އިސްރާއީލުގެ މަޖިލީހުން ދޭ އެންމެ ޝަރަަފުވެރި މެޑަލް މޯދީއަށް

އިންޑިއާއާއި އިސްރާއީލާ ދެމެދުގައި ގުޅުން ބަދަހި ކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ކުރައްވާ މަސައްކަތް އަގު ވަޒަަންކުރުމުގެ ގޮތުން އިސްރާއީލުން ދޭ އެންމެ މަތީ މެޑަލް މޯދީއަށް އަރުވައިފިއެވެ. މި މެޑަލް މޯދީއަށް އަރުވާފައި ވަނީ އިންޑިއާގެ ބޮޑުވަޒީރަކު ފުރަތަމަ ފަހަރަށް އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީސް، ނެސެޓަށް ދެއްވި ތާރީޚީ ތަގުރީރު ނިންމަވާލެއްވުމުން ނެސެޓްގެ ރައީސް އާމިރު އޮހާނާއެވެ. ނެސެޓުން ނެރުނު ބަޔާނެއްގައި ބުނީ އެ މެޑަލަކީ އިސްރާއީލާއި ޔަހޫދީންނަށް މުހިންމު ކަންކަން ކޮށްދީފައިވާ ފަރުދުންނާއި ޖަމިއްޔާތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ގާނޫނު ހަދާ މަޖިލީހާއި މަޖިލީހުގެ ރައީސް ތައާރަފުކުރި ޝަރަފުވެރިކަމުގެ އާ މެޑަލްއެއް ކަމަށެވެ. އެ ބަޔާނުގައިވާ ގޮތުން، އެ މެޑަލް އަރުވާ ފުރަތަމަ ބޭފުޅަކަށް މޯދީ ހަމަޖެއްސީ އިންޑިއާ އާއި އިސްރާއީލާ ދެމެދު އޮންނަ ގުޅުން ވަރަށް ބޮޑަށް ބަދަހިކޮށް، ސްޓްރެޓެޖިކް އެއްބާރުލުން ވަރުގަދަކުރުމުގައި މޯދީ އަދާކުރައްވާ ދައުރު ފާހަގަކޮށް، އެކަމަށް ޚާއްސަ ކޮމެޓީއަކުންނެވެ. އިދިކޮޅު ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވަނީ އެ ނިންމުމަށް ފާޑުކިޔާފައެވެ. އެ އެވޯޑަކީ ނެސެޓްގެ ރަސްމީ ގަވާއިދުގައި އެއްވެސް އަސާސެއް ނެތް އެވޯޑެއް ކަމަށާއި އެއީ މަޖިލީހުގެ ރިޔާސަތުން ނުވަތަ ހުއްދަ ލިބިފައިވާ އެއްވެސް ކޮމިޓީއަކުން ފާސްކޮށްފައިވާ އެވޯޑެއް ނޫން ކަމަށް އެ މެންބަރުން ބުނެއެވެ. އިސްރާއީލަށް މިހާރު ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ ދަތުރުފުޅުގައި މޯދީ ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރައްވާފައެވެ. އަދި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ މަޝްވަރާތައްވެސް ކުރައްވާފައިވެއެވެ. ނެސްޓުގައި ދެއްވި ތަގުރީރުގައި މޯދީ ވަނީ 2023 ވަނަ އަހަރު އޮކްޓޫބަރު މަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާ ކުށްވެރިކުރައްވާފައެވެ. އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ދިފާއުކުރައްވައި، އިންޑިއާއިން އިސްރާއީލާއެކު ސާބިތުވެ އޮތް ކަމަށް މޯދީ ވިދާޅުވިއެވެ. މިއީ މޯދީ 2014 ވަނަ އަހަރު ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތް ފަހުން އިސްރާއީލަށް ކުރެއްވި ދެ ވަނަ ދަތުރުފުޅެވެ. މޯދީގެ މި ދަތުރުފުޅާ ގުޅިގެން އިންޑިއާގެ ބައެއް އާންމުންނާއި އިދިކޮޅު ސިޔާސީ ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ