ފުލެޓާއި ގޯއްޗަށް ފޯމު ހުށަހަޅަން ދިން މުއްދަތު އޭޕްރީލް މަހުގެ ނިޔަލަށް އިތުރުކޮށްފި
ސަރުކާރުގެ 'ބޯހިޔާވަހިކަން އެންމެންނަށް' ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ އޭޕްރީލް މަހުގެ ނިޔަލަށް މިއަދު އިތުރުކޮށްފިއެވެ. ހައުސިން މިނިސްޓްރީއިން ވަނީ 'ބޯހިޔާވެހިކަން އެންމެންނަށް' ސިޔާސަތުގެ ދަށުން 'އާއިލީ ބޯހިޔާވަހިކަން' ޕްރޮގްރާމުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް، ދިރިއުޅުމަށް ބިމާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު އިތުރުކޮށްފައި ވާކަމަށް ބުނެފައެވެ. މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވަނީ، ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުން އަންނަ އޭޕްރީލް މަހުގެ 30ވާ ބުރާސްފަތި ދުވަހުގެ 23:59ގެ ނިޔަލަށް މިހާރު އިތުރުކޮށްފައިވާ ކަމަށެވެ. https://x.com/MoCImv/status/2026954111196008727 ކުރިން ނިންމާފައި ވާގޮތުން ނަމަ ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ އަންނަ އޭޕްރީލް މަހުގެ 17 ވަނަ ދުވަހަށެވެ. އަދި ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ މާޗް މަހުގެ ހަތަރުވަނަ ދުވަހަށް ހަމަވާނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހަކީ، ވާދަވެރިކަން ބޮޑުވެފައިވާ، ކައުންސިލް އިންތިޚާބު ބާއްވާ ދުވަހެވެ. އަދި އެއީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ވޯޓު ނަގާ ދުވަސްވެސްމެއެވެ. ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމަށް ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީއިން ހުޅުވާލީ ނިމިދިޔަ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހެވެ. އެ ޕްރޮގްރާމުގެ ދަށުން 7،900 ފްލެޓާއި 15،000 ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. https://sun.mv/218284 ޖުމްލަ 7،900 ފްލެޓު ދިނުމަށް ނިންމާފައި ވާއިރު އޭގެތެރެއިން 4،000 ފްލެޓު ދިނުމަށް ހަމަޖެހިފައި ވަނީ މާލޭގެ ރަށްވެހިންނަށެވެ. އަދި މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅެމުން އަންނަ މީހުންނަށް 1،500 ޕްލެޓު ދިނުމަށް ނިންމާފައި ވާއިރު ބާކީ 2،400 ފްލެޓު ދިނުމަށް ނިންމާފައި ވަނީ ސަރުކާރުން ކަނޑައަޅާފައިވާ ޚާއްސަ ކެޓަގަރީތަކަށެވެ. ދައުލަތުގެ މީޑިއާއާ ހައުސިން މިނިސްޓްރީން މި ހަފުތާގައި ހިއްސާކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި، އެހާތަނަށް ޖުމުލަ 5،067 މީހުން ގޯއްޗާއި ފުލެޓަށް އެދި ފޯމު ހުށަހަޅައިފައިވެއެވެ. އޭގެ ތެރެއިން ފުލެޓަށް އެދި 3،434 މީހުން ފޯމު ހުށަހެޅިއިރު ގޯއްޗަށް އެދި 1،633 މީހުން ވަނީ ފޯމު ހުށަހަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ