ނަޝީދު މަގުމަތީގާ ބަހައްޓައިގެން ސަރަނގޭ ދަވާލަނީ ދައުލަތް

ސަރަނގު އާދަމަނިކު ބުނާ ގޮތުގައި އޭނާގެ ސިޔާސީ ނާރެހަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އޭނާ އެމްޑީޕީއާ އެންމެ ފުރަތަމަ ގުޅުނީވެސް ރައީސް ނަޝީދު އެދިވަޑައިގެން އެދިވަޑައި ގަތުމަކަށް ކަމުގައި އާދަމް މަނިކު ބުނެފައިވެއެވެ. މާލެ ސީޓީގެ ފުރަތަމަ މޭޔަރަކަށް ވީވެސް އެ ވިސްނުމުގައި ރައީސް ނަޝީދަށް ކޮށްދިން ކަމެއްގެ ގޮތުގައި ކަމަށް އާދަމް މަނިކު ސިފަކުރެއެވެ. 
އަސްލު އެމްޑީޕީއެއް މިހާރު ނެތްކަމަށް ބުނެ ސަރަނގު އާދަމް މަނިކު މުއިއްޒުގެ ޕީއެންސީއާ ގުޅި ޕީއެންސީ މޭޔަރ ކެންޑިޑޭޓަށް ތާއީދުކުރާކަން އާދަމް މަނިކު އިހަށްދުވަހު ވަނީ ފާޅުކޮށްފައެވެ. ޑރ. ވަހީދަށް ގައުމީ އިއްތިހާދު ހަދާދިންކަމަށް ދައުވާ ކުރާ ސަރަނގު އާދަމް މަނިކު ގައުމީ އިއްތިހާދު ހަދައިގެން ވަހީދު ފޫބުޑުން މަންފާ ހޯދަމުން ދިޔައީ އެބުނާ ސިޔާސީ ނާރެސް ރައީސް ނަޝީދު ވެރިކަމުން ވައްޓާލުމަށް ފަހު ޑރ. ވަހީދުގެ މޯހިރުންނެވެ. 
ސަރަނގު އާދަމް މަނިކު ޑރ. ވަހީދުގެ ގައިރު ގާނޫނީ ވެރިކަމުގައި ދައުލަތް ނޮޅާ ކެއުމުގެ ކުރީ ސަފުގައިހުރެގެން ހޭވިހާ ހަޑިއެއް ހޭވީ ރައީސް ނަޝީދު އެމްޑީޕީގެ ލީޑަރޝިޕްގައި ގަދަކޮށް ހުއްނަވަނިކޮށެވެ. ހަރާން ބަގާވާތަކުން ވެރިކަން ވައްޓާލުމުން އާދަމް މަނިކުގެ ސިޔާސީ ނާރެސް ކަމުގައިވާ ރައީސް ނަޝީދު އަސްލު އެމްޑީޕީއާއެކު މަގުމަތީގައި ހުންނެވި އިރު އާދަމް މަނިކު އުޅުނީ ވަހީދުގެ ހިޔަނީގައި ދައުލަތް ދަވާލުމުގައި އަވަދިނެތިއެވެ.
ސަރަނގު އާދަމް މަނިކަކީ ހައްގުނޫން މަންފާތައް ދައުލަތުން ނެގުމުގައި އަބަދުވެސް އަރާ ހުންނަ މީހެކެވެ. ރައީސް ނަޝީދުގެ ފަހަތްޕުޅުގައި ހުރެގެން ދައުލަތް ލޫޓުވާ ނުލެވުނީމާ ބޮޑު ހޯގުޅާތަކާ ގުޅިގެން ވެރިކަން ވައްޓާލީއެވެ. މިސާލީ ލީޑަރ ކަމަށް އާދަމް މަނިކު ބުނާ ރައީސް ނަޝީދަށާއި އެ ބުނާ އަސްލު އެމްޑީޕީއަށް ކުރި އިހުތިރާމެއް ނެތެވެ. ވީހާލެއްގައިވެގެން އާދަމް މަނިކަކަށް ނޫޅެވުނެވެ.
އެމްޑީޕީގެ ދެވަނަ ވެރިކަމުގައިވެސް އާދަމް މަނިކު ހުރީ އެމްޑީޕީއާ އެއްކަކު ނޫނެވެ. އެންމެފަހުން އޮތް ރިޔާސީ އިންތިހާބުގެ ފަހުބުރުގައި ރީދޫ ގަމީސްލައިގެން ރައީސް ސޯލިހުގެ ތޮއްވަރިއަށް ވަދެ އުޅުނީ ދެވަނަ ދައުރެއް ރައީސް ސޯލިހަށް ލިބިއްޖެނަމަ ދައުލަތް ނޮޅާލަން އާދަމް މަނިކަށް ފުރުސަތެއް ލިބިދާނެކަމަށެވެ. ނުހޮވުނު ހިސާބުން ހިޔަޅަށް މޭބިސްކަދުރު ހުތް ވީއެވެ.
އެމްޑިޕީއަށް ވެރިކަން ގެއްލި ރައީސް މުއިއްޒުގެ ވެރިކަން ޑިކްޓޭޓަރޝިޕަކަށް ބަދަލުވާތަން ފެނި ދައުލަތް ދަވާލަން ހުރި ދަހިވެތިކަމެއްގެ ބޮޑުކަމުން ދަނޑިވަޅު ބަލާފައި ޕީއެންސީއަށް  ނޫންކަމަކަށް ނުވާނެއެވެ. ޕީއެންސިއަށް ފުންމާލިއިރު އާދަމް މަނިކު ބުނާ އެއްކަލަ ސިޔާސީ ނާރެސް ރައީސް ނަޝީދު ހުންނެވީ ގަދަކޮށް އެމްޑީޕީގައެވެ. އަވަދިނެތި އެމްޑީޕީއަށް ތާއީދު ހޯއްދެވުމުގެ މަސައްކަތުގައެވެ. އެކަމަކު ސަރަނގު އާދަން މަނިކަށް ފެނުނީ މުއިއްޒު ގާތުން ނެގެން އޮތް ބޮޑު ފައިދާއާއި ހިޔަނާތު މައިދޮރާއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ