ކައުންސިލް އިންތިހާބަށް މެނުއަލްކޮށް ފޯމު ހުށަހެޅޭނެ ގޮތް ހަދަން އެމްޑީޕީން ގޮވާލައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ކުރިމަތިލާން ދީފައިވާ އޮތް މުއްދަތު ކުރު ކަމަށް އެމްޑީޕީން ކައުންސިލް އިންތިހާބުގެ ތަރުޖަމާނު އަބްދުﷲ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބަށް އެމްޑީޕީން ކަނޑައަޅާފައިވާ ތަރުޖަމާނު، ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު ސޯޝަލް މީޑިއާގައި ވިދާޅުވީ، އޮންލައިންކޮށް ފޯމު ހުށަހެޅުމުގެ އިންތިޒާމު އޮތް ނަމަވެސް އެކަމަށް ލިބިފައިވަނީ ވަރަށް ކުޑަ ވަގުތުކޮޅެއް ކަމަށެވެ. އަދި އަންނަ ހަފުތާގެ އާދިއްތަ ދުވަހުގެ ކުރިން ގިނަ އަދަދެއްގެ ކެންޑިޑޭޓުންގެ ފޯމު ހުށަހަޅަން ޖެހޭއިރު، މިހާރު ހުރި އިންތިޒާމުތަކުގެ ސަބަބުން ދަތިތައް ކުރިމަތިވާކަން އޭނާ ފާހަގަކުރެއްވި އެވެ.އިލެކްޝަންސް ކޮމިޝަނުގެ ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގައި ދިމާވާ ފަންނީ މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން ވަހީދު ވިދާޅުވީ، އައިޑީކާޑު ސާފު ނޫން ކަމަށް ބުނެ ނުވަތަ ކުދިކުދި ކަންކަމާ ހެދި ފޯމުތައް ރިޖެކްޓުވަމުންދާ ކަމަށެވެ."އެ ފޯމުތަކަށް ޖަވާބު ދިނުމަށް ކަނޑައަޅާފައިވަނީ ފަސް ދުވަސް ކަމަށް ވާތީ، އެތައް ވަގުތެއް ހޭދަވޭ،" އޭނާ ވިދާޅުވި އެވެ.އަންނަ އޭޕްރީލް ހަތަރެއްގައި ބާއްވާ އެ އިންތިޚާބުތަކުގައި ވާދަކުރުމަށް ހުޅުވާލީ، މި މަހު 17ގައެވެ. އެ މުއްދަތު ހަމަވާނީ އަންނަ މަހު އެއްވަނަ ދުވަހުގެ 15:30 އަށެވެ.އީސީން ބުނި ގޮތުގައި، އިންތިޚާބަށް ކުރިމަތިލުމަށް މިހާރު އޮންލައިންކޮށް ފޯމު ހުށަހެޅެނީ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 08:39 އިން 15:30އަށެވެ. ހުކުރު ދުވަހު ފޯމު ހުށަހެޅެނީ، 15:30އިން 18:00އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ