ޖަލު ބަންދުގައި ހުރި މާވިން އިސްލާމްވެ، ޔޫސުފަށް ނަން ބަދަލުކޮށްފި

އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ އޭނާގެ ފިރިމީހާ، އަދި އެ މައްސަލައިގައި ދައުލަތުން ދައުވާ ކުރާ ހަލީމަތު ލަމްހާގެ ލޯބިވެރިޔާ މާވިން ވާގަސް ޖަލުގައި ހުރެ އިސްލާމްވެއްޖެއެވެ. މާވިން އިސްލާމްވެ، އޭނާގެ ނަން މިހާރުވަނީ ޔޫސުފްއަށް ބަދަލުކޮށްފައެވެ. މާވިން އިސްލާމްވެއްޖެކަން، އިސްލާމިކް މިނިސްޓްރީންވަނީ ކޯޓަށްވެސް އަންގައިފައެވެ. އެ މައްސަލއިގައި މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ މިހާރު ބައްލަވާ ގާޒީ މުޒައްމިލު ނާސިރު ވިދާޅުވީ ޖަލު ބަންދުގައި ހުރި މާވިން އިސްލާމްދީން ގަބޫލުކޮށް، އޭނާގެ ނަން ޔޫސުފްގެ ނަމަށް ބަދަލުކޮށްފައިވާކަން އިސްލާމިކް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. މާވިންގެ މައްޗަށް ދައުލަތުން ކުރާ ދައުވާއަކީ، އޮކްޓޫބަރު، 2021 ގައި އޭނާގެ އަނބިމީހާ މޭރީ މަރާލި ކަމުގެ ތުހުމަތުގައި ކުރާ، އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ. މާވިންގެ ލޯބިވެރިޔާ، ދިވެހި ނަރުސް ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާއެވެ. މި މައްސަލައިގައި މިއަދު އޮތީ ޚުލާސާ ބަޔާން އިއްވުމެވެ. އެކަމަކު ބައެއް ލިޔުންތައް ނުލިބޭތީ އަންނަ މަހަށް ޚުލާސާ ބަޔާން އިއްވުން ފަސްކުރީއެވެ. https://sun.mv/217317 މީގެކުރިން މާވިން އާއި ލަމްހާގެ މައްސަލަ ވަކިން ކުރިއަށް ގެންދިޔަ ނަމަވެސް، މިހާރު ޝަރީއަތް ކުރިއަށް ގެންދަނީ އެއްކޮށެވެ. އަދި މިއަދު ޝަރީއަތަށް އެ ދެ މީހުން ހާޒިރުކޮށްފައިވަނީ ވެސް އެއްކޮށެވެ. އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާލިބޭ އޭނާގެ ފިރިމީހާ މާވިންގެ ދިފާއުގައި ހެކިބަސްދޭން އޭނާގެ ރައްޓެހިންނަށް ދިން ފުރުސަތުގައި ދެވަނަ ފަހަރަށްވެސް ނައުމުން، އެ މީހުންގެ ހެކިބަހާ ނުލައި މައްސަލަ ކުރިއަށް ގެންދަން ކޯޓުން އޮތީ ކުރިން ނިންމައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ