އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސް ނަރުސް މޭރީ ގްރޭސް މަރާލި މައްސަލާގައި ހައްޔަރު ކޮށް ދައުވާ އުފުލާފައިވާ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް އިސްލާމް ދީން ގަބޫލުކޮށް ނަން ވެސް ބަދަލުކޮށްފިއެވެ.
މޭރީ މަރާލި ކަމުގެ ތުހުމަތުގައި މާވިން ހައްޔަރު ކުރީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު 27 ގައެވެ. އޭނާގެ މައްޗަށް ކުރަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.
މިމައްސަލައިގައި ޖަލުގައި ހުރި މާވިން އިސްލާމްވެފައިވާކަން އިސްލާމިކް މިނިސްޓްރީން ކްރިމިނަލް ކޯޓަށް ވަނީ އަންގައިފައެވެ. އޭނާ އިސްލާމްވުމަށްފަހު އޭނާގެ ނަން ޔޫސުފް އަށް ވަނީ ބަދަލުކޮށްފައެވެ.
އެގޮތުން މިއަދު ނަރުސް މޭރީ މަރާލި މައްސަލަ ބަލަމުންދާ ކޯޓު އަޑު އެހުމުގައި އެ މައްސަލަ މިހާރު ބައްލަވާ ގާޒީ މުޒައްމިލު ނާސިރު ވިދާޅުވީ ޖަލު ބަންދުގައި ހުރި މާވިންއާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ސިޓީއެއް ފޮނުވާފައިވާ ކަމަށާއި، އެ ސިޓީގައި މާވިން އިސްލާމްދީން ގަބޫލުކޮށް، އޭނާގެ ނަން ޔޫސުފްގެ ނަމަށް ބަދަލުކޮށްފައިވާ ކަމަށް ބަޔާންކޮށްފައިވާކަމަށެވެ.
މިއަދުގެ ކޯޓު އަޑު އެހުމުގައި މާވިންއާ ގާޒީ މުހާތަބުކޮށްފައި ވަނީ ޔޫސުފްގެ ނަމުންނެވެ.
މާވިންގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ، 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ގައި 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި، އޭނާ ދިރިއުޅޭ މއ. އުދުހޭ ކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މޭރީގެ ބޮލަށާއި ކަރަށް ހަމަލަދީ ނޭވާ ހާސްކޮށްގެން މަރާލާފައިވާތީއެވެ. މި ދައުވާ ސާބިތުވެއްޖެ ނަމަ މާވިން އަށް ދިހަ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ނަރުސް މޭރީ މަރާލި މައްސަލައިގައި ބަންދުގައި ހުރި މާވިން އިސްލާމްވެއްޖެ، މިހާރު ނަމަކީ ޔޫސުފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ