މެޗުގެ 12 ވަނަ މިނިޓްގައި ލިބުނު ކޯނަރުގައި ކުރި ޕާސްތަކުން މުރުސިދު އަލީ ހުރަސްކޮށްލި ރީތި ބޯޅަ، ގޯލުގެ ހަމަ ކުރިމަތީގައި ހުރެފައި އެމްޑީ މަނިކު ބޮލުން ޖަހާ ވައްދާލި ލަނޑުން ސާފް 20 އަހަރުން ދަަށުގެ މުބާރާތުގެ ފައިނަލަށް ބަންގްލަދޭޝް މިއަދު ގެންގޮސްދީފި އެވެ.
މިއީ އެންމެ ފަހުގެ ޗެމްޕިއަން ޓީމަށް ތަށި ދިފާއުކުރަން ލިބުނު ރަނުގެ ފުރުސަތެއް ވެސް މެ އެވެ.
ގަލޮޅު ދަނޑުގައި ނޭޕާލާ ދެކޮޅަށް ކުޅުނު ވަރުގަދަ ސެމީ ފައިނަލް މެޗުގައި ޖެހި ހަމައެކަނި އެ ލަނޑުން ބަންގްލަދޭޝް ފައިނަލަށް ދިއުމުން ބުނެދެނީ ސަރަހައްދީ އުމުރު ފުރައިގައި އެ ގައުމު މޮޅުކަމެވެ.
ނޭޕާލުގައި 2024ގައި އޮތް މުބާރާތުގެ ފައިނަލް މެޗުން ބަންގްލަދޭޝް މޮޅުވީ 4-1އިންނެވެ.
ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމުގެ ކުޅުން ބަލައިލަން ދިޔަ ދިވެހިންގެ އަދަދު މަދު ނަމަވެސް ރާއްޖޭގައި އުޅޭ ބަންގްލަދޭޝް އާއި ނޭޕާލު ރައްޔިތުން ވަދެ، ދަނޑުގެ ލިބެން ހުރި ސިޑިބަރިތައް ގާތްގަނޑަކަށް ފުރާލި އެވެ. ބަންގްލަދޭޝް ސަޕޯޓަރުންގެ އަޑު އެހާމެ ގަދަ އެވެ. ޒުވާން ގައުމީ ޓީމު ނަމަވެސް އެ ކުޅުންތެރިންގެ ހިތްވަރަށް އެ ސަޕޯޓަރުންގެ އަޑުން ރޫހު އެޅުނުކަން ޔަގީނެވެ.
މިއީ އުމުރު ފުރައިގެ މެޗެއްހެން ހިއެއްނުވެ އެވެ. ރާއްޖޭގައި މި ކަހަލަ މުބާރާތްތައް ނުބާއްވާތީ ގިނަ ދިވެހިންނަށް އޭގެ ފެންވަރު ނޭނގެނީ އެވެ. އެކަމަކު މިއަދުގެ ސެމީ ފައިނަލުގައި ބަންގްލަދޭޝް އާއި ނޭޕާލުން ދައްކާލީ، ފުޓްބޯޅަ ދެކެ ލޯބިވާ ބައެއް ނަމަ، ފޫހިވުމެއް ނެތި ބަލަން ތިބޭނެ ފެންވަރުގެ ކުޅުމެކެވެ.
ދެ ހާފުގައި ދެ ޓީމުން ވެސް ގިނ ފުރުސަތުތަކެއް ހޯދައި، ހަމަލާތައް ދިނެވެ. ހަމަ އެފަދަ ކުޅުންގަނޑެއް ދެވަނަ ހާފުގައި ވެސް ދެއްކި އެވެ. ފަހުކޮޅު ނޭޕާލުން ލަނޑެއް ޖަހަން ކުރި ހިތްވަރާއި ގިނަ ކުޅުންތެރިން ކުރިއަރާފައި ތިއްބާ ބަންގްލަދޭޝްއިން ތަނަވަސްކުރި ފުރުސަތުތައް ވެސް ރަނގަޅެވެ. ހަމަލަތާއް ވެސް ދިނެވެ.
ހުކުރުދުވަހު އޮންނަ ފައިނަލްގައި ބަންގްލަދޭޝްއާ ވާދަކުރާނެ ޓީމެއް އެނގޭނީ މިރޭ އިންޑިއާ އާއި ބޫޓާންގެ މެޗަށް ފަހު އެވެ.
ވަރުގަދަ ސެމީ ފައިނަލް ކާމިޔާބުކޮށް ބަންގްލަދޭޝް ފައިނަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ