މި ހަފުތާގައި އެކަނިވެސް އެޗްޑީސީން 400 އަށްވުރެ ގިނަ ވަޒީފާދީ ހާހަކަށްވުރެ ގިނަ މީހުންނަށް ޕްރޮމޯޝަން ދީފި މި ހަފުތާގައި އެކަނިވެސް އެޗްޑީސީން 400 އަށްވުރެ ގިނަ ވަޒީފާދީ ހާހަކަށްވުރެ ގިނަ މީހުންނަށް ޕްރޮމޯޝަން ދީފި

ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައި ވަނިކޮށް، މި ހަފުތާގައި އެކަނިވެސް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން 400 އަށްވުރެ ގިނަ ވަޒީފާ އެކި ފަރާތްތަކަށް ދީ، 1000 އަކަށްވުރެ ގިނަ މީހުންނަށް ވަޒީފާގެ ކުރިއެރުން ދީފި އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި އެޗްޑީސީގެ ގިނަ މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދެމުން ދަނީ އެ ކުންފުނީގެ ހިއުމަން ރިސޯސް ޕޮލިސީއާ ހިލާފަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގާ ގޮތަކަށެވެ.
"އެމްޕީން މެދުވެރިކޮށާއި ނުފޫޒު ގަދަ މީހުން މެދުވެރިކޮށް ރައީސް އޮފީހަށް އަންގައިގެން، އިދާރީ ފިޔަވަޅެއް އަޅާފައި އޮތްތޯ ވެސް ނެތްތޯ ވެސް ބަލައިނުލާ، ފިޔަވަޅު އަޅާފައި ތިބި މީހުންނަށް ވެސް ޕްރޮމޯޝަން ދެމުން ދަނީ،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަދެއްކި، އެކަމުގެ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.
އިންތިހާބާ ދިމާކޮށް އެތައް ބަޔަކަށް ވަޒީފާ ބަހައި، އުސޫލާ ހިލާފަށް ވަޒީފާގެ ޕްރޮމޯޝަން ދެމުންދާ މައްސަލައިގައި ބަހެއް ހޯދުމަށް މި ނޫހުން ސުވާލު ކުރުމުން، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ޒުހައިރު ޖަވާބެއް ނުދެއްވި އެވެ.
އިންތިހާބާ ދިމާކޮށް އެޗްޑީސީގެ ވަޒީފާއަށް އިތުރު މުވައްޒަފުން ނަގަމުންދާއިރު، މި ސަރުކާރު އައިފަހުން އެ ކުންފުނީގެ މުސާރައަށް ކުރާ ހަރަދު ގާތްގަނޑަކަށް 100 ޕަސެންޓު ވަނީ އިތުރުވެފަ އެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި އެޗްޑީސީގެ ބައެއް މުވައްޒަފުން ބުނީ އެމްޑީޕީ ސަރުކާރު ނިމުނުއިރު އެ ކުންފުނީގެ މުސާރަ އާއި އިނާޔަތަށް މަހަކު ކުރާ ހޭދަ 27 މިލިއަން ރުފިޔާގައި ހުއްޓަސް، މިހާރު އެ އަދަދު 45 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ.
އެޗްޑީސީގެ އިތުރުން ސަރުކާރު އެހެން ކުންފުނިތަކުން ވެސް ދަނީ އިންތިހާބާ ދިމާކޮށް ހައްދެއް ސުމާރެއް ނެތި، ވަޒީފާތަކަށް މީހުން ނަގަމުންނެވެ.
އެގޮތުން، ކަސްޓަމްސްއިން އާއި އާރުޑީސީ އާއި އެމްޓީސީސީގެ އިތުރުން މިނިސްޓްރީތައް އަދި އެމްއޭސީލްއަށް ވެސް ގިނަ އަދަދަކަށް މުވައްޒަފުން ދަނީ އިތުރުކުރަމުންނެވެ.
ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވަމުން ގެންދަވަނީ މި ސަރުކާރަކީ އިންތިހާބާ ގުޅުވައިގެން "ކަޑަޖަހާ" ނުވަތަ ވަޒީފާ ބަހާނެ ބައެއް ނޫން ކަމަށެވެ.
މި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް މުއިއްޒު ވިދާޅުވީ، ވަޒީފާ ދެނީ އިންތިހާބަށް ނުފޫޒު ފޯރުވަން ނޫން ކަމަށާއި، އެއީ ހަވާލުކޮށްފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވާ ސްޕޭސް ހުރި ވަޒީފާތަކެއް ކަމަށެވެ.
"އަޅުގަނޑަކީ އިންތިހާބާ ގުޅިގެން ކަމެއް ކުރާ މީހެއް ނޫން. އަބަދު އިންތިހާބާ ގުޅިގެންނޭ ކިޔައިގެން ވާހަކަ ދައްކަވާ ބޭފުޅުންނަކީ އަބަދު އެކަން ކުރެއްވި ބޭފުޅުން ވީމަ އެހެން ވިދާޅުވެވެނީ ކަމަށް ވެދާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
ނަމަވެސް، އިންތިހާބާ ދިމާކޮށް މިގޮތަށް ގިނަ އަދަދެއްގެ ބަޔަކަށް ވަޒީފާ ދެމުންދާތީ، މިއީ ސީދާ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ އަމަލެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުންނާއި އާންމުންނާއި އިދިކޮޅުން ދަނީ ސިފަކުރަމުންނެވެ.
މީގެ ކުރިން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ވެސް ގިނަ އަދަދެއްގެ މީހުންނަށް ސަރުކާރާއި ސަރުކާރު ކުންފުނިތަކުން ވަޒީފާ ދިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ