ފަރުހާދު ޕޮލިސް ކޮމިޝަނަރަކަށް ގެންނަން ލަފާ ދީފި؛ އެކަމަކު ސީރިއަސް ތުހުމަތުތަކެއް

ހުސްވެފައިވާ ފުލުސް ކޮމިޝަނަރުކަމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް، ފަރުހާދު ފިކުރީ އައްޔަންކުރަން ފުލުހުންގެ ބޯޑުން ރައީސް މުހައްމަދު މުއިއްޒަށް މިއަދު ލަފާދީފި އެވެ. 
އެނގުން މުހިންމު - ފުލުސް އޮފީސް ހިންގުމާ މިހާރު ހަވާލުކޮށްފައިވާ ފަރުހާދު އެ މަގާމަށް އައްޔަން ކުރަން ފުލުސް ބޯޑުން ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނަށް ލަފާދިން އިރު އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް މީގެ ކުރިން ފެންމަތިވެފައިވެ އެވެ.
އެ މައްސަލަތައް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް ވެސް ހުށަހަޅާފައިވޭ 
ވީ ކިހިނެއް؟ - އިތުބާރު ހުރި މަސްދަރުތަކުން 'ދައުުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި ފަރުހާދު ފުލުސް ކޮމިޝަނަރަށް އައްޔަން ކުރަން ލަފާދިނީ މިއަދުގެ ވަގުތެއްގަ އެވެ. އެހެން ނަމަވެސް އެކަމާ ގުޅިގެން މިނިސްޓަރު އަދި ނިންމެވުމެއް ނިންމާފައެއް ނުވެ އެވެ. 
ތަފްސީލް - ޕޮލިސް ބޯޑުގައި ކަން ހިނގާ ދިޔަ ގޮތް އެނގޭ މަސްދަރުތަކުން 'ދައުރު'އަށް ކިޔައިދިން ގޮތުގައި ފުލުސް ބޯޑުން އިއްޔެ ނިންމީ އެ މަގާމަށް ކުރިމަތިލާފައިވާ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ކޮމިޝަނަރަކަށް އައްޔަން ކުރަން ލަފާ ދިނުމަށެވެ. އެހެން ނަމަވެސް: 
ރޭގެ ވަގުތެއްގައި ޕޮލިސް ބޯޑުން އަލުން އެއްވެ ނިންމުން ބަދަލުކުރީ 
އެހެން ނަމަވެސް، ފުލުހުންގެ އިންޓެލިޖެންސް މެމޯއެއް ޕޮލިސް ބޯޑަށް ލިބުމާ ގުޅިގެން އެ ނިންމުން މިއަދު ބަދަލުކުރީ ކަމަށް މަސްދަރުތަކުން ބުނި 
އެކަމާ ގުޅޭ ގޮތުން ރަސްމީ ބަހެއް ހޯދުމަށް މަސައްކަތްކުރި ނަމަވެސް، މިނިސްޓްރީން ކޮމެންޓެއް ނުލިބުނެވެ. 
ފަރުހާދުގެ މައްޗަށް ވަނީ އޭނާ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ޖިނާއީ ބައެއް މައްސަލަތައް އޮއްބާލި ކަމުގެ ތުހުމަތުތައްކޮށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއި އިންޓަގްރިޓީ ކޮމިޝަނަށް ވަނީ އެކި ފަރާތްތަކުން މައްސަލަ ހުށަހަޅައިފަ އެވެ. އެގޮތުން ފަރުހާދަށްކޮށްފައިވާ ތުހުމަތުތަކަކީ: 
ފަރުހާދުގެ ފިރިހެން ދަރިއަކު މަސްތުގެ ހާލަތުގައި ހުރެ ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން މަޑުކުރަން އެންގުމުން ވެސް މަޑުނުކޮށް ދިއުމާއި ފުލުހަކަށް ހަމަލާ ދީފައިވާ މައްސަލައެއް އޮއްބާލަން މަގާމުގެ ނުފޫޒު ބޭނުންކުރުން
ފަރުހާދުގެ ދަރިއެއްގެ މައްޗަށް ތުހުމަތުކުރި ރޭޕް އާއި ޖިންސީ ގޯނާގެ ސީރިއަސް މައްސަލައެއް އޮއްބާލަން މަގާމުގެ ނުފޫޒާއި ބާރު ބޭނުންކުރެއްވުން 
ފަރުހާދުގެ ދަރިއަކު މިދިޔަ އަހަރު ހައްޔަރު ކުރުމުން އޭނާ ބަންދުން ދޫކޮށްލަން ނުފޫޒު ފޯރުވިކަމުގެ ޝަކުވާތަކެއް ރައީސްއަށް ހުށަހެޅުމުން އޭނާ މަގާމުން ރިޓަޔާ ކުރައްވަން ރައީސް އެންގެވި މައްސަލައެއް ވެސް ފެންމަތިވި 
އެ ތުުހުމަތުތައް ސާބިތުނުވާ ކަމަށް ވިދާޅުވެ މިނިސްޓަރު އިހުސާން ވަނީ މީގެ ކުރިން ފަރުހާދު ދިފާއުކުރައްވައިފަ އެވެ.
މީގެ އިތުރުން، ކުރީ ސަރުކާރުގައި ސީރިއަސް ތުހުމަތުތަކެއް ހުރުމުން ފަރުހާދަކީ އޭރުގެ ފުލުސް ބޯޑުން ވަޒީފާއިން ވަކިކުރަން ނިންމި ހަ އޮފިސަރުންގެ ތެރޭގައި ހިމެނޭ ފަރާތެކެވެ. އޭރު ވެސް ޕޮލިސް ބޯޑުން އެގޮތަށް ނިންމީ:
މައްސަލައެއްގައި ހިމެނޭ ހެކި ނައްތާލަން ފަރުހާދު މަސައްކަތްކުރި ކަމުގެ ތުހުމަތުތަކެއް އޮތުމުން 
ނަމަވެސް ފަހުން ކޯޓުން ހުކުމް ކުރުން އެ މީހުން ވަޒީފާ އިއާދަކޮށް، މި ސަރުކާރުގައި ފަރުހާދަށް ޑެޕިއުޓީ ކޮމިޝަނަރަކަށް ޕްރޮމޯޓްކުރި
އެ މައްސަލަތައް އިންޓަގްރިޓީ ކޮމިޝަނަށް ހުށަހެޅުނުކަން އެ ކޮމިޝަނުން ފަރުހާދާ ގުޅޭ ގޮތުން ޕޮލިސް ބޯޑަށް ހުށަހެޅި ރިޕޯޓްގައި ފާހަގަކޮށްފައިވާކަން އެނގިފައިވެ އެވެ. އެހެން ނަމަވެސް އެ ބޯޑުން އޭނާގެ ޝަރުތު ހަމަވާ ކަމަށް ނިންމައި އިންޓަވިއުކުރި އެވެ. ފުލުުހުންގެ ގާނޫނު ބުނާ ގޮތުގައި: 
ކޮމިޝަނަރުކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން އެ މަގާމަށް އެންމެ އެކަށޭނަ މީހެއްގެ ނަން މިނިސްޓަރަށް ފޮނުވަން ޖެހޭނީ އެންއައިސީ އާއި ޕީއެސްސީން ތައްޔާރުކޮށް ފޮނުވާ ރިޕޯޓުތަކަށް ރިއާޔަތް ކުރުމަށް ފަހު
ފަސްފަހަތް - ފުލުސް ކޮމިޝަނަރުކަން ހުސްވީ އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން އެ އަށް މަސް ވަންދެން އެ މަގާމުުގައި ހުންނެވުމަށް ފަހު، ސީޕީކަމުން އިސްތިއުފާ ދެއްވައި ފުލުހުންގެ ހިދުމަތުން މިދިޔަ ފެބުރުއަރީ 18 ވަނަ ދުވަހު ރިޓަޔާ ކުރެއްވުމުންނެވެ. އެގޮތުން: 
އެ މަގާމަށް ދެން ކުރިމަތިލާން ފުރަތަމަ ހުޅުވާލި ފުރުސަތުގައި އެއްވެސް ފުލުހަކު ކުރިމަތި ނުލުމުން މުއްދަތު އިތުރުކުރަން ޖެހުނު 
ސީޕީކަމަށް ފަރުހާދާއި ޝަރީފްގެ އިތުރުން ދެން ކުރިމަތިލީ އަހުމަދު މުހައްމަދު (ޓޫފޯ) އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ