މެސީ އާއި ޔަމާލުގެ މި ފޮޓޯތަކުގެ ވާހަކަ

ސޯޝަލް މީޑިއާގައި މި ފޮޓޯތައް ވައިރަލްވަމުން ދިޔައިރު، އަހަރެން ހީކުރީ މިއީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯތަކެއް ކަމަށެވެ. އެހެންވެ، ފުރަތަމަ އެ ފޮޓޯތަކަށް މާބޮޑު ސަމާލުކަމެއް ނުދެމެވެ. ނަމަވެސް، މިއީ ދުނިޔޭގެ ފުޓްބޯޅަ ތާރީހުގައި އުފެދުނު އެންމެ ހުނަރުވެރި، އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނަލް މެސީ އާއި، މެސީގެ މަގާމަށް ވާދަކުރަމުންދާ ޒުވާން ތަރި ލަމީން ޔަމާލްގެ ފުރަތަމަ "ކުރިމަތިލުމުގެ" ހަގީގީ ފޮޓޯތަކެކެވެ.
އޭރު މެސީއަކީ ބާސެލޯނާގެ ފުރަތަމަ އެގާރައިން ޖާގަ ހޯދަމުން އައި، އުމުރުން  20 އަހަރުގެ ޒުވާނެކެވެ. ޔަމާލްގެ އުމުރުން އޭރު އެންމެ ފަސް މަހެވެ. މިހާރު މެސީގެ އުމުރަކީ 39 އަހަރެވެ. ލަމީން ޔަމާލަށް މިހާރު 19 އަހަރެވެ.
Enterprise Development Industrial Pvt Ltd
Enterprise Development Industrial Pvt Ltd
MU STORE
Villa College
MU STORE
މީގެ ގާތްގަނޑަކަށް 20 އަހަރު ކުރިން ތަގުދީރު ކަނޑައަޅައިދިން މި އާދަޔާ ހިލާފު ބައްދަލުވުމުގެ ފޮޓޯތައް ޔަމާލްގެ ބައްޕަ ފުރަތަމަ އާންމުކުރީ، ސްޕެއިނުން ޔޫރޯ 2024 ކާމިޔާބު ކުރުމާ އެކު "ދެ ލެޖެންޑުންގެ ފެށުން" މިހެން ލިޔުމަށްފަހު އެވެ.
އެއަށްފަހު، ފޮޓޯތައް މުޅި ދުނިޔެއަށް ވައިރަލްވެގެން މިދިޔައީ، މެސީ އާއި ޔަމާލް ފުރަތަމަ ފަހަރަށް ދަނޑުމަތިން ބައްދަލުކުރަން ތައްޔާރުވުމާ ގުޅިގެންނެވެ. އެއީ ވޯލްޑް ކަޕް ފައިނަލްގައި އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރާ މެޗެވެ.
މި ދެ ތަރިންގެ ތާރީހީ ވާހަކަ ފެށުނީ ބާސެލޯނާގެ ކޭމްޕް ނޯ ސްޓޭޑިއަމްގެ ޗޭންޖިން ރޫމްގެ ތެރެއިންނެވެ. ޔަމާލް ގޮވައިގެން އޭނާގެ އާއިލާއަށް އެތަނަށް ދިއުމުގެ ފުރުސަތު ލިބުނީ ހިތްގައިމު އިއްތިފާގަކުންނެވެ.
ޔަމާލް އުފަންވިތާ މާގިނަ ދުވަހެއް ނުވަނީސް، ކެޓަލަންގެ ނޫހެއް ކަމަށްވާ 'ސްޕޯޓް' އާއި، ބާސެލޯނާގެ ޖާޒީ ސްޕޮންސަރު، ބައިނަލްއަގުވާމީ ކުޑަކުދިންގެ ޖަމްއިއްޔާ 'ޔުނިސެފް' ގުޅިގެން ކުރިއަށްގެންދިޔަ ޗެރިޓީ ގުރުއަތުލުމަކުން އެ އާއިލާއަށް ނަސީބު ލައްވައިލީ އެވެ. ފޮޓޯ ނަގަން ދިޔަ ދުވަހު، ދިމާވި އިއްތިފާގަކުން އެމީހުންނަށް ޕެއާ ކުރެވުނީ ސީދާ މެސީއާ އެވެ.
އެ ދުވަހު ނެގި ފޮޓޯތަކުން ފެންނަނީ ހިނިތުންވެފައި ހުރި މެސީ، ތުއްތު ތުއްތު ޔަމާލް ޓަބަކަށް ލައިގެން ފެންވަރުވަން އިންނަ ހިތްގައިމު މަންޒަރެވެ.
"މިއީ ހަމަ ހަގީގަތުގައިވެސް ތަގުދީރުގެ މުއުޖިޒާތެއް،" ޔަމާލް އާއި މެސީގެ އެ ފޮޓޯތައް ނެގި ފޮޓޯގްރާފަރު ޖޯން މޮންފޯޓް ބުންޏެވެ.
މޮންފޯޓް ކިޔައިދިން ގޮތުގައި އޭރު މެސީއަކީ ވަރަށް ލަދުގަންނަ، މަޑުމައިތިރި ޒުވާނެކެވެ. އެހާ ތުއްތު ކުއްޖަކު އަތަށް ލިބުމުން ހަދާނެ ގޮތް ހުސްވެފައި ހުއްޓަސް، ޔަމާލްގެ މަންމާ ޝީލާގެ އެހީތެރިކަމާއެކު މެސީ ވަރަށް އަވަހަށް އެކަމަށް ހޭނުނެވެ.
ޔަމާލްގެ ބައްޕަ އަކީ މޮރޮކޯއަށް އުފަން މުނީރު ނަސްރާވީ އެވެ. މަންމަ އަކީ އިކުއެޓޯރިއަލް ގިނީއަށް އުފަން ޝީލާ އެބާނާ އެވެ. އެ ދެމީހުން ބައްދަލުވީ، އެމީހުންގެ އާއިލާތަކާއެކު ކުޑަކުދިންގެ ގޮތުގައި ކެޓަލޯނިއާއަށް ހިޖުރަކުރި ފަހުންނެވެ. ޔަމާލް އަކީ އެމީހުންގެ އެންމެ ދޮށީ ދަރިފުޅެވެ. ޔަމާލް ބޮޑުވީ ބާސެލޯނާގެ 'ރޮކަފޮންޑާ' ކިޔާ މަސައްކަތްތެރިން އުޅޭ އަވަށެއްގަ އެވެ.
ގޯލް ޖެހުމަށްފަހު އޭނާ އިނގިލިތަކުން ދައްކައިލާ "3-0-4" ގެ އިޝާރާތަކީ އެ އަވަށުގެ ޕޯސްޓަލް ކޯޑެވެ.
ޔަމާލް ބުނިގޮތުގައި، އަތްމަތި ދަތި ދުވަސްވަރުވެސް އޭނާ ފުޓްބޯޅަ ކުޅުންތެރިއަކަށް ހެދުމަށް މައިންބަފައިން އުފުލި ބުރަޔަކީ އެހެން މީހަކަށް ކުރެވޭނެވަރުގެ ކަމެއް ނޫނެވެ.
"މިއީ އަހަރެންގެ މައިންބަފައިންނަށް ދުވަހަކުވެސް އަދާކޮށް ނިންމޭނެ ދަރަންޏެއް ނޫން،" އޭނާ ބުންޏެވެ.
އުމުރުން 19 އަހަރު ފުރުނުއިރު މި ދެ ކުޅުންތެރިންގެ ތަފާސްހިސާބުތަކަށް ބަލާލުމުން އަންތަރީސްވެ އެވެ. 
މީގެ 20 އަހަރު ކުރިން ކޭމްޕް ނޯގެ ޑްރެސިން ރޫމްގެ ތެރޭގައި މި ދެތަރިންގެ ފުރަތަމަ ބައްދަލުވުމަށް ފަހު، ދަނޑުމަތީގެ ފުރަތަމަ ކުރިމަތިލުމަށް މުޅި ދުނިޔެ ވަނީ ކެތްމަދުވެފަ އެވެ. އެ ކުރިމަތިލުން ނިމިގެން ދާނީ ފުޓްބޯޅައިގެ ތާރީހުގައި  ފަނޑުނުވާނެ ރަން އަކުރުތަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ