ދިވެހިރާއްޖޭގެ އުމްރާނީ ތަރައްގީގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބޮޑު އަދި އެންމެ ކާމިޔާބު މަޝްރޫއަކީ ހުޅުމާލެ ތަރައްގީކުރުމުގެ މަޝްރޫއެވެ. މިއަދަކީ މި ބިޔަ މަޝްރޫއު ވިލަރެސްކޮށް ބެލެހެއްޓުމަށްޓަކައި އެންމެ ފުރަތަމަ ފިޔަވަޅު އެޅިތާ 25 އަހަރު ފުރުނު ތާރީޚީ ދުވަހެވެ. ފަޅު ކަނޑެއްގެ ގޮތުގައި އޮތް ސަރަހައްދެއް، ޒަމާނީ ސިޓީއަކަށް ބަދަލުކޮށްލުމަށް ކުރެވުނު މި ބުރަ މަސައްކަތުގެ މުގުލުގައި އޮތީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އެވެ.
އެޗްޑީސީގެ އިމާރާތް
ހުޅުމާލެ މަޝްރޫއަކީ ރައްޔިތުންނަށް ދިމާވެފައިވާ ގޯތިގެދޮރުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޒައާމަތުގައި 1997 ވަނަ އަހަރު ފެއްޓެވި އުންމީދީ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި ހިއްކުމުގެ އަމަލީ މަސައްކަތް ރައީސް މައުމޫން ފައްޓަވައިދެއްވީ 16 އޮކްޓޯބަރު 1997 ގައެވެ.
ހުޅުމާލެ މަޝްރޫޢުގެ ބިންގާ އެޅުން
ކަނޑައެޅިފައިވާ މާސްޓާ ޕްލޭނެއްގެ ދަށުން މި މަސައްކަތްތައް ހިންގުމަށްޓަކައި، 1 އޭޕްރީލް 2001 ގައި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ގަރާރަކުން "ހުޅުމާލެ ތަރައްގީ ކުރުމާ ބެހޭ ޔުނިޓު" އުފެއްދެވިއެވެ.
ހުޅުމާލެ ފެހި ކުރަން ގަސް އިންދުން
އޭގެ ފަހުން، މި މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި އޮގަސްޓް 2005 ގައި އެ ޔުނިޓު އުވާލައްވައި "ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފެއްދެވިއެވެ. އަދި 19 މާޗު 2009 ގައި ކުންފުނީގެ ނަން "ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން" (އެޗް.ޑީ.ސީ) އަށް ބަދަލުކުރެވުނެވެ.
ހުޅުމާލެ ތަރައްގީ ކުރުމާބެހޭ ޔުނިޓް
އެޗް.ޑީ.ސީ އުފެއްދުމުގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގައި ދިރިއުޅުމަށް ބޭނުންވާ ގޯތިގެދޮރު ބިނާކުރުމުގެ ކަންތައް ރާވައި، ދެމެހެއްޓެނިވި ގޮތެއްގައި އެކަންކަން ހިންގުމެވެ.
އަދި ހަމައެހެންމެ ހުޅުމާލޭގެ ބިމާއި، މަގުތަކާއި ފަޅު ތަރައްގީކޮށް ސިއްހީ، ތައުލީމީ އަދި އިޖުތިމާއީ ކަންތައްތައް ފަދަ އަސާސީ ހިދުމަތްތައް ދިނުމަށް ކުރެވޭ އުމްރާނީ ތަރައްގީގެ މަސައްކަތްތަކަށް މަގުފަހިކޮށްދިނުމެވެ.
ހުޅުމާލޭގެ އޭރުގެ ޕްލޭން ރައީސް މައުމޫން ބައްލަވައިލެއްވުން
މީގެ އިތުރުން ހުޅުމާލޭގައި ސިނާއީ މަސައްކަތްތަކާއި ވިޔަފާރީގެ މަސައްކަތްތައް އަދި ދަތުރުފަތުރު ކުރުމުގެ ކަންތައްތައް ދެމެެހެއްޓެނިވި ގޮތެއްގައި ކުުރމަށް މަގުފަހިކޮށްދީ، ސަރުކާރުން ހުޅުމާލެއަށް ފޯރުކޮށްދޭ ހުރިހާ އަސާސީ ހިދުމަތެއް ވިލަރެސް ކުރުމަކީވެސް ކުންފުނި އުފެއްދި މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަންތަކެވެ.
އެޗްޑީސީއަށް މިއަދު 25 އަހަރު ފުރޭއިރު، މިއަހަރުގެ ރިހި ޔޫބިލްގެ ޝިއާރަކަށް އެކުންފުނިން ކަނޑައަޅާފައިވަނީ "ސީ ޓު ސިލްވަރ ޝޯރސް" ނުވަތަ "ކަނޑުން ރިހިއައްސޭރިއަށް" މިއެވެ. މި ޝިއާރުން ރަމްޒުކޮށްދެނީ ފަޅު ކަނޑެއްގެ ގޮތުގައި އޮތް ތަނެއް ހިއްކައި، އެތަނުގައި ފަހި ދިރިއުޅުމެއް ބިނާކުރުމަށް ކުރި އިންގިލާބީ ދަތުރެވެ.
ހުޅުމާލޭގައި މީހުން އާބާދުވާން ފެށުން
ހުޅުމާލޭގައި މީހުން އާބާދުވާން ފެށުން
12 މޭ 2004 ގައި ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށިއިރު، މިއަދު އެ ރަށަކީ އެއްލައްކައަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮތް، ހުރިހާ ވަސީލަތްތަކެއް ފުރިހަމަވެފައިވާ ސިޓީއެކެވެ.
ހުޅުމާލެ ފުރަތަމަ ހިއްކި އިރު އޮތް ގޮތް
ހުޅުމާލޭގެ ޕްލޭން އޭރު އޮތް ގޮތް
އެޗް.ޑީ.ސީގެ މަސައްކަތްތައް މިހާރު ވަނީ ހަމައެކަނި ހުޅުމާލެއަށް ހުއްޓިފައެއް ނޫނެވެ. އެހެނެއް ކަމަކު އެކުންފުނީގެ މަސައްކަތްތައް މުޅި ގްރޭޓަރ މާލެ ސަރަހައްދަށް ފުޅާވެފައިވެއެވެ. އަދި ރާއްޖޭގެ އެހެނިހެން ބައެއް ސަރަހައްދު ތަކުގައިވެސް އެޗްޑީސީން އެކިއެކި މަޝްރޫޢު ހިންގުމަށް މިހާރު ވަނީ ހަވާލުކުރެވިފައެވެ.
އެޗްޑީސީން ހިއްސާވެގެން މިފަހުން ހިންގުނު އެންމެ ފާހަގަކޮށްލެވޭ މަޝްރޫޢު ތަކުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ކުރިއަށް ގެންދެވުނު ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަޝްރޫޢު ފާހަގަކޮށްލެވެއެވެ. މި މަޝްރޫޢުގެ ދަށުން ދާދިފަހުން ވަނީ 63 ހެކްޓަރުގެ ބިން ހިއްކައި ނިންމާލާފައެވެ.
ހުޅުމާލެ ފޭސް 3
މީގެ އިތުރުން ތިލަފުށީގެ ސިނާއީ ބިމާއި، ގުޅީފަޅު ތަރައްގީކޮށް އާބާދުކުރުމުގެ ބުރަ މަސައްކަތް ކުރިއަށް ގެންދިޔުމުގައި އެޗްޑީސީން ކުރަމުންދާ މަސައްކަތް ފާހަގަކޮށްލަންޖެހެއެވެ.
ހަމަ އެހެންމެ މާލެ ސަރަހައްދުގެ ހަލަބޮލި ކަމުން އެކަހެރިވެލައި، އުފާވެރި އަދި ހިތްހަމަޖެހޭ މާހައުލެއްގައި މުނިފޫހިފިލުވާލައި އާއިލާއާއިއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ތަރައްގީކުރެވުނު"ޕިކްނިކް އައިލެންޑް" ކުޑަގިރި އަކީވެސް އެޗްޑީސީން ކުރިއަށް ގެންދިޔަ މަޝްރޫޢުއެކެވެ.
ކުޑަގިރި
މީގެ އިތުރުން، މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާއެއްގޮތަށް، ފުށިދިއްގަރުފަޅު ހިއްކައިގެން އީކޯ-ސިޓީއެއްގެ ގޮތުގައި ތަރައްގީކުރާ ރަސްމާލެ ހިއްކުމުގެ ބިޔަ މަޝްރޫއަކީވެސް އެޗް.ޑީ.ސީގެ ހިއްސާ އޮންނަ މުހިންމު މަސައްކަތެކެވެ.
ރަސްމާލެ
މަދު މުވައްޒަފުންކޮޅަކާއެކު "ހުޅުމާލެ ތަރައްގީ ކުރާ ޔުނިޓު" ގެ ނަމުގައި ފެށުނު މަސައްކަތް، މިއަދު މިވަނީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ކާމިޔާބު ސަރުކާރު ކުންފުންޏަށް ބަދަލުވެފައެވެ. ވޭތުވެދިޔަ 25 އަހަރަކީ ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ބޯހިޔާވަހިކަމުގެ އުންމީދުތައް ހަގީގަތަކަށް ހަދައިދިން ރަން އަހަރުތަކެކެވެ. އެޗް.ޑީ.ސީގެ ރޭވުންތެރިކަމާއެކު ކުރިއަށްދާ މަސައްކަތްތަކަކީ ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީގެ މައިބަދައެވެ. "ކަނޑުން ރިހިއައްސޭރިއަށް" ކުރި މި ދަތުރު މިއަދުވެސް ދަނީ ހުއްޓުމެއްނެތި، ދިވެހި ގައުމަށް ފާގަތި މުސްތަގުބަލެއް ހޯދައިދިނުމުގެ އަޒުމުގައެވެ.
އެޗް.ޑީ.ސީއަށް 25 އަހަރު: "ކަނޑުން ރިހިއައްސޭރިއަށް" ކުރި ތާރީޚީ ދަތުރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ