ސަރުކާރުގެ ގޭސް ކުންފުންޏަށް އެސްޓީއޯއިން އެތެރެކުރާ ގޭސް ހުސްވެ ބޮޑު ގެއްލުމަކާ ދިމާލަށް މިސްރާބު ޖަހައިފި އެވެ.
އެނގިފައިވާ ގޮތުގައި އެސްޓީއޯއިން އެތެރެކުރާ ގޭސް މި ވަގުތު މުޅި ރާއްޖެއިން ވެސް ވަނީ ހުސްވެފަ އެވެ. އެކަމުގެ މައުލޫމާތު އެނގޭ މީހުން އަދަދު އަށް ބުނީ މޯލްޑިވްސް ގޭސް އިން މި ވަގުތު ހިދުމަތް ފޯރުކޮށްދެމުން ދަނީ ވިލާއިން ގޭސް ގަނެގެން ކަމަށެވެ.
"މި ފަސް ދުވަސް ތެރޭގައި ނަގައިފި 8000 ފުޅި، 12.97 ޑޮލަރުގެ ރޭޓުން،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަދެއްކި މީހަކު ބުންޏެވެ.
މޯލްޑިވްސް ގޭސްއިން ރީޓެއިލްކޮށް ކަސްޓަމަރުންނަށް ގޭސް ފުޅި ވިއްކަމުން ދަނީ 200ރ. އަށެވެ. އެއީ އެ ކުންފުނީގެ އޮޕަރޭޝަނަލް ހަރަދުތަކަށްވާ ފައިސާ ހިމަނައިގެންނެވެ. ނަމަވެސް، މި ވަގުތު އެ ކުންފުނީގެ ހިދުމަތް ހުއްޓައިނުލާ ފޯރުކޮށްދިނުމަށްޓަކައި ވިލާއިން ގޭސް ގަންނަމުން ދަނީ ދިވެހި ރުފިޔާއިން ބަލާނަމަ، 199ރ. އަށެވެ.
އެހެންކަމުން، އެ ކުންފުނީގެ އޮޕަރޭޝަނަލް ހަރަދަށްވާ ފައިސާ މި މުއްދަތުގައި ދެން ހޯދަން ޖެހޭނީ ކޮންމެވެސް އެހެން ގޮތަކުންނެވެ.
އެކަމާ ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދިން މީހުން ބުނީ ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން ގޭސް ލިބޭނެކަމުގެ އުއްމީދު ވަރަށް ކުޑަ ކަމަށެވެ. ނަމަވެސް، މި ވަގުތު ހަމަޖެހިފައިވާ ގޮތުން އަންނަ ފެބްރުއަރީ މަހުގެ 15 ގައި ޝިޕްމެންޓެއް ރާއްޖެ އަންނާނެ ކަމަށް ބެލެވޭ ކަމަށް އެ މީހުން ބުންޏެވެ.
"އަންނަ މަހުގެ 15 ގައި ޝިޕްމެންޓެއް އަންނަ ގޮތަށް އޮތީ. އެކަމަކު މިއަދު ވެސް ވިލާއަށް އެކި ސައިޒުން 15،000 ފުޅިއަށް އޯޑަރު ޖަހާނެ،" އޭނާ ބުންޏެވެ.
ފޯނަށް ޖަވާބު ނުދޭތީ އެކަމާ ގުޅޭގޮތުން އެސްޓީއޯގެ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
މޯލްޑިވްސް ގޭސްއަށް ގޭސް ގަތުމުގެ އެންމެހައި ބާރުތައް މިދިޔަ އަހަރުގެ އޭޕްރިލް 13، ގައި އެސްޓީއޯއަށް ނެގީ މޯލްޑިވްސް ގޭސްގެ ގޭސް ޝިޕްމެންޓަކަށް އެޑްވާންސްގެ ގޮތުގައި ދެއްކި 250،000 ޑޮލަރު ގެއްލުނު މައްސަލައާ ގުޅިގެންނެވެ. އެއީ ގާތްގަނޑަކަށް 3.85 މިލިއަން ރުފިޔާ އެވެ.
މާލިއްޔަތު ކޮމިޓީގައި މިކަން ތިލަކޮށްދެއްވި، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ 2024 ވަނަ އަހަރުގެ އޮކްޓޫބަރުގައި ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ ކަމަށެވެ.
މޯލްޑިވްސް ގޭސްއަކީ އެސްޓީއޯ އާއި ޗަމްޕާ ގޭސް އެންޑް އޮއިލް ކޮމްޕެނީގެ ހިއްސާ އޮންނަ ގޮތަށް އުފައްދާފައިވާ ކުންފުންޏެކެވެ. ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ގޭސް އެތެރެކުރަނީ މޯލްޑިވްސް ގޭސް އިންނެވެ.
އެސްޓީއޯއިން އެތެރެކުރާ ގޭސް ހުސްވެ އެތައް މިލިއަން ރުފިޔާއެއްގެ ބޮޑު ގެއްލުމަކާ ދިމާލަށް އެސްޓީއޯއިން އެތެރެކުރާ ގޭސް ހުސްވެ އެތައް މިލިއަން ރުފިޔާއެއްގެ ބޮޑު ގެއްލުމަކާ ދިމާލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ