ދަރަވަންދޫ އެއާޕޯޓު ހިންގުން އައިއޭއެސް އާ ހަވާލުކޮށް ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ފަށައިފި

ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓުގެ ޓާމިނަލް ބޮޑުކޮށް، ތަރައްގީކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - މިއަދު ދަރަވަންދޫ އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ދަރަވަންދޫ އެއާޕޯޓުގެ ހިންގުން ވަނީ އައިލެންޑް އޭވިއޭޝަން އާ ހަވާލުކޮށްފަ އެވެ. އެއާޕޯޓުގެ ހިންގުން އައިލެންޑް އޭވިއޭޝަން އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ
ސަރުކާރުގެ ފަރާތުން ޓްރާންސްޕޯޓު މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަަލް އަހުމަދު ޝަމީމް 
އައިލެންޑް އޭވިއޭޝަންގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް
ތަފްސީލް - ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ މަޝްރޫއު އިފްތިތާހުކޮށްދެއްވީ ޓްރާންސްޕޯޓު މިނިސްޓަރު އަމީން އެވެ.
 މި މަޝްރޫއުގެ ދަށުން ޒަމާނީ ޓާމިނަލެއް ތަރައްގީކުރަން ނިންމާފައިވެ އެވެ. ފަސިންޖަރުންނަށް ހިތްހަމަޖެހޭނެފަދަ ހުރިހާ ކަމެއް ހިމަނައިގެން އާ ޓާމިނަލް ތަރައްގީކުރާއިރު ހުންނާނެ ފެސިލިޓީޓަކުގެ ތެރޭގައި
ސެލްފް ޗެކްއިން ކިއޮސްކުތައް ހުންނާނެ
އެޑްވާންސް ސެކިޔުރިޓީ ސްކްރީނިން 
ޖާގަ ތަނަވަސް ޑިޕާޗާ ހޯލެއް
3 ބޯޑިން ގޭޓް
އެކްސްކްލޫސިވް ލައުންޖު
ޑެޑިކޭޓެޑް ބޭބީކެއާ ފެސިލިޓީ
އޯޕަން އެއާ ރިޓްރީޓް ސަރަހައްދެއް
އައިލެންޑް އޭވިއޭޝަނުން ބުނީ މި މަޝްރޫއަކީ ހަމައެކަނި އިމާރާތަކަށް އަންނަ ބަދަލެއް ނޫން ކަމަށާއި މިއީ ހިދުމަތުގެ ފެންވަރު މުޅިން އާ ހަރުފަތަކަށް ގެންގޮސްދޭނެ ބަދަލެއް ކަމަށެވެ.
އެނގުން މުހިއްމު - ދަރަވަންދޫ އެއާޕޯޓު ތަރައްގީކުރީ ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސް އިންނެވެ. އެއާޕޯޓު ހުޅުވާ ހިދުމަތް ދޭން ފެށީ 2012 ވަނަ އަހަރު އެވެ. ދަރަވަންދޫ އެއާޕޯޓުގެ ހިންގުން އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށް އެތަން ތަރައްގީ ކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ