ޔޫއޭއީގެ ވެރިރަށް، އަބޫދާބީގައި ހުންނަ ދިވެހި އެމްބަސީގެ ފަސްޓް ސެކްރެޓަރީގެ މަގާމަށް ދީބާޖާ ކުންފުނީގެ ޑިރެކްޓަރު، އަބްދުالله ޖާވިދު އައްޔަނުކޮށްފި އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި އޭނާ އެ މަގާމަށް އައްޔަނުކުރީ މި ހަފުތާގަ އެވެ. ޖާވިދުއަކީ މިދިޔަ ނޮވެމްބަރު، 14 ގައި އާޓިފިޝަލް ބީޗުގައި ޕީއެންސީން ބޭއްވި ޖަލްސާގައި އެ ޕާޓީއަށް ތާއީދުކޮށް ސޮއިކުރި މީހެކެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި ޖާވިދުއަށް މަހު މުސާރަ އާއި އިނާޔަތްތަކާއެކު ޖުމުލަ، 160،000ރ. ކޮންމެ މަހަކު ވެސް ދައުލަތުން ދޭނެ އެވެ.
ނޮވެމްބަރު 14، ގައި އޮތް ޖަލްސާގައި ޖާވިދުގެ އިތުރުން އޭނާގެ އާއިލާ އާއި ރައްޓެހިންނާއެކު ޖުމުލަ، 107 މީހުން ޕީއެންސީއާ ގުޅުނެވެ. އެ އާއިލާއަކީ މީގެ ކުރިން އެމްޑީޕީއަށް ވަރަށް ބޮޑަށް ތާއީދުކުރި އާއިލާއެކެވެ.
ޖާވިދުއަކީ ދީބާޖާ ކުންފުނީގެ ހިއްސާދާރެކެވެ. އެ ކުންފުންޏަކީ ކުރީގެ ރައީސް، މުހައްމަދު ނަޝީދުގެ ވެރިކަމުގައި ގެންގުޅުނު ޕްރޮވިންސް ނިޒާމުގައި ހިމެނޭ އުތުރު ޕްރިވިންސްގެ ހަތަރު އަތޮޅަށް ފެރީގެ ހިދުމަތް ދޭން ސަރުކާރުން މަސައްކަތް ހަވާލުކުރި ކުންފުންޏެވެ.
އެ ފެރީތައް ހިންގުމުގެ މުގާބިލުގައި ސަރުކާރުން އެއްބަސްވެފައި އޮތީ ރިސޯޓެއް ހިންގަން ރ. ކުޑަކުރަތު ދީބާޖާއާ ހަވާލުކުރުމަށާއި ފެރީ ޓާމިނަލް އަޅަން ދޫކުރާ ބިންތަކުގައި ކުޑަ ޓެކްސް ސްކީމެއްގެ ދަށުން ހޮޓާ ނުވަތަ ގެސްޓުހައުސް ފަދަ ސިނާއީ މަސައްކަތެއް ކުރުމަށް ހުއްދަ ދިނުމަށެވެ.
ނަމަވެސް، ވެރިކަން އެމްޑީޕީގެ ފުރަތަމަ ވެރިކަން ވެއްޓި، ޑރ. ވަހީދު ހަސަން މަނިކުއަށް ވެރިކަން ލިބުމާއެކު އެ އެއްބަސްވުން ކުއްލިއަކަށް ބާތިލުކުރީ އެވެ. ޓްރާންސްޕޯޓު މިނިސްޓްރީއާ ދެކޮޅަށް ދީބާޖާއިން ކޯޓަށް ދިޔައީ 2.4 ބިލިއަން ރުފިޔާ ހޯދުމަށެވެ.
އެ މައްސަލައިގައި ކޯޓުތަކުގައި އެތައް ދުވަހަކު، މައްސަލަ ތެޅުވުމަށްފަހު ސުޕްރީމް ކޯޓުން ހުކުމްކުރީ ދީބާޖާއަށް ދޭންޖެހޭ ބަދަލު ސިވިލް ކޯޓުން ހިސާބުކުރީ ގޯސްކޮށް ކަމަށާއި އެ މައްސަލަ އަލުން ބެލުމަށެވެ.
އެހެން އެކަން އޮއްވައި، މިދިޔަ ސަރުކާރުން ބަދަލު ދިނުމުގެ މައްސަލަތަކުގައި ކޯޓުން ބޭރުން ގޮތް ނިންމަން އެކުލަވާލި އުސޫލެއްގެ ދަށުން ދީބާޖާއާއެކު ސޮއިކުރި ސެޓްލްމެންޓް އެގްރީމެންޓެއްގެ ދަށުން 64 މިލިއަން ރުފިޔާ ދޫކުރަން ސަރުކާރުން އެއްބަސްވި އެވެ.
އެ އެއްބަސްވުމުގެ ދަށުން ފުރަތަމަ ޕޭމެންޓުގެ ގޮތުގައި މިދިޔަ ސަރުކާރުން ދީބާޖާއަށް 12 މިލިއަން ރުފިޔާ ދޫކުރި އެވެ. ނަމަވެސް، ވެރިކަން ބަދަލުވުމާއެކު، ލިޔެކިޔުންތަކުގައި މައްސަލައެއް ހުރި ކަމަށް ބުނެ މި ސަރުކާރުން އެ ފައިސާ ދޫނުކުރި އެވެ.
ޕީއެންސީއާ ގުޅުނު ޖާވިދަށް ޔޫއޭއީ އެމްބަސީއިން ވަޒީފާއެއް ހަމަޖައްސައިފި ޕީއެންސީއާ ގުޅުނު ޖާވިދަށް ޔޫއޭއީ އެމްބަސީއިން ވަޒީފާއެއް ހަމަޖައްސައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ