އިންތިހާބާ ދިމާކޮށް ފުލުހުންގެ މުސާރަ ބޮޑުކުރިކަމަށް ދެކެވެމުންދާ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.
ފުލުހުންގެ މުސާރަ ބޮޑުކުރިކަމަށް ދެކެވެމުންދާ ވާހަކަތަކާ ގުޅޭގޮތުން ބައެއް މީޑިއާތަކާ ވާހަކަދައްކަވަމުން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް (އޭސީޕީ) އަޙްމަދު ޝިފާން ވަނީ އެވާހަކަތައް ދޮގުކުރައްވާފައެވެ.
ޝިފާން ވިދާޅުވީ ފުލުހުންނަށް މިހާރު ދޭން ފަށާފައިވާ އެލަވަންސަކީ، އާ ޕޭ ފްރޭމްވޯކަށް ޢަމަލުކުރަން ފެށި ހިސާބުން ފެށިގެން ދެ އަހަރު ހަމަވުމުން ދިނުމަށް ކުރިންވެސް ފާސްކޮށްފައިވާ އެލަވަންސެއް ކަމަށެވެ.
މި އެލަވަންސް ދިނުމުގައި ވަކި ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރާއިރު، މި ބަދަލު ގެނެސްފައިވަނީ ޕޭ ފްރޭމްވޯކްގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން، ފުލުހަކު ހުރި ރޭންކާއި ގްރޭޑުގައި ދެ އަހަރު ދުވަސް ފުރިހަމަވެފައިވާ މުވައްޒަފުންނަށް އިސްކަންދީގެންނެވެ.
މީގެ އިތުރުން، މި އެލަވަންސް ލިބެނީ މަސައްކަތުގެ ފެންވަރު ބަލާ ނިޒާމުން ވަކި މިންގަނޑަކަށް މާކްސް ލިބިފައިވާ ފަރާތްތަކަށެވެ. އެގޮތުން ވިދިވިދިގެން ދެ އަހަރު ދުވަހު މަސައްކަތުގެ ފެންވަރު ބެލުމުން އެވަރެޖްކޮށް 75 އިންސައްތައަށް ވުރެ މަތިން މާކްސް ލިބިފައިވާ ފުލުހުންނަށް މި އެލަވަންސް ހަމަޖެހިގެންދާނެ ކަމަށް ޝިފާން ވިދާޅުވިއެވެ.
ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުފުޅެކެވެ. މި ވަޢުދާ އެއްގޮތަށް ފުލުހުންގެ މުސާރައަށް 35 އިންސައްތައިގެ ކުރިއެރުމެއް ގެނެސްފައިވަނީ 2024 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެންނެވެ.
މި ބަދަލުތަކަކީ ފުލުހުންގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު އިސްލާހުތަކުގެ ތެރެއިން، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރަށާއި ދާއިރާގައި ހޭދަކުރާ މުއްދަތަށް ބަލައި ދިނުމަށް ނިންމާފައިވާ ކުރިއެރުންތަކެކެވެ. މިއާއެކު ފުލުހުންގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ބާރުލިބިގެންދާނެ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.
ފުލުހުންގެ މުސާރަ ބޮޑުކުރިކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ