ނިއު ޒީލެންޑް އަތުން ބަލިވެ ޓީ20 ވޯލްޑް ކަޕުން ސްރީ ލަންކާ ކަޓައިިފި ނިއު ޒީލެންޑް އަތުން ބަލިވެ ޓީ20 ވޯލްޑް ކަޕުން ސްރީ ލަންކާ ކަޓައިިފި

ކޮލަމްބޯ (ފެބްރުއަރީ 26) - ނިއު ޒީލެންޑް އަތުން 61 ލަނޑުން ބަލިވެ، ޓީ20 ކްރިކެޓް ވޯލްޑް ކަޕް މި ފަހަރު ބާއްވަމުން އަންނަ ދެ ގައުމުގެ ތެރެއިން އެއް ހޯސްޓް ކަމަށްވާ ސްރީ ލަންކާ ވަނީ މުބާރާތުން ކަޓައިފި އެވެ.
ސުޕަ 8 ގެ ގްރޫޕް ދޭއްގައި ވާދަކުރަމުން އަންނަ ލަންކާ އިން މި ބުރުގައި ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެ ގޮތުން، ފުރަތަމަ މެޗުން އިންގްލެންޑް އަތުން 51 ލަނޑުން ބަލިވިއިރު، ސެމީ ފައިނަލުގެ ޖާގައެއް ކިރިޔާ ވެސް ލިބެން އޮތީ ރޭ ނިއު ޒީލެންޑް އަތުން މޮޅުވެގެންނެވެ. އެކަމަކު، އެކަން ނުކުރެވި މުބާރާުތުން ކެޓީ އެވެ.
ކޮލަމްބޯގެ ޕްރެމަދާސާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޓޮސް ދިމާވުމުން ލަންކާ އިން ނިންމީ ހޮވާށެވެ. ނިއު ޒީލެންޑުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން 168 ލަނޑު ހެދި އެވެ.
އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 26 ބޯޅައިން 47 ލަނޑު ހެދި ޓީމުގެ ކެޕްޓަން، މިޗް ސެޓްނާ އެވެ. އެ ޓީމުގެ ރަޗިން ރަވިންދުރަ، ނުބައިވީ 22 ބޯޅައިން 32 ލަނޑު ހަދާފައި ވަނިކޮށެވެ. މި އިނިންގްސްގައި، މަހީޝް ތީކްޝާނާ އާއި ދުޝްމަންތާ ޗަމީރާ، ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓް ނެގި އެވެ.
ޖަވާބުގައި ލަންކާ އިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 107 ލަނޑެވެ. އެންމެ ގިނަ ލަނޑު ހެދި، ކަމިންދު މެންޑިސް އަށް ވެސް ހެދުނީ 23 ބޯޅައިން 31 ލަނޑެވެ. މި އިނިންސްގައި ނިއު ޒީލެންޑުގެ ރަޗިން ވަނީ ހަތަރު އޯވަރަށް ހަތަރު ވިކެޓް ނަގައިފަ އެވެ.
މި ގްރޫޕްގައި ބާކީ އޮތީ ސެމީ ފައިނަލަށް ގޮސްފައިވާ އިންގްލެންޑާއި ނިއު ޒީލެންޑް ކުޅޭ މެޗާއި ޕާކިސްތާނާއި ސްރީ ލަންކާ ބައްދަލުކުރާ މެޗެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ