ވަކި ހާލަތްތަކެއްގައި ފުލުހުންނަށް އޮންލައިންކޮށް ހެކިބަސްދެވޭގޮތް ހަދައިފި

ވަކި ހާއްސަ ހާލަތްތަކެއްގައި ފުލުހުންނަށް ޝަރީއަތްތަކަށް އޮންލައިންކޮށް ހެކިބަސްދެވޭގޮތް ހަދައިފި އެވެ.
ވީ ކިހިނެއް؟ - އަދުލު އިންސާފުގެ ހަމަތައް ނުގެއްލޭގޮތުގެ މަތިން އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދިއުމުގެ އިހުތިޔާރު ފަނޑިޔާރަށް ލިބިގެންވެ އެވެ. ބައެއް ހާއްސަ ހާލަތްތަކުގައި ހަބީރުންނަށް އޮންލައިންކޮށް ހެކިބަސް ނެގުން ވެސް ކުރިއަށް ގެންދެވެ އެވެ. 
ހާއްސަ ހާލަތްތަކެއްގައި ފުލުހުންނަށް އޮންލައިންކޮށް ހެކިބަސް ދެވޭ ގޮތަށް ބަދަލު ގެނައީ، އިއްޔެ ބޭއްވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އާންމު  މަޖިލީހުންނެވެ. 'އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ކޯޓުތަކުގެ އަޑުއެހުންތަކާއި ޝަރީއަތްތައް ކުރިއަށް ގެންދިއުމާބެހޭ ގަވާއިދު' އަށް ގެނައި މި އިސްލާހަށް  މިއަދުން  ފެށިގެން ވަނީ އަމަލުކުރަން ފަށާފަ އެވެ.
ތަފްސީލް - އެ ގަވާއިދުގެ ތިންވަނަ މާއްދާއަށް (ޅ)ގެ ގޮތުގައި އަކުރެއް އިތުރުކޮށް ގެނައި މި އިސްލާހުގައި އޮންނަނީ، ތިން ހާލަތެއްގައި ހެކިންގެ ގޮތުގައި ދައުލަތުން ހުށަހަޅާ ފުލުހުންގެ ހެކިބަސް، ފުލުހުންގެ މަރުކަޒެއްގައި ތިބެގެން އޯޑިއޯ ނުވަތަ ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ނެގުމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ އިހުތިޔާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބިދެވޭ ކަމަށެވެ. އަދި އެއީ ހާއްސަ ހާލަތްތަކެއް ކަމުގައި ކަނޑައަޅާފައިވެ އެވެ.
ފުލުހުންނަށް އޮންލައިންކޮށް ހެކިބަސް ދެވޭނެ ހާލަތްތަކަކީ:
އަދާކުރާ ޒިންމާގެ ގޮތުން ކޯޓަށް ހާޒިރުވެވެން ނެތުން
ޓްރޭނިން ޕްރޮގްރާމެއް ފުރިހަމަ ކުރަމުންދާ ފުލުހެއްނަމަ، ޓްރޭނިން މެދުކަނޑާލާފައި ކޯޓަށް ހާޒިރުވެވެން ނެތުން
މައްސަލަ ހުށަހެޅިފައިވާ ކޯޓު ހުރި ރަށް ނޫން އެހެން ރަށެއްގައި ހުރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ