އެމްޑަބްލިޔުއެސްސީ: ފެން ފޯރުކޮށްދިނުމުގައި 31 އަހަރު

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް، އެމްޑަބްލިޔުއެސްސީ ވުޖޫދަށް އައިސްފައިވަނީ، އިތުރުވަމުން ދިޔަ މާލޭގެ އާބާދީއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ ފެނާއި ނަރުދަމާގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، 1995 ވަނަ އަހަރުގެ އެޕްރީލް މަހުގެ 1 ވަނަ ދުވަހުއެވެ.
އެމްޑަބްލިޔުއެސްސީ އުފެދިގެން ދިޔުންވީ ދިވެހި މުޖުތަމައުގެ ޞިއްޙީ ރައްކާތެރި ކަމަށާއި ގައުމުގެ ތަރައްޤީއަށް އެޅިގެންދިޔަ އެންމެ މުހިންމު އެއް ފިޔަވަޅަށެވެ. މިއަދަކީ އެމްޑަބްލިޔުއެސްސީގެ 31 ވަނަ އަހަރީ ދުވަހެވެ.
ކުންފުނި އުފެދިގެން އައީ، 60 މުވައްޒަފުންނާއި އެކު، އޭރު 60 ހާސް މީހުންގެ އާބާދީއަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ދޭންކަމުގައި ވީނަމަވެސް، މިހާރު މިވަނީ 1000 އަށްވުރެ ގިނަ މުއައްޒަފުންނާއެކު 2 ލައްކަ މީހުންގެ އާބާދީ އަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.
މާލޭގެ އިތުރުން، ވިލިމާލެ، ހުޅުމާލެ، ގުޅިފަޅު، ތިލަފުށި ކ.މާފުށި، ރ.ދުވާފަރު އަދި ހދ. ކުޅުދުއްފުށީގައި އެކުންފުނިން ފެނާއި ނަރުދަމާގެ ޚިދުމަތްތައް ދަނީ ފޯރުކޮށްދެމުންނެވެ. އަދި ރ.ދުވާފަރުގައި ފެނާ ނަރުދަމާގެ އިތުރުން، ކަރަންޓާއި ކުނި މެނޭޖްކުރުމާއި، މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމުގެ ޚިދުމަތްވެސް ދަނީ ފޯރުކޮށްދެމުންނެވެ.
އެމް.ޑަބްލިޔު.އެސް.ސީ އަށް 31 އަހަރު ފުރިގެންދާއިރު ކުންފުނިން ވަނީ ގިނަ ލަނޑުދަނޑިތަކެއް ހާސިލްކޮށްފައެވެ. މިދިޔަ އަހަރު، މާލޭގެ އޮޕަރޭޝަން ސެންޓަރުގައި ދުވާލަކު 750 އާއި 1000 ޓަނުގެ ފެން އުފެއްދޭ 2 އާރް.އޯ ޕްލާންޓް ބެހެއްޓި، ހުޅުމާލޭ އޮޕަރޭޝަން ސެންޓަރުގައި ދުވާލަކު 350 ޓަނުގެ ފެން އުފެއްދޭ 2 އާރް.އޯ ޕްލާންޓް އާއި 2500 ޓަނުގެފެން އުފެއްދޭ އާރު.އޯ ޕްލާންޓްއެއް ބަހައްޓާފައިވާކަމަށް އެ ކުންފުނިން ވިދާޅުވިއެވެ. މިއާއެކު މާލޭ ސަރަހައްދުގައި ޖުމްލަ ފެން އުފެއްދުމުގެ މިންވަރު 44،950 ޓަނުން 49،900 ޓަނަށް ވަނީ އިތުރުކުރެވިފައެވެ. އަދި ހުޅުމާލެ އޮޕަރޭޝަން ސެންޓަރުގައި 10،000 ޓަނުގެ ފެން ރައްކާކުރެވޭ ތާނގީގެ މަސައްކަތް ނިންމާ ބޭނުންކުރަން ވަނީ ފަށާފައެވެ. މިއާއެކު މުޅި ގްރޭޓަރ މާލެ ސަރަހައްދުގައި ޖުމްލަ ފެން ރައްކާކުރެވޭ މިންވަރު 40,445 ޓަނުން 50,445 ޓަނަށް ވަނީ އިތުރުކުރެވި، ޖުމްލަ 25 އިންސަތައިގެ ކުރިއެރުމެއް ވަނީ ލިބިފައެވެ.
އަދި، މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިޔުގަ ގުޅާލުމަށް ސިނަމާލެ ބްރިޖް މެދުވެރިކޮށް އަޅާފައިވާ ފެނުގެ މައި ވިއުގަ މަސައްކަތް ނިންމައި ވަގުތީ ގޮތުން ބޭނުން ކުރަންފެށުމާއެކު، ބޭނުންވެއްޖެ ޙާލަތެއްގައި ކޮންމެ ކޮޅަކަށްވެސް ގަޑިއަކު 60 ކިއުބިކް މީޓަރު ފެން ފޮނުވޭނެގޮތް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، ހދ. ކުޅުދުފުށީގައި ފެން އުފައްދާ މިންވަރު އިތުރުކުރުމަށް އެ ރަށުގެ އޮޕަރޭޝަން ސެންޓަރުގައި ދުވާލަކު 150 ޓަނުގެ ފެން އުފެއްދޭ އާރް.އޯ ޕްލާންޓެއް ބަހައްޓައި، ބޭނުން ކުރަން ވަނީ ފަށަފައެވެ. މީގެ ސަބަބުން އެރަށުގައި ފެން އުފައްދާ މިންވަރު ދުވާލަކު 700 ޓަނަށް އިތުރުކުރެވި މީގެކުރިއާ އަޅާބަލާއިރު ޖުމްލަ 27 އިންސައްތައިގެ ކުރިއެރުމެއް ވަނީ ލިބިފައެވެ. މީގެ އިތުރުން، ރ. ދުވާފަރުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ދެމެހެއްޓެނިވި އިތުބާރުހުރި ގޮތެއްގައި ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް، އިތުރު ޖަނަރޭޓަރ ސެޓެއް ބަހައްޓައި، ކަރަންޓް މެއިން ވިޔުގައި އިތުރުކޮށް، ރ. ދުވާފުރގެ ކަރަންޓް އުފައްދާ މިންވަރު 4,268 ކިލޯވޯޓަށް އިތުރުވެ، ކަރަންޓު އުފެއްދުމުގެ ޤާބިލްކަން 16 އިންސައްތަ ވަނީ އިތުރުކުރެވިފައެވެ.
ކުންފުންޏަށް 31 އަހަރު ފުރިގެންދާއިރު، ކަސްޓަމަރުންނަށް ފޯރުކޮށްދެވޭ ޚިދުމަތަތުގެ ފެންވަރު ރަނގަޅުކުރުމަށް "ދިވެހިރާއްޖެ 2.0" ދަށުން ކުންފުނީގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، ރައްޔިތުންނާ ވިހާވެސް ގާތުން ލުއި ފަސޭހަ ގޮތެއްގައި ޚިދުމަތް ދިނުމަށް އެމް.ޑަބްލިޔު.އެސް.ސީގެ މޯބައިލް އެޕްލިކޭޝަނާއި އީ-ޕޯޓަލަށް މުހިއްމު ބަދަލުތަކެއް ފާއިތުވެދިޔަ އަހަރުގެ ތެރޭގައި ވަނީ ގެނެވިފައެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ފެނާއި ނަރުދަމާގެ ޖުލްމަ 111 ޕްރޮޖެކްޓްގެ މަސައްކަތް ކާމިޔާބުކަމާއެކު އެކުންފުނިން ވަނީ ނިންމާފައެވެ. އަދި 2026 ވަނަ އަހަރު 04 ރަށެއްގެ ފެނާއި ނަރުދަމާގެ މސައްކަތް ނިންމައިފައިވާއިރު، އިތުރު 06 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ 07 މަޝްރޫޢެއްގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއެކު އެމް.ޑަބްލިޔު.އެސް.ސީ އިން ވަނީ ސޮއިކޮށްފައެވެ.
އުފެއްދުންތެރިކަމުގެ ދާއިރާއިން ވެސް ކުންފުނިން އަންނަނީ ފާހަގަކޮށްލެވޭ ފަދަ ބިނާކުރަނިވި މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، ހުޅުމާލޭގައި ޤާއިމްކޮށްފައިވާ ކާރުޚާނާ އިން ފުޅީގައި ބަންދުކޮށްފައިވާ ފެން އުފެއްދުމާއި، އަދި ކ.ގުޅީފަޅުގައި ގާއިމްކޮށްފައިވާ ޕައިޕް ފެކްޓަރީއިން ފެނާއި ނަރުދަމާ ގެ މަސައްކަތްތަކާއި ފެން ވައިރިންގ އަށް ބޭނުންވާ އެކި ސައިޒްތަކުގެ ހޮޅި އުފެއްދުމާއި، އަދި ކަރަންޓް ވަޔަރިންގ އަށްބޭނުންވާ އެކި ސައިޒްތަކުގެ ކޮންޑިއުޓް ހޮޅި އުފެއްދުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ