ލޯބިން ހިތްފުރާލަދީފާ ސްކޫލަށް ފޮނުވާށެވެ!

މި އަހަރުގެ ދިރާސީ އާއަހަރުގެ ކިޔެވުން ޖެނުއަރީ 27 ގައި ފެށުމަށް ތައްޔާރުވަމުންދާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބެލެނިވެރިން ދަނީ ކުދިން ސްކޫލަށް ފޮނުވުމަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. ޔުނިފޯމާއި، ފޮތްބަޔާއި، ދަބަހާއިބޫޓު ފަދަތަކެތި ހޯދުމުގައި ބެލެނިވެރިން މިދުވަސްކޮޅު އުޅެނީ އަވަދިނެތިއެވެ. އަޅުގަނޑު ދެކޭގޮތުގައި، މި ތައްޔާރީތަކާއެކު ވާންޖެހޭ މުހިންމު ތައްޔާރީއެއް އެބައޮތެވެ. އެއީ ކުއްޖާގެ ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަމަށް ވާންޖެހޭ ތައްޔާރީއެވެ. އުންމީދާއި ހިތްހަމަޖެހުމާއެކު ކުއްޖާ ސްކޫލަށް ފޮނުވުމަކީ ކާމިޔާބު ދަރިވަރަކު ބިނާކުރުމުގެ ބިންގަލެވެ. ދަރިވަރުންނަށް ހަމައެކަނި އާ ސާމާނު ހޯދައިދިނުމުގެ އިތުރުން، އެކުދިންގެ ހިތްތަކުގައި ލޯތްބާއި، އުންމީދާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އާލާކޮށްދިނުން މުހިންމެވެ. އޯގާތެރި ހިތަކާއި ކެތްތެރިކަން އިސްކޮށްގެން ދަރިފުޅު ސްކޫލަށް ފޮނުވުމުން، އެކުދިންގެ ކިޔެވުމުގެ ޝައުގުވެރިކަން އިތުރުވެގެންދެއެވެ. ބެލެނިވެރިންނަށް މިކަން ކުރެވޭނީ ގޭތެރޭގެ މާހައުލަކީ ކެތްތެރިކަމާއި އުފާވެރިކަން އެކުލެވިގެންވާ ތަނަކަށް ހަދައިގެންނެވެ. https://sun.mv/213249 ދަރިވަރަކު ކުރިއަރައިދާއިރު، ހަމައެކަނި ނަތީޖާއަށްވުރެ ބޮޑަށް އޭނާ ކުރާ މަސައްކަތުގެ އަގުވަޒަންކުރަން ޖެހެއެވެ. ލިބޭ މާކްސްއާ އެއްވަރަށް، ކުއްޖާ ކުރާ ހިތްވަރަށާއި، ފިލާވަޅު ދަސްކުރުމަށް ބަހައްޓާ ޝައުގުވެރިކަމާއި، އެހެން ކުދިންނަށް ބަހައްޓާ އޯގާތެރިކަން ފާހަގަކުރުމަކީ ކުއްޖާގެ އަޚްލާޤާއި ސުލޫކު ރަނގަޅުވުމަށް ލިބޭ ބާރެކެވެ. މީގެ އިތުރުން، ބެލެނިވެރިން ކަންކަމުގައި ކެތްތެރިކަމުގެ ނަމޫނާ ދެއްކުމަކީ، ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަންނަން ކުދިންނަށް ދަސްވާނެ ކަމެކެވެ. ގޭތެރެއަކީ ކުދިންގެ ހިތުގައި އުފެދޭ ނުތަނަވަސްކަމާއި ކަންބޮޑުވުންތައް، އެއްވެސް ޖެހިލުމެއް ނެތި ހިއްސާކުރެވޭނެ ފަދަ އަމާން އަދި އޯގާތެރި މާހައުލަކަށް ހަދަންޖެހެއެވެ. ބެލެނިވެރިންގެ ފަރާތުން އެހީތެރިކަމާއި އިތުބާރު ލިބޭ ކުދިން، އާކަންކަން ދަސްކުރުމުގައި ރިސްކު ނަގަން ފަހެއް ނުޖެހޭނެއެވެ. އަދި ގޭތެރެއިން ދަސްވާ ކެތްތެރިކަމުގެ ސަބަބުން، ކިޔެވުމުގައި ދިމާވާ ދަތިތަކުން އަރައިގަތުމުގެ ސާބިތުކަން އެކުދިންގެ ކިބައިގައި ހުންނާނެއެވެ. ހެޔޮވިސްނުމާއި އުންމީދީ ތަސައްވުރެއް ލިބިފައިވުމުން، ސްކޫލަށް ދިއުމަކީ ބުރައެއްގެ ބަދަލުގައި އަމިއްލަ ކުރިއެރުމަށް ލިބޭ ރަނގަޅު ފުރުސަތެއްގެ ގޮތުގައި އެކުދިން ދެކޭނެއެވެ. https://sun.mv/212009 ދިރާސީ އާއަހަރަށް ތައްޔާރުވާއިރު ހަނދާން ބަހައްޓަވާށެވެ. ދަރިފުޅަށް ދެވޭނެ އެންމެ އަގުބޮޑު ހަދިޔާއަކީ އާ ޔުނިފޯމެއް ނުވަތަ ރީތި ބޫޓެއް ނޫނެވެ. އެއީ އޯގާތެރިކަމުން ފުރިގެންވާ ހިތަކާއި ކެތްތެރިކަމެވެ. މި ވިސްނުމަކީ ފޮތަކުން ލިބޭ އުނގެނުމަށްވުރެ މާބޮޑަށް، ކުއްޖާގެ މުޅި ހަޔާތް ބިނާކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. އަޅުގަނޑުމެންގެ ދަރިން ސްކޫލަށް ފޮނުވަނީ އުންމީދުތަކަކާއި، އިތުބާރާއި، އުފާވެރިކަމާއެކުގައިކަން ކަށަވަރު ކުރަމާތޯއެވެ! ސްކޫލު މަދަރުސާތަކުގެ ދައުރު ސްކޫލަށް ކުދިން ވަދެގެންދާއިރު، މުދައްރިސުންނާއި ސްކޫލްލީޑަރޝިޕްގެ ފަރާތުން ކިޔާ މަރުޙަބާއަކީ ކުއްޖާގެ ތަޢުލީމީ ޙަޔާތުގެ ބިންގާ ވަރުގަދަކޮށްދޭނެ ކަމެކެވެ. ސްކޫލަކީ ކުއްޖާގެ ދެވަނަ ގެއަށް ވާއިރު، އެ ތަނުން ފެންނަ މޫނުތަކަކީ އޯގާތެރިކަމާއި ސާބިތުކަމުގެ ނަމޫނާއަކަށް ވާންޖެހެއެވެ. އަޅުގަނޑު ގަބޫލުކުރާގޮތުގައި ސްކޫލަށް ކުދިންއަންނައިރު، ހިތްހެޔޮކަމާއި ލޯތްބާއިއެކު ކުދިންނަށް މަރުހަބާ ކިޔުމަށް ޕްރިންސިޕަލްއާއި އިސްމުވައްޒަފުން ގޭޓުގައި ތިބުމަކީ ލާޒިމުކަމެކެވެ. ފުރަތަމަ ދުވަހު، އަދި ކޮންމެ ދުވަހަކުއެވެ. މުދައްރިސުން ވާންޖެހޭނީ ހަމައެކަނި ފިލާވަޅު ނަގައިދޭ ބަޔަކަށް ނޫނެވެ. އެއީ ކުދިންގެ ހިތްތަކުގައި އުންމީދުގެ ދަންމަރު ރޯކޮށްދީ، މަގުދައްކައިދޭ ބަޔަކަށް ވާންވާނެއެވެ. ދިރާސީ އަހަރު ފެށޭއިރު، ކޮންމެ މުދައްރިސަކުވެސް ހިނިތުންވުމާއެކު ދަރިވަރުންނަށް މަރުޙަބާ ކިޔައި، ކުދިންގެ ހިތުގައި ހުންނަ ނުތަނަވަސްކަން ފިލުވާދީ، ސްކޫލަށް އޮންނަ ލޯބި އިތުރުވާނެ ގޮތަކަށް އެބޭފުޅުންގެ ބަހާއި އަމަލު ބަހެއްޓުމަކީ ވެސް މުހިންމު ކަމެކެވެ. ކޮންމެ ކުއްޖަކީވެސް ޚާއްޞަ ކުއްޖެއްކަމުގެ އިޙްސާސް މުދައްރިސުން ދަރިވަރުންނަށް ކޮށްދޭންޖެހެއެވެ. މިގޮތުން، ކުއްޖާއަށް ކަމެއް އޮޅުންނުފިލައިގެން ސުވާލުކުރާއިރު، ކެތްތެރިކަމާއެކު އަޑުއަހައި، އޯގާތެރިކަމާއެކު ޖަވާބު ދިނުމަކީ ކުއްޖާގެ އުނގެނުމުގެ ޝައުގުވެރިކަން ދެމެހެއްޓުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅެވެ. https://sun.mv/210605 ސްކޫލުގެ ޕްރިންސިޕަލްއާއި ލީޑަރޝިޕް ޓީމްގެ ދައުރަކީވެސް އެހާ މުހިންމު ދައުރެކެވެ. ސްކޫލަކީ ކުދިންނަށް އަމާން، އުފާވެރި މާހައުލަކަށް ހެދުމަށްޓަކައި އެފަރާތްތަކުން މަސައްކަތް ކުރަންޖެހެއެވެ. ކުދިންގެ މެދުގައި އޮންނަ ތަފާތުތައް ނައްތާލައި، ހަމަހަމަކަމާއެކު އެންމެންނަށް ފުރުޞަތުތައް ފަހިކޮށްދިނުމަކީ އެބޭފުޅުންގެ ޒިންމާއެކެވެ. ސްކޫލުގެ ގޯތިތެރެއިން އެއިން ބޭފުޅަކާ ދަރިވަރަކާ ބައްދަލުވާ ހިނދު، ހާލުއަހާލާ ހިތްވަރުގެ ބަހެއް ބުނެލުމަކީ އެ ކުއްޖާގެ މުޅި ދުވަސް އުޖާލާކޮށްލާނެ ކަމެކެވެ. މުދައްރިސުންނާއި އިސްވެރިން ބެލެނިވެރިންނާ ގާތް ގުޅުމެއް ބޭއްވުމަކީވެސް ކުއްޖާގެ ކުރިއެރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ކުއްޖާގެ ކިޔެވުމުގައި ދިމާވާ ގޮންޖެހުންތަކާއި، ނަފްސާނީ ގޮތުން ފާހަގަކުރެވޭ ކަންކަން ބެލެނިވެރިންނާ ހިއްސާކޮށް، ގުޅިގެން މަސައްކަތް ކުރުމުން ކުއްޖާގެ ހަށިގަނޑާއި ސިކުނޑި ހެދިބޮޑުވުމަށް ބޭނުންވާ ފުރިހަމަ އެހީތެރިކަން ލިބިގެންދާނެއެވެ. 2026 ވަނަ އަހަރަކީ އަޅުގަނޑުމެންގެ ދަރިންނަށް ހަމައެކަނި ފޮތްތެރިކަމުގެ އަހަރަކަށް ނުވެ، ނަފްސާނީ ގޮތުންނާއި އިޖުތިމާޢީގޮތުން ގޮތުން ދުޅަހެޔޮ، އުފާވެރި ޖީލެއް ބިނާކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވޭ އަހަރެއްކަމުގައި މިންވަރު ކުރެއްވުން އެދި ﷲގެ ހަޒުރަތުގައި ދުޢާ ދަންނަމުން، މިލިޔުންކޮޅު ނިންމާލާނަމެވެ. އަޅުގަނޑުމެން އެންމެން ގުޅިގެން، ކުދިންގެ ހިތްތަކުގައި އުންމީދުގެ ހުޅުކޮޅެއް ރޯކޮށް ނިވިޔަނުދެމާ ހިނގާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ