ދިއްގަރުގެ ސްލޯގަން ކަމަށްވާ "ދަ ރިހާކުރު އައިލެންޑް" ރަމްޒުކޮށްދޭ މޮނިއުމަންޓެއް ބިނާކޮށްދޭނެ ފަރާތެއް ހޯދަނީ
މ. ދިއްގަރުގައި، އެ ރަށް ރަމްޒުކޮށްދޭ މޮނިއުމަންޓު ބިނާކޮށްދޭނެ ފަރާތެއް ހޯދަން އިއްޔެ ހުޅުވާލައިފިއެވެ. ދިއްގަރު ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ، ކައުންސިލުން ފޯރުކޮށްދޭ މައުލޫމާތާ އެއްގޮތަށް، ރަށް ރަމްޒުކޮށްދޭ މޮނިއުމަންޓެއް، ނުވަތަ ބިނާއެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. ވީމާ، އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން، މި މަހުގެ ނުވަވަނަ ދުވަހުގެ މެންދުރު 12 ޖެހުމުގެ ކުރިން އަންދާސީ ހިސާބު ހުށަހަޅަން ރަޖިސްޓްރީކުރުމަށް ވަނީ އެދިފައެވެ. އަދި މި މަހުގެ 14ވަނަ ދުވަހުގެ ހެނދުނު 11 ޖެހުމުގެ ކުރިން ބީލަން ހުށަހެޅުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ. އަންދާސީހިސާބު ހުށަހެޅުމަށް ނާދެވޭ ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، ބަދަލުގައި އަންނަ ފަރާތުގެ އައިޑީ ކާޑު ކޮޕީ ގެންނަންވާނެ ކަމަށް، އިއުލާނުގައިވެއެވެ. މި އިއުލާނާ ގުޅޭގޮތުން 'ސަން'އިން ސުވާލުކުރުމުން ދިއްގަރު ކައުންސިލުގެ ރައީސް އަޙްމަދު ނިޝާން މުޙައްމަދު މިއަދު ވިދާޅުވީ، މޮނިއުމަންޓުގެ މަސައްކަތަކީ ކައުންސިލުގެ މިއަހަރުގެ މަސައްކަތު ޕްލޭނުގައި ހިމެނޭ ކަމެއް ކަމަށާއި، ކުރެހުންވެސް ފައިނަލްކޮށްފައިވާ ކަމަށެވެ. އެ މޮނިއުމެންޓުން ރަމްޒުކޮށްދޭނީ ދިއްގަރުގެ ސްލޯގަން "ދަ ރިހާކުރު އައިލެންޑް" ކަމަށް، ނިޝާން ވިދާޅުވިއެވެ. އިއުލާނާއެކު ކައުންސިލުން އާންމުކުރި ކަރުދާހުގައިވާ ފޮޓޯތަކުގައިވާ ގޮތުން، އެ މޮނިއުމަންޓްގެ މެދުގައި ހުންނާނީ ރިހާކުރު ތެއްޔެކެވެ. އެ ތެލިން ރަމްޒުކޮށްދެނީ މަޝްހޫރުވެފައިވާ ދިއްގަރު ރިހާކުރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ