ފަހި ދިރިއުޅުން ފްލެޓުތަކުގެ އަސްލު ކުއްޔަށް ތިރިކޮށް، ކުލި ފަސްކުރަން ގޮވާލައިފި

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ހުޅުމާލެ ފޭސް 2ގައި އެޅި 4،000 ފްލެޓުތަކުގެ އަސްލު ކުއްޔަށް ތިރިކޮށް، ކުލި ނެގުން ފަސްކޮށްދޭން އެތަނުގައި ދިރިއުޅޭ މީހުން ތަމްސީލުކުރާ ފަހި ޔޫނިއަން ޖަމިއްޔާއިން މިއަދު ގޮވާލައިފި އެވެ.
އެނގުން މުހިންމު - އެމްޑީޕީގެ ސަރުކާރުގެ ދައުރު ހަމަވާން ކައިރިވެފައިވަނިކޮށް 4،000 ފްލެޓު ލިބޭ ފަރާތްތައް ކަނޑައަޅައި، އޭގެ ތެރެއިން ގިނަ މީހުންނާ އެކު ފްލެޓު ކަނޑައެޅުމުގެ އެއްބަސްވުން ހެދި އެވެ.
ފަހި ޔޫނިއަނުން ބުނި ގޮތުގައި، އޭރު ކުލީގެ ގޮތުގައި ކަނޑައަޅާފައި އޮތީ:
2 ކޮޓަރީގެ ފްލެޓެއް، މެއިންޓަނެންސް ފީއާ އެކު: 6،000ރ.
3 ކޮޓަރީގެ ފްލެޓެއް، މެއިންޓަނެންސް ފީއާ އެކު: 8،000ރ.
ނަމަވެސް މި ސަރުކާރުން ކުލީގެ އެއްބަސްވުން ހެދިއިރު ކުލި ވަނީ ބޮޑުކޮށްފަ އެވެ. އެގޮތުން މިހާރު ނަގަމުން އަންނަނީ:
2 ކޮޓަރީގެ ފްލެޓެއް، މެއިންޓަނެންސް ފީއާ އެކު: 7،000ރ.
3 ކޮޓަރީގެ ފްލެޓެއް، މެއިންޓަނެންސް ފީއާ އެކު: 10،000ރ.
ބުނީ ކީކޭ؟ - ފަހި ޔޫނިއަނުން ނެރުނު ނޫސްބަޔާނެއްގައި ގޮވާލީ ކުރީގެ ސަރުކާރުން ކަނޑައެޅި ކުއްޔަށް ބަދަލުކޮށްދިނުމަށެވެ.
"ނިމިދިޔަ ސަރުކާރުން ކަނޑައަޅާފައިވާ ކުއްޔަށް ބަދަލުކޮށްދެއްވުމަށް އެދި ސަރުކާރަށް ގޮވާލަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން، ފްލެޓުތަކުން ނެގި ޑައުންޕޭމަންޓު އުނިކޮށްދިނުމަށާއި ދުނިޔޭގެ މިހާރުގެ ދަތި ހާލަތަށާއި ފްލެޓަށް ދިރިއުޅުން ބަދަލުކުރަން މީހުން ކުރަން ޖެހުނު ބޮޑު ހޭދައަށް ރިއާޔަތްކޮށް، މިހާރު ދީފައިވާ ތިން މަސްދުވަހުގެ ގްރޭސް ޕީރިއަޑް، ހަ މަހަށް ނުވަތަ އެއް އަހަރަށް އިތުރުކޮށްދިނުމަށް ވެސް އެ ޖަމިއްޔާއިން ވަނީ ގޮވާލާފަ އެވެ.
ތަފްސީލު - އޭގެ އިތުރުން ފަހި ފްލެޓުތައް ކުއްޔަށް ދިނުމުގައި ސަރުކާރުން ކުރި ބައެއް ކަންތައްތަކާ މެދު ވެސް ފަހި ޔޫނިއަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން:
ފްލެޓުތައް ދޫކުރީ ކުލީގެ އެއްބަސްވުމެއްގެ ދަށުން ކަމަށް ވުމާ އެކު ފްލެޓު ލިބުނު މީހުންނާއި އެ މީހުންގެ އާއިލާއަށް ރަށްވެހިންގެ ރަޖިސްޓްރީ ހަދައިނުދެވޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ އަންގާފައި؛ އެހެންކަމުން، އެހެން ސޯޝަލް ހައުސިން ޔުނިޓުތަކެކޭ އެއްފަދައިން މި 4،000 ފްލެޓުގެ އެއްބަސްވުން ވެސް ގަނެވިއްކުމުގެ އެއްބަސްވުމަކަށް ބަދަލުކޮށްދޭން ގޮވާލި
ރައީސް މުހައްމަދު މުއިއްޒު، ހިޔާ ފްލެޓާއި ވިނަރެސް ފްލެޓުތަކާއި ފޭސް 1ގައި ހުރި ފްލެޓުތަކުގެ އިތުރުން ރާއްޖޭގެ އެހެނިހެން ސޯޝަލް ހައުސިން ޔުނިޓުތަކުގެ ކުލި ކުޑަކޮށްދެއްވި ފަދައިން މިހާރު ރާއްޖޭގެ އިގްތިސާދީ ހާލަތަށް ރިއާޔަތްކޮށް، މި 4،000 ފްލެޓުގެ ކުލި ވެސް ކުޑަކޮށްދޭން ގޮވާލެއްވި
"ވީމާ ރައީސްގެ ވައުދުފުޅާ އެއްގޮތަށް، ރައްޔިތުންނަށް އިތުރު ބުރައެއް އަދި ތަކުލީފެއް އުފުލަން ނުޖެހޭނެ ގޮތަކަށް ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު މި 4،000 ފްލެޓު ލިބިފައިވާ އާއިލާތަކަށް ވެސް ލުއި ގޮތްތަކެއް ހަމަޖައްސަވައިދެއްވުން އެދި ރައީސަށް އިލްތިމާސްކުރަމެވެ،" ފަހި ޔޫނިއަންގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - އަންނަ ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓާ ދިމާކޮށް، ރައީސް މުހައްމަދު މުއިއްޒު ވެވަައިގެންފައިވާ ވައުދު "ފުރިހަމަ ގޮތުގައި" ފުއްދުމަށް ކަމަށް ބުނެ، މިދިޔަ ހޯމަ ދުވަހު ހިޔާ ފްލެޓްގެ ކުލި އެޗުޑީސީން ވަނީ ދެ އަހަރުދުވަހަށް މައާފުކޮށްދީފަ އެވެ.
ނަމަވެސް އެ ވައުދު ފުއްްދުމަށްޓަކައި ސަރުކާރުން ވަނީ ޑިސެމްބަރު 2023ގައި ހިޔާގެ ޖުމްލަ އަގުން 100،000ރ. އުނިކޮށްފަ އެވެ. އަދި ބާކީވާ 100،000ރ. ހަމަކުރުމަށް ހަތް އަހަރަށް އެ ފްލެޓްތަކުގެ މަހު ކުލި 3،984.21ރ.އަށް ކުޑަކުރި ކަމަށް އޭރު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ