ސްވިފްޓް އިން ރާއްޖެ ސަސްޕެންޑްކުރި ކަމަށް ބުނާ ވާހަކައަކީ ދޮގެއް: ޝަރީފް

ސްވިފްޓް ނުވަތަ މާލީ އިދާރާތަކާއި ބޭންކުތަކުގެ މެދުގައި މުއާމަލާތްތައް ކުރާ ބައިނަލްއަގުވާމީ ނިޒާމު އިން ބޭންކް އޮފް މޯލްޑިވްސް ސަސްޕެންޑްކޮށްފި ކަމަށްބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ ހަގީގަތާއި ޚިލާފު ދޮގު ވާހަކައެއްކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެވެ.
ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ ދަށުން އަމިން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ހުޅުމާލޭގައި އަޅާ ފްލެޓަކުގެ ބިންގާ އެޅުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، އެމްއެލްއާ ގުޅޭ މައުލޫމާތު ދޭނީ ސީދާ ބޭންކުން ނޫނީ އެމްއެމްއޭ އިން ކަމަށާއި ކާކުކަން ނޭނގޭ ގޮތަށް ފަތުރާ ސްކޭމްތަކަށް ސަމާލުވުމަށް ޝަރީފް އިލްތިމާސް ކުރައްވާ ކަމަށެވެ.
"ސްވިފްޓުން ސަސްޕެންޑެއް ވެސް ނުކުރެއޭ. ބޭންކުގައި ބޭރު ފައިސާގެ ލިކުޑިޓީ ހުންނަން ޖެހޭ ވަރަށް އެބަހުރި. އަދި ނޮސްޓްރޯ އެކައުންޓުތަކުގައި ހުންނަން ޖެހޭ ލިމިޓަށް ބޭރު ފައިސާ އެބަހުރި" ޝަރީފް ވިދާޅުވިއެވެ.
ކްރޮސް ބޯޑާ ހިދުމަތްތައް ހިމެނޭހެން ބީއެމްއެލްގެ ހުރިހާ ހިދުމަތެއް ދެމުން އަންނައިރު، ހާއްސަކޮށް މިވަގުތު އިގްތިސޯދީ ގޮތުން މިއޮތް ހައްސާސް ހާލަތުގައި މިފަދަ ދޮގު ވާހަކަތައް ދެއްކުމަކީ، ބޭންކުގެ ކަސްޓަމަރުންނާއި ޕާޓްނަރުންނަށް ބޭންކާ މެދު ނުބައި ތަސައްވަރެއް އުފެދޭނެ ކަމެއް ކަމަށާއި، އަދި މިއީ ރާއްޖޭގެ ބޭންކިން ނިޒާމާއި އިގްތިސޯދަށް ގެއްލުން ދިނުމަށް ކުރާ ކަމެއް ކަމުގައި ދެކިލައްވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ