެން] އެއް ޑައިރެކްޝަނަކަށް ގެންދަން އުނދަގޫ ވާނެ،" ޒާހިރުގެ ތަޖުރިބާ ހިއްސާކުރެއްވި އެވެ.
ޒާހިރުގެ ގިނަ ވާހަކަތަކަށް އެއްބަސްވަމުން ނާއިފް ވެސް ވިދާޅުވީ ސައުދީ އަރަބިއްޔާ ފަދަ ގައުމުތަކުގައި ވެސް ވަރަށް ފަހަކާ ޖެހެންދެން އަންހެނުންގެ މިފަދަ ޒާތީ ބައެއް ކަންކަން ހިފެހެއްޓުމަށް މަސައްކަތްކުރި މަންޒަރު ފެނުނު ކަމަށާއި ނަމަވެސް އެ ގައުމުގައި ވެސް މިހެން ހިފަހައްޓައިގެން ކަންކަން ބަދަލުނުކުރެވުނު ކަމަށެވެ.
"މީހުންގެ ހިތާ ރޫހުން މި ކަން ކުރަން ޖެހޭނީ،" ނާއިފް ވިދާޅުވި އެވެ.
ރާއްޖެއަކީ ޓުއަރިޒަމަށް ވެސް އިގުތިސޯދު ބަރޯސާވާ ގައުމެއްކަން ފާހަގަކުރައްވަމުން ނާއިފް ވަކާލާތުކުރެއްވި ކަމަކީ ރިވެތި ސިފަތަކަށް ލޯބި ޖެއްސުމާއި އެފަދަ އާދަތަކެއް ގެނައުމަށް މަސައްކަތްކުރުމަކީ މާ މުހިންމު ކަމެއްގެ ގޮތުގަ އެވެ. އިޖުތިމާއީ ފޭރާމުގައި ހުރި ބާގަނޑުތައް ބެއްދޭނީ އޭރުން ކަމަށް ވިދާޅުވި އެވެ.
"އިޖުތިމާއީ ފޭރާމުގެ ތެރެއަށް އަންނަންވީ. ތަހައްމަލުކުރުމުގެ ރޫހު. އިންސާނީ ހައްގުތަކުގެ ރޫހު. އެކަކު އަނެކަކަށް އިހުތިިރާމު ކުރުމުގެ ރޫހު،" ނާއިފް ވިދާޅުވި އެވެ.
ތަހައްމަލުކުރުމުގެ އާދަ އަށަގެންނެވުމުގެ ވާހަކައިގައި ޒާހިރު ވެސް އެއް ކަމަކަށް ފާހަގަކުރެއްވީ ރާއްޖެއަކީ އެކި ސަގާފަތާއި އަގީދާތަކުގެ މީހުން މި ތަނަށް ގެނެސްގެން ހިދުމަތް ދީގެން އާމްދަނީ ހޯދާ ބައެއް ކަމެވެ. އެ މީހުންނަށް އިހުތިރާމް ވެސް ދޭން ވާނެ ކަމެވެ.
"އަހަރެމެން އެއާ ފައިހަމަނުވާ ގޮތަކަށް ދަންޏާ އިގުތިސޯދުގައި ވެސް ފަހަތަށް ދާން ޖެހޭނީ،" ޒާހިރު ވިދާޅުވި އެވެ.
އޭނާ ދެން ފާހަގަކުރެއްވި ކަމަކީ އަންހެނުންނަކީ ފިރިހެނުންގެ މުދަލެއްގެ ގޮތުގައި ގިނަ ފަހަރު ދެކެވިފައި އޮތް ދެކެވުމުގެ މައްޗަށެވެ. 'ސެކްޝުއަލް އޮބްޖެކްޓް'އެއް ގޮތުގައި ދުށުމެވެ. އެ ވިސްނުން ދޫކޮށްލަން ޖެހޭ ކަމާއި ހޭލުންތެރިކުރުވަން ޖެހޭ އަނެއް ކަމަކީ އަންހެނުންނަށް އެ ޒާތުގެ ނަޒަރުން ދެކެން ނުޖެހޭ ކަމެވެ. ފިރިހެނުންގެ ވެސް އާދަތައް ރަނގަޅުކުރުމެވެ.
"އަހަރެންގެ ވެސް ވަރަށް ގިނަ އަންހެން އެކުވެރިން ތިބޭ. އެއިން ކޮންމެ އެކުވެރިއަކު ހަމަ ފެންނަ އިރަށް ހިތަށް އަރާކަށް ނުޖެހޭ. އޭނާގެ ހުންނަ ބުރުސޫރަކަމާއި ރީތިކަން ހުރުން އެއީ ހަމަ ކުއްލިއަކަށް އޭނާއަށް ޝައުގުވެރިކަން އުފެދެން ޖެހޭ ސަބަބަކަށް،" ޒާހިރު ވިދާޅުވި އެވެ.
ރާއްޖެއަކީ ހޫނު ގައުމެކެވެ. ހޫނުގެ ސަބަބުން ވެސް ބައެއް މީހުންނަށް ތަހައްމަލުކުރަން އުނދަގޫ ކަންކަމާއި އުފުލަން ޖެހިދާނެ ތަކުލީފުތަކެއް ހުރެދާނެކަން އެންމެން ވެސް ގަބޫލުކުރަން ޖެހެ އެވެ. ބައެއް ފަހަރު ހެދުން އަޅަން ޖެހޭ ގޮތް ގުޅެނީ ފިނިހޫނު މިނާއެވެ. ފިނީގައި އުޅެން ދަތި މީހުން، އޭރަށް ހަށިގަނޑު ވަރަށް ބޮޑަށް ނިވާވާނޭހެން ގިނަ ހެދުން އަޅާނެ އެވެ. ހޫނުވިއްޔާ ހަމަ އެ ބީދައިގެން ހަށިގަނޑަށް ލުއިކޮށް ހެދުން އަޅަން ވެސް ޖެހިދާނެ އެވެ. ސިއްހީ ގޮތުން މަޖުބޫރު ކަމަކަށް ވެސް ވެދާނެ އެވެ.
ތަހައްމަލުކުރުމާއި އަނެކާގެ ހާލަތަށް އިހުތިރާމު ކުރުމުގެ ވާހަކައިގެ ތެރެއިން ހިރިގާ، މޫސުމުގެ ވާހަކަ ވެސް ފާހަގަކުރެއްވި އެވެ.
"ދަރިވަރުންގެ ކަރުގައި ބާރު ބޮޑު މަޅިއެއް ބައްދާފައި [ފިރިހެން ދަރިވަރުންގެ ކަރުގައި ޓައީ އަޅަން މަޖުބޫރުކުރުން]، އަދި ބާރު ޓައިޓެއް އަޅުވަނީ. އަންހެނުން ވިއްޔާ ކަޅާއި ކުލަ ގަދަ ހެދުން ލުމަށް ވެސް މަޖުބޫރުކުރަން އުޅެފާނެ، ކަޅަކީ ވަރަށް މީހާ ހޫނުވާ ކުލައެއް،" ޒާހިރު ވިދާޅުވި އެވެ.
އީމާ ވެސް ވިދާޅުވީ ވަރަށް ބޮޑަށް ފެންނަނީ ސަރުކާރުގެ އިސްކަން ދިނުމުގައި ހުރި ގޯސްތަކެކެވެ. އިޖުތިމާއީ ގިނަ މައްސަލަތަކަށް އިސްކަން ދީގެން ސިޔާސަތު އެކަށައަޅަން ޖެހޭ އެތައް ކަމެއް އެބަ ހުއްޓެވެ. ނަމަވެސް ސަރުކާރަށް މުހިންމީ ބަޔަކު ހެދުން އަޅާ ގޮތް 'ޕޮލިސް' ކުރުމެވެ.
"ބެލެންސެއް ވެސް ގެންގުޅެން އެބަ ޖެހޭ މި ބަވަނަވަމުންދާ ދުނިޔޭގައި. ސަގާފަތް އާލާދިރުވުމުގައި ކޮންމެ ވެސް ވަރެއްގެ ހިފެހެއްޓުންތަކެއް ވެސް ހުންނަން ޖެހޭ، ކަންކަން އެހާ މަޖުބޫރުކޮށްގެން ކުރުމަށްވުރެ ވެސް،" އީމާ ވިދާޅުވި އެވެ.
ގައުމިއްޔަތުގެ ނަމުގައި ސަރުކާރުން ކުރާ ގިނަ ކަންކަން ނާއިފަށް ސިފަވަނީ ވެސް ހުދުމުހުތާރު ވެރިންގެ ބައެއް އުކުޅުތަކާ އެވެ.
"ފެސިސްޓް [ހުދުމުހުތާރު] ސަރުކާރުތަކުން ކުރާ ކަމެއް މިއީ. އާޓިފިޝަލް [އުފައްދާފައިވާ] ގައުމިއްޔަތެއް ގެނައުން. މި އުކުޅުތައް ކިޔައިދޭ ފޮތްތަކުގައި ވެސް ހުރޭ ފެސިސްޓް ލީޑަރުން ކުރާ ކަމެއް އެއީ ގައުމިއްޔަތުގެ ނަމުގައި ވަކި އެއްޗެހިތަކެއް ވިއްކުން،" ނާއިފް ވިދާޅުވި އެވެ.
"އާޓިފިޝަލް ނެޝަނަލިޒަމްއަކީ ވަރަށް ނުރައްކާތެރި އެއްޗެއް. ދާހިލީ ހަމަނުޖެހުމަކަށް ވެސް ގޮސްދާނެ ކަމެއް އެއީ،" އޭނާ އިތުރަށް ވިދާޅުވި އެވެ.
ރަނގަޅު ވެސް ވާހަކައެކެވެ. ހުދުމުހުތާރު ވެރިން އެންމެ ބޮޑަށް ބަލާނެ އެއް ކަމަކީ، އޭނާއަށް ވެރިކަން ކުރަން ލިބޭ މުޖުތަމައުގެ މީހުން އެއްވެސް ހިފެހެއްޓުމަކަށް ލޯބިކުރޭތޯ އެވެ. އެއީ އެ މީހުންގެ ޖަޒުބާތުތަކާ ގުޅިފައިވާ ކަމެއްގެ ނަމުގައި އިތުރު ހިފެހެއްޓުންތައް ގެންނަން ވެގެނެވެ. ފަހަރަކު ހައްގެއް ހަނިކުރަމުން ގެންދިއުމަށެވެ.
މައުލޫގެ ގޮތުން މިސާލެއްގެ ގޮތުގައި ފާހަގަކުރަން ބޭނުމީ ވެސް މުސްލިމެއްގެ ފޮތަކަށެވެ. އިތުރު އެހެން މީހެއް ނޫނެވެ. މިހާރުގެ ރައީސް މުހައްމަދު މުއިއްޒުގެ ބައްޕާފުޅު، ޝެއިހް ހުސައިން އަބްދުއްރަހްމާނުގެ ފޮތުގައި ހުދުމުހުތާރު ވެރިންގެ ބައެއް އުކުޅުތައް ބަޔާންކޮށްދެއްވާފައިވެ އެވެ. ގައުމިއްޔަތު، ދީން، މުޖުތަމައުގެ ނަމުގައި ހައްގުތައް ހަނިކުރާނެ ކަމެވެ.
"އެ ޑިކްޓޭޓަރަކު [ހުދުމުހުތާރު ވެރިއަކު] ނިސްބަތްވާ މުޖުތަމައަކީ ވަކި ދީނަކަށް ތަބައަވާ، އެ ދީނުގައި ވަރުގަދައަށް ހިފަހައްޓައިގެން ތިބި ބަޔަކު ކަމަށްވެފައި، އެ ޑިކްޓޭޓަރަކީ ވެސް އެ ދީނެއްގެ އިލްމު ހުރި ބޮޑެއް ކަމުގައިވާނަމަ އޭނާ އެ ހާލަތުގެ ބޭނުން ކުރާނީ އޭނާގެ ހުދުމުހުތާރު ވެރިކަން ދެމެހެއްޓުމަށް އޮތް ބާރުގަދަ ވަސީލަތެއްގެ ގޮތުގައި،" ފަނޑިޔާރުކަން ވެސް ކުރައްވާފައިވާ ޝައިހް ހުސައިން ލިއުއްވާފައިވެ އެވެ.
މިހެން ފާހަގަކުރަން ޖެހެނީ މި ސަރުކާރުގެ ކުރީކޮޅުން ފެށިގެން ވެސް މި ކަހަލަ އެކި ކަންކަން ކޮށްފައިވާތީ އެވެ. އިޖުތިމާއީ ބޮޑު މައްސަލައަކަށް ވެފައިވާ ބަރަހަނާ ސައިޓްތައް ނަމެއްގައި ބްލޮކްކުރިކަން ހަނދާން ވޭ ހެއްޔެވެ؟ އެ ކަންކުރިތާ ދުވަސްތަކެއް ފަހުން ސަރުކާރަށް ފާޑުކިޔާފައި ހުންނަ ލިއުންތައް ގެނެސްދޭ ދެ ސައިޓެއް ވެސް ބްލޮކްކުރި އެވެ.
ޒުވާން އެކްޓިވިސްޓް އަދި ޕޮލިޓިކަލް ދާއިރާއިން ތައުލީމު ހޯއްދަވާފައިވާ އީމާ ވެސް ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަމުން ދަނީ ފަހަރަކު ގްރޫޕެއް އޮބަހައްޓަން ވެގެނެވެ. ދެކޮޅުވެރިކަން ދައްކަން ދަތިވާނެ ގްރޫޕްތައް ފާހަގަކޮށް ހިފެހެއްޓުމުގެ ފުރަތަމަ ޓާގެޓަކަށް އެ ގްރޫޕްތައް ހެދުމުން، އެ މީހުންގެ އާއިލާތަކަށް އެ މަޖުބޫރުވުން ފޯރުކުރުމެވެ.
"ކުޑަކުދިންނަކަށް ނުނުކުމެވޭނެ އެ މީހުންގެ ޝުއޫރުތައް ފާޅުކުރަން. ސަރުކާރުގެ ސިވިލް ސާވިސް ވަޒީފާގައި ގިނައީ އަންހެނުން. 66% އެއީ. އެ މީހުންނަކަށް މި ހާލަތުގައި [އިގުތިސޯދު ދަށްވެފައިވާ ހާލަތު] ޝުއޫރު ފާޅުކުރުމަށްވުރެ އެ މީހުންގެ ވަޒީފާ މާ މުހިންމުވާނެ،" އީމާ ވިދާޅުވި އެވެ.
ނާއިފް ވެސް ފާހަގަކުރެއްވީ ސަރުކާރުގެ ވިސްނުމުގައި ހުރި ކަމަކީ ޕޮޕިއުލާރިޓީ ނުވަތަ މަގުބޫލުކަން ލިބިދާނެ ކަމުގެ ނިޔަތުގައި އެކަނި ސިޔާސަތު ބައްޓަން ކުރާ ތަނެވެ. ހެދުން އެޅުން ހަރުކަށިކުރީ ވެސް ދީނުގެ ނަމުގައި ދީން ކުރިއެރުވުމަށްކަން ދެއްކުމުގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރުގެ މި ވެރިމީހާ މި ހަދާހެން ދަނޑިމާރު އަޅުވައިގެން ފޫޓުފީތާ ބަހައްޓައިގެން އެ ކަން ކުރަން އުޅުމަކީ ތާއީދު އިތުރުވާނެ ކަމެއް ވެސް ނޫން، ހައްލެއް އަންނާނެ ކަމެއް ވެސް ނޫން. އިންޖިނިއަރިންގައި ފޫޓުފީތާ ބަހައްޓައިގެން މިންއެޅުން ވަރަށް މުހިންމު އެއްޗަކަށް ވެދާނެ،" ސިވިލް އިންޖިނިއަރިން އިން ރައީސް ޕީއެޗްޑީ ހާސިލްކުރައްވާފައިވާތީ އެ ކަމަށް އިޝާރާތްކުރައްވަމުން ނާއިފް ވިދާޅުވި އެވެ.
ޒާހިރު އޭނާ ކުރިން ވެސް ނެންގެވި ނުކުތާއަށް ވަޑައިގަތެވެ. ސަރުކާރުން މި ކަމުގައި ކުރަންވީ ކަމަކީ، ތައުލީމީ ނިޒާމު މެދުވެރިކޮށް ޖީލުތައް ދީނާ ގާތްކުރަންވީ އެވެ. ދީނުގެ މަތިވެރި އަސާސްތައް ވިސްނައިދޭންވީ އެވެ. ކޮރަޕްޝަން، ފަސާދަ، ވައްކަން ފަދަ ކަންކަމާ ފާޅުގައި ދެކޮޅު ހަދާނެ ޖީލެއް ބިނާކުރަންވީ އެވެ.
"ބައްޕައަކީ ވަގެކޭ ބުނީމަ ލަދު ގަންނަ ވަރަށް އެކަމާ ދެކޮޅު ޖީލެއް. މިއީ ސަރުކާރަކުން ވެސް ކުރަންވީ ކަމަކީ. ގައުމިއްޔަތުގެ ގޮތުގައި ދަސްކޮށްދޭންވީ ކަމަކީ ވެސް،" ޒާހިރު ވިދާޅުވި އެވެ.
ދީނުގެ ނަމުގައި މާ ބޮޑު މާނައެއް ނެތް މި ޒާތުގެ ކަންކަމަކީ ވެސް ހުދުމުހުތާރު ވެރިން ގެންގުޅޭނެ އުކުޅެއްކަން ރައީސްގެ ބައްޕާފުޅުގެ ފޮތުން އެނގެ އެވެ. ހެޔޮ ވެރިކަމުގެ އަސާސްތަކާއި އިސްލާމީ ޑިމޮކްރެޓިކް އުސޫލުތަކަށް ބާރު އަޅުއްވާފައިވާ އެ ފޮތަކީ ރައީސް ވެރިކަން ކުރެއްވުމަށް ބައްލަވާ ނަމޫނާ ކަމަށް ވިދާޅުވެފައި ވެސް ވާ ފޮތެވެ.
"[ޑިކްޓޭޓަރާއި އޭނާ ނިސްބަތްވާ މުޖުތަމައުގެ މީހުން ގަބޫލުކުރާ] ދީނަށް ނުހަނު ލޯބިއޮތް ކަމާއި އެހެން އެއްވެސް ވެރިއަކަށްވުރެ އެ ދީން ކުރިއެރުވުމަށް މަސައްކަތްކުރާ ލީޑަރެއްގެ ގޮތުގައި ދައްކައިގެން. އެބައިމީހުންގެ ދީނީ ބައެއް ފަސޭހަތަކާއި މުޒާހިރުތަކެއް ފަހިކޮށްދީ އެ މީހުން އެ ކަމުގައި މަސްއޫލުކޮށް، [ދީނާ ހިލާފަށް] ޑިކްޓޭޓަރުކުރާ ކަންކަން ގާފިލުކޮށްގެން،" ޝައިހް ހުސައިންގެ ފޮތުގެ 350ވަަނަ ސަފްހާގައިވެ އެވެ.
އެއްބަސްވެ ދެބަސްވަމާ: ހެދުމާއި ޔުނީފޯމުން މި ފަށަނީ ހައްގުތައް ހަނިކުރަން؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ