ގޫގުލް އެކައުންޓުގެ މައި އީމެއިލް ބަދަލުކުރުމުގެ ފުރުސަތު އެންމެ ފަހުން ދީފި

ގޫގުލް އެކައުންޓެއް ހެދުމަށްފަހު، އޭގެ މައި އީމެއިލް އެޑްރެސް (ޕްރައިމަރީ ޖީމެއިލް އެޑްރެސް) ބަދަލުކުރުމުގެ ފުރުސަތު އެންމެ ފަހުން އެ ކުންފުނިން ދީފިއެވެ. މިއީ މީގެ ކުރިން ގޫގުލްއިން އެއްވެސް ވަރަކަށް ހުއްދަ ދީފައިވާ ކަމެއް ނޫނެވެ. ގޫގުލްއިން މިދިޔަ އަންގާރަ ދުވަހު އިއުލާންކުރި މި ބަދަލަކީ އެ ކުންފުނީގެ އެކައުންޓެއްގެ ދަށުން ބޭނުންކުރާ ހުރިހާ ޚިދުމަތްތަކަކަށް (މިސާލަކަށް: ޖީމެއިލް، ގޫގުލް ކަލަންޑަރު، ގޫގުލް ފޮޓޯސް އަދި ޑްރައިވް) އަންނާނެ ބަދަލެކެވެ. މި ވަގުތު މި ޚިދުމަތް ތައާރަފުކޮށްފައިވަނީ ހަމައެކަނި އެމެރިކާގެ ޔޫޒަރުންނަށް ނަމަވެސް، ކުރިއަށް އޮތް ތަނުގައި އެހެން ގައުމުތަކަށް ވެސް މި ފުރުސަތު ލިބޭނެ ކަމަށް ގޫގުލްއާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ. https://x.com/Google/status/2038969843701989773 އީމެއިލް ބަދަލުކުރުމުގެ އުސޫލު: މި އައު އަޕްޑޭޓާއެކު ޔޫޒަރުންނަށް އައު @gmail.com އެޑްރެހަކަށް ބަދަލުކުރެވޭނެއެވެ. މިގޮތަށް ބަދަލުކުރުމުން ކުރީގެ އީމެއިލް އެޑްރެސް ބޭނުންކުރެވޭނީ "އެލިއަސް" އެއްގެ ގޮތުގައެވެ. އެހެންކަމުން، ކުރީގެ އެޑްރެހަށް ފޮނުވާ އީމެއިލްތައް ވެސް ލިބޭނެއެވެ. ގޫގުލްއިން ބުނާ ގޮތުގައި: އަހަރަކު އެއްފަހަރު އީމެއިލް ބަދަލުކުރެވޭނެއެވެ.ޖުމްލަ ބަދަލުކުރެވޭނީ ތިން ފަހަރުއެވެ.ބޭނުންވެއްޖެ ހިނދެއްގައި ކުރީގެ އެޑްރެހަށް އަނބުރާ ބަދަލުކުރުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.އީމެއިލް ބަދަލުކުރި ނަމަވެސް، އެކައުންޓުގައި ހުރި ހުރިހާ ކޮންޓެކްޓްސް، ފައިލްތައް، ފޮޓޯތައް އަދި ސަބްސްކްރިޕްޝަންތައް އެއްވެސް ބަދަލެއް ނެތި ލިބޭނެއެވެ.މިއީ ވަރަށް ކުރިން ހަދާފައިވާ "ޕްރޮފެޝަނަލް" ނޫން ނަންތައް ހިމެނޭ އީމެއިލް އެޑްރެސްތައް ބަދަލުކޮށްލަން ބޭނުންވާ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. އީމެއިލް ބަދަލުކުރާނެ ގޮތް: އެންޑްރޮއިޑް ނުވަތަ އައި.އޯ.އެސް ފޯނަކުން myaccount.google.com/google-account-email އަށް ވަދެ ސައިން-އިން ކުރާށެވެ.ޕޭޖުގެ މަތީގައިވާ Personal info އަށް ފިތާލާށެވެ.Email އަށް ދިއުމަށްފަހު Google Account email އިޚްތިޔާރު ކުރާށެވެ.އެތަނުން Change Google Account email އަށް ފިތާލާށެވެ.ބޭނުންވާ އައު ޔޫޒަރނޭމް ޖެހުމަށްފަހު Change email އަށް ފިތާލާށެވެ. ގޫގުލްއިން ފާހަގަކޮށްފައިވާ ގޮތުގައި، އީމެއިލް އެޑްރެސް ބަދަލުކުރުމުން ބައެއް ޚިދުމަތްތަކަށް (މިސާލަކަށް: ކުރޯމްބުކް، ރިމޯޓް ޑެސްކްޓޮޕް) ބައެއް ކަހަލަ މައްސަލަތައް ދިމާވުން އެކަށީގެންވެއެވެ. އެހެންކަމުން އެފަދަ ޚިދުމަތްތައް ބޭނުންކުރާ ފަރާތްތަކުން ގޫގުލްގެ ސަޕޯޓް ޕޭޖުގައިވާ އިތުރު އިރުޝާދުތަކަށް ސަމާލުވުމަށް ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ