ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސިންގެ ތެރެއިން ސައްހަ ލިޔެކިޔުންތެރި މަސައްކަތްކުރާ ބިދޭސިން ގަވައިދަށް ފެއްތުމަށް ހޯމްލޭންޑް ސެކިޔުރިޓީ މިނިސްޓްރީ އިން ކުރިއަށް ގެންދާ މާސް ލީގަލައިޒޭޝަން ޕްރޮގްރާމުގެ މުއްދަތު އިތުރުކޮށްފި އެވެ.
ވީ ކިހިނެއް؟ - އޮޕަރޭޝަން ކުރަނގީގެ ދަށުން މާސް ލީގަލައިޒޭޝަން ޕްރޮގްރާމެއް ފެށީ މިދިޔަ18 ޑިސެމްބަރުގަ އެވެ. އެ ޕްރޮގްރާމު ކުރިއަށް ގެންދަން ކުރިން ނިންމާފައި އޮތީ މާދަމާގެ ނިޔަލަށެވެ.
ތަފްސީލް - ހޯމްލޭންޑް މިނިސްޓްރީ އިން މިއަދު ބުނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ވަޒީފާ އަދާކުރުމުގެ ހުއްދަ ނެތް ފަރާތްތަކާއި ހުއްދައިގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކުގެ އިތުރުން ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ނެތް ބިދޭސީންނަށް އަމާޒުކޮށް ކުރިއަށްގެންދާ މާސް ލީގަލައިޒޭޝަން ޕްރޮގްރާމް ގެ މުއްދަތު ވަޒީފާ ދޭ ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
އެ މިނިސްޓްރީ އިން ބުނީ މިއީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް ދޭނެ އެންމެ ފަހުގެ ފުރުސަތު ކަމަށެވެ. އަދި މި މުއްދަތުގެ ފަހުން އިތުރު ފުރުސަތެއް ނުދެވޭނެ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.
އެނގުން މުހިއްމު - މި ޕްރޮގްރާމްގެ ދަށުން ލީގަލައިޒް ވެވޭނެ ބިދޭސިންގެ ޝަރުތުތަކަކީ
ވޯކް ޕަރމިޓްގެ މުއްދަތު ހަމަވެފައިވުން
އެއްވެސް ސަބަބަކާހުރެ ބްލެކްލިސްޓްކޮށްފައިވާ ބިދޭސީއެއް ކަމުގައިނުވުން
ރާއްޖޭގައި މިވަގުތު ހުރި ބިދޭސީއެއް ކަމުގައިވުން
ބިދޭސީ ފަރާތް ލީގަލައިޒްކުރަން އެދޭ ވަޒީފާދޭ ފަރާތަކީ، އެންމެ ފަހުން ވޯކް ޕާމިޓް ދޫކޮށްފައިވާ ވަޒީފާދޭ ފަރާތަށްނުވުން
ވަޒީފާ އަދާކުރުމުގެ ހުއްދައެއްގެ ދަށުން ރާއްޖެ އެތެރެވެފައިވާ ބިދޭސީއަކު ކަމުގައިވުން
އެއް ފަހަރު ލީގަލައިޒްވެފައިވާ ބިދޭސީއެއް ކަމުގައިނުވުން
31 ޑިސެމްބަރު 2025ގެ ކުރިން ވަޒީފާދޭ ފަރާތުން ފިލާފައިވާކަމަށް ނުވަތަ ގެއްލިފައިވާކަމަށް އެކްސްޕެޓް ސިސްޓަމްގައި ރިޕޯޓްކޮށްފައިވާ ބިދޭސީއެއް ކަމުގައިވުން
ވަޒީފާ ދޭނެ ފަރާތެއްހުރި، ލީގަލައިޒްވާން އެދޭ ބިދޭސީން ލީގަލައިޒްކުރުމަށް ހުށަހަޅާނީ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް، ވަޒީފާދޭ ފަރާތުން ކަމަށް ހޯމްލޭންޑު މިނިސްޓްރީ އިން ބުންޏެވެ.
ބިދޭސިން ގަވައިދަށް ފައްތަން ކުރިއަށް ގެންދާ ޕްރޮގްރާމުގެ މުއްދަތު އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ