މާލޭގެ މޭޔަރު ކަމަށް ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް (ރިޓަޔާޑް) އަކީ އެމަނިކުފާނުގެ ޗޮއިސް ކަމަށާއި އިންތިހާބަށް ކުރިމަތިލެއްވުމަށް ވެސް އެދިވަޑައިގަތީ އެމަނިކުފާނު ކަމަށް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީއެންސީން ކައުންސިލް އިންތިހާބާ ގުޅިގެން އިއްޔެ ބޭއްވި ކެމްޕެއިން ހަރަކާތެއްގައި މުއިއްޒު ވިދާޅުވީ މޫސާ އަލީ ޖަލީލާ ބައްދަލުކުރައްވާ މޭޔަރު ކަމަށް ކުރިމަތިލައްވަން އެދިވަޑައިގަތުމުން، އެކަން ގަބޫލުކުރައްވާ މޭޔަރުކަމަށް ކުރިމަތިލެއްވުމުން ޝުކުރު ދަންނަވާ ކަމަށެވެ.
"އެމަނިކުފާނަކީ [މޫސާ އަލީ ޖަލީލަކީ] އަޅުގަނޑުގެ ޗޮއިސް. މިދެންނެވީ އަޅުގަނޑު އެމަނިކުފާނު އަރިހުގައި އެދިވަޑައިގަތީ އަޅުގަނޑު ބައްދަލުކުރީ، ބައްދަލުކޮށްފައި ދެންނެވީ ކުރިއަށް އޮތް މާލެ ސިޓީ ކައުންސިލް އިންތިހާބުގައި ސިޓީ ކައުންސިލްގެ މޭޔަރު ގޮނޑިއަށް ކުރިމަތިލައްވައި ދެއްވުމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ވާހަކަ،" މުއިއްޒު ވިދާޅުވި އެވެ.
މޫސާ އަލީ ޖަލީލް އަރިހުގައި މޭޔަރު ކަމަށް ކުރިމަތިލައްވަން އެދުނީ ސަރުކާރުގެ ވައުދުތައް ބާރު ދުވެލީގައި ފުއްދުމަށް ކައުންސިލްގެ އެއްބާރުލުން ބޭނުންވާތީ، އިހުލާސްތެރިކަމާއި އަމާނާތްތެރިކަމާއެކީ އެކަން ކޮށްދެއްވާނެ ބޭފުޅެއް ބޭނުންވާތީ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އެއީ މިފަހަރު މާލޭގެ ރައްޔިތުންނަށްޓަކައި ފަށާފައިވާ އަދި ފަށަން ރާވާފައިވާ ހުރިހާ ކަމެއް، އެންމެހާ ވައުދުތައް ވަރަށް ބާރު ދުވެލީގައި ކަައުންސިލުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ލިބިގެން. ވަރަށް ހިވާގިކަމާއި އިހުލާސްތެރިކަމާއި އަމާނާތްތެރިކަމާއެކީގައި ކޮށްދެއްވާނެ ބޭފުޅަކު ބޭނުންވެގެން،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މޭޔަރުގެ ކެމްޕެއިންގައި ވީހާވެސް ގިނައިން އުޅެދީ، ކޮންމެވެސް ވަރަކަށް ވޯޓު ހޯދަން ދޮރުން ދޮރަށް ހިނގުމުގައި ވެސް ބައިވެރިވެވަޑައިގެންނެވޭނެތޯ ބަލާނެ ކަމަށެވެ.
މާލެ ސިޓީގެ މޭޔަރަކަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރެއްވީ މޫސާ އަލީ ޖަލީލު އެކަންޏެވެ.
ކައުންސިލް އިންތިހާބުގައި ޕީއެންސީން މޫސާ އަލީ ޖަލީލު ނިކުންނައިރު، އިދިކޮޅު އެމްޑީޕީން މޭޔަރު ކަމަށް ނިކުންނަނީ މިހާރުވެސް މޭޔަރުކަމުގައި ހުންނެވި އާދަމް އާޒިމް އެވެ. އޭގެއިތުރުން އިދިކޮޅު ޕީއެންއެފްގެ ތާއީދާއެކު މޭޔަރު ކަމަށް ނިކުންނަނީ އިސްމާއިލް ޒަރިއަންދެވެ.
އަންނަ އެޕްރީލް 4، ގައި ބާއްވާ ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބެނީ 294،937 މީހުންނެވެ. އޭގެތެރެއިން 150،410 މީހުންނަކީ ފިރިހެނުން ކަމަށްވާއިރު، 144،527 މީހުންނަކީ އަންހެނުންނެވެ. އިންތިހާބުގައި ޖުމްލަ 621 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.
އިންތިހާބުގައި ޖުމްލަ 225 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިހާބުކުރާނެ އެވެ.
މޫސާ އަލީ ޖަލީލަކީ އަޅުގަނޑުގެ ޗޮއިސް، ކުރިމަތިލާން އެދުނީ އަޅުގަނޑު: މުއިއްޒު މޫސާ އަލީ ޖަލީލަކީ އަޅުގަނޑުގެ ޗޮއިސް، ކުރިމަތިލާން އެދުނީ އަޅުގަނޑު: މުއިއްޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ