ބޮސްނިއާ އަތުން ބަލިވެ އިޓަލީގެ ވޯލްޑްކަޕް ހުވަފެން މިފަހަރުވެސް ބިލާހަކަށް
ފުޓުބޯޅައިގެ ގަދަބާރު އިޓަލީ ސިއްސުވާލުމަށްފަހު، ބޮސްނިއާ ހޭޒްގޮވީނާއިން ތާރީޚީ މޮޅެއް ހޯދައި، ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވޯލްޑް ކަޕުން އިޓަލީ ބޭރުކޮށްލައިފިއެވެ. ހަތަރު ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ އިޓަލީއަށް 2018 އަދި 2022 ވަނަ އަހަރުގެ މުބާރާތުން ޖާގަ ނުލިބުނުއިރު، މިފަހަރުގެ ނާކާމިޔާބީއާއެކު އެ ގައުމު ވެފައިވަނީ ޖެހިޖެހިގެން ތިން މުބާރާތަށް ކޮލިފައިނުވި ފުރަތަމަ ކުރީގެ ޗެމްޕިއަނަށެވެ. ބޮސްނިއާގައި ކުޅުނު މި ފޯރިގަދަ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން ދެޓީމު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ބޮސްނިއާއިން ފޮނުވާލި ހަތަރު ޕެނަލްޓީވެސް ކާމިޔާބުކުރިއިރު، އިޓަލީގެ ފުރަތަމަ ތިން ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ނާކާމިޔާބުވެ، 4-1 ގެ ނަތީޖާއަކުން ބޮސްނިއާއިން މުބާރާތުގެ ޖާގަ ކަށަވަރުކުރިއެވެ. ވޯލްޑް ކަޕުން އިޓަލީ ތިންވަނަ ފަހަރަށް ކެޓުމާއެކު ކުޅުންތެރިން ދަނޑުމަތީގައި ހިތާމަކުރަނީ-- ޖެނާރޯ ގަޓޫސޯގެ އިރުޝާދުގެ ދަށުން ކުޅުނު އިޓަލީން މެޗުގެ 15 ވަނަ މިނިޓުގައި މޮއިސް ކީންގެ ލަނޑުން ކުރިހޯދި ނަމަވެސް، ފުރަތަމަ ހާފު ނިމެން ފަސް މިނިޓަށް ވެފައިވަނިކޮށް ޑިފެންޑަރު އަލެސަންދްރޯ ބަސްޓޯނީއަށް ދެއްކި ރަތް ކާޑާއެކު މެޗުގެ އޮއިވަރު ބަދަލުވިއެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުގެ ނަތީޖާއަކަށްވީ، މެޗުގެ 79 ވަނަ މިނިޓުގައި ބޮސްނިއާގެ ހެރިސް ޓަބަކޮވިޗް ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކުރުމެވެ. މި މޮޅާއެކު ދެވަނަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވި ބޮސްނިއާ ދެން ވާދަކުރާނީ ގްރޫޕް ބީގައެވެ. މި ގްރޫޕުގައި އެޓީމާއެކު ދެން ހިމެނެނީ މުބާރާތް ބާއްވާ ކެނެޑާގެ އިތުރުން ގަތަރާއި ސްވިޒަލޭންޑެވެ. މިއީ އިޓަލީގެ ފުޓްބޯޅަ ސަޕޯޓަރުންނަށް ކެތްކުރަން ދަތި، އަދި ބޮސްނިއާއަށް ފަޚުރުވެރި ތާރީޚީ ކާމިޔާބީއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ