އެއްބަސްވެ ދެބަސްވަމާ: ދައުރު ދެބައިވި އިރު ސަރުކާރަށް އެރި ގުޑުން

ސަރުކާރުގެ ވުޒާރާތަކުގެ އަދަދު 20 އިން 15 އަށް ކުޑަކޮށް، ސިޔާސީ މަގާމުތަކަށް މީގެ ފަހުން މީހުން އައްޔަން ކުރާނީ އުސޫލުތަކެއްގެ ތެރެއިން، ގާބިލްކަމުގެ މައްޗަށް ބިނާކޮށް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ މިފަހުން ވިދާޅުވެފަ އެވެ. މިއީ ހަމަ ހަގީގީ މާނައެއްގައި ސަރުކާރުގެ އޮނިގަނޑު އިސްލާހުވެގެން އައުމުގެ ފެށުމެއް ހެއްޔެވެ؟ ނޫނީ ނިމިގެން ދިޔަ އިންތިހާބުގައި ރައްޔިތުންގެ ފަރާތުން ފެނުނު ހިތްހަމަނުޖެހުންތަކަށް ދިން ވަގުތީ ރައްދެއް ހެއްޔެވެ؟
ކޮންމެއަކަސް ދައުރު ދެބައިވާއިރު އޭރެއްގައި އޮންނަ ސަރުކާރަކަށް ގުޑުންތަކެއް އަރަ އެވެ. ރިޔާސީ ދައުރުގެ މެދުތެރޭ ރާއްޖޭގައި ބާއްވާ އިންތިހާބަކީ ކައުންސިލް އިންތިހާބެވެ. ކައުންސިލް އިންތިހާބު ނިމެނީ ސަރުކާރުތަަކަށް ވަރަށް ހިތިކޮށެވެ. މި ސަރުކާރަށް ވެސް ނަތީޖާ އައީ ހަމަ އެހެނެވެ. ދައުރު މެދުތެރެއިން އައި ކައުންސިލް އިންތިހާބަށް ފަހުގައި މި ފެންނަ ކަންކަމަކީ ސަރުކާރަށް އެރި ގުޑުމުގެ އަސަރުތަކެވެ.
މިނިސްޓްރީތަކުގެ އޮނިގަނޑާއި ސަރުކާރުން ކުރިއަށް އޮތް ތަނުގައި ކަންކަން ރަނގަޅުކުރުމަށް އަޅާނެ ފިޔަވަޅުތަކަކީ މި ހުކުރު ދުވަހު 'ދައުރު'ން ގެނެސްދޭ 'އެއްބަސްވެ ދެބަސްވަމާ' ވޮޑްކާސްޓް މައުލޫ އެވެ. ސަރުކާރުގެ މި ވާހަކަ ދެއްކެވުމަށް މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ ވެސް، ސަރުކާރަށް އައި ބަދަލުތަކުގެ ތެރެއިން އާ ތަރުޖަމަނާކަށް އައްޔަންކުރެއްވި މުހައްމަދު ހުސައިން ޝަރީފެވެ. އޭނާއަކީ ވެރިކަންކުރާ ޕީއެންސީގެ ނައިބު ރައީސް ވެސް މެ އެވެ.
މި ވޮޑްކާސްޓްގެ 19 އެޕިސޮޑްގައި ސަރުކާރުތަކާއި މުޅި ދައުލަތުގެ ހުރި އެކި މައްސަލަތަކުގެ މައުލޫގައި ވާހަކަތައް ދެކެވިގެން ދިޔައިރު މި ސަރުކާރުގެ މަންދޫބަކު ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގަތީ މި ހުކުރު ދުވަހު ގެނެސްދޭ 20ވަނަ އެޕިސޯޑްގަ އެވެ.
ސަރުކާރުގެ ތަރުޖަމާނާއެކު ފުރަތަމަ ދެކެވެން ފެށުނު ވާހަކައަކީ ނިމުނު ކައުންސިލް އިންތިހާބުގެ ނަތީޖާ ތަރުޖަމާ ކުރެވޭ ގޮތެވެ.
"އިންތިހާބު ތަރުޖަމާ ކުރެވޭނެ، ޝަރަހަ ކުރެވޭނެ ވަރަށް ބައިވަރު ގޮތްތައް އެބަހުރި. އެންމެ އިންތިހާބެއް ވެސް ނޫން. އެއް އިދާރާއަކަށް އެންމެ މީހަކު އިންތިހާބުކުރެވޭ އިންތިހާބެއް ވެސް ނޫން. ކޮންމެ ރައްޔިތަކު ވޯޓު ދެނީ ވެސް އެންމެ މީހަކަށް ނޫން،" ކައުންސިލް އިންތިހާބުގެ ނަތީޖާއަކީ ތަރުޖަމާކުރަން އުނދަގޫ އިންތިހާބެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވި އެވެ.
މުހައްމަދު ހުސައިން ޝަރީފް ގަބޫލުކުރައްވާ ގޮތުގައި މައި ދެ ސިޔާސީ ޕާޓީން ވެސް މި ކަމުގައި ދެކޭ ގޮތް ގޯހެއް ނޫނެވެ.
"އަޅުގަނޑުމެންގެ ޕާޓި، ޕީއެންސީން ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންނަށް ޖުމުލަ ކާމިޔާބީއެއް ލިބުނު. ހަމަ އެ ގޮތަށް އެމްޑީޕީން ވެސް ފާހަގަކުރަނީ ކާމިޔާބީއެއް ގޮތުގައި. ދެ ތަރުޖަމާ ވެސް ގޯހެއް ނޫން މުޅިއަކުންނެއް،" މުހައްމަދު ހުސައިން ޝަރީފް ވިދާޅުވި އެވެ.
އެއަށް ފަހުގައި ކައުންސިލް އިންތިހާބުގެ ނަތީޖާ މުހައްމަދު ސިފަކުރައްވާ ގޮތް ވެސް ވިދާޅުވެދެއްވި އެވެ. އެއީ:
ސިޓީތަކުގެ އިންތިހާބުގައި ޕީއެންސީއަށް ލިބުނީ ބޮޑު ނާކާމިޔާބީއެއް؛ ނާކާމިޔާބީއަކަށްވުރެ ބޮޑު ނާކާމިޔާބީއެއް (އެއީ ފަސް ސިޓީ ވެސް ޖުމުލަކޮށް ގެއްލުމުން؛ ހުރިހާ ސިޓީއެއްގެ ކައުންސިލް ގިނަ ގޮނޑިތަކާއި މޭޔަރުން ވެސް ގެއްލުމުން)
ރަށު ކައުންސިލްތަކުގައާއި ރަށްރަށުގެ ޑަބްލިއުޑީސީ (އަންހެނުންގެ ކޮމިޓީތަކުގައި) ޕީއެންސީއަށް ލިބުނީ ކާމިޔާބީއެއް؛ އެކަމަކު އެހާ ބޮޑު ކާމިޔާބީއެއް ނޫން، ކޮންމެ ވެސް ވަރެއްގެ ކާމިޔާބީއެއް
އެހެން ނަމަވެސް ކައުންސިލް އިންތިހާބުގެ ސިޔާސީ ކަންކަން ހިނގަނީ ވަރަށް ތަފާތުކޮށް ކަން ވެސް މުހައްމަދު ފާހަގަކުރެއްވި އެވެ. އެއީ ގިނަ ފަހަރު ކައުންސިލް އިންތިހާބުގައި ނަތީޖާ ބަރޯސާވަނީ ކެންޑިޑޭޓަށް ކަމަށް ވާތީ ކަމަށް ވިދާޅުވި އެވެ. ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބަށްވުރެ ވެސް ބޮޑަށް އެ ކަން އޮތީ އެހެން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިނިވަންކޮށް ލާ ކެންޑިޑޭޓުންގެ ތެރޭގައި ތިބޭނެ އެމްޑީޕީ ފިކުރުގެ މީހުން ވެސް، ޕީއެންސީ ފިކުރުގެ މީހުން ވެސް. މިސާލަކަށް ޕްރައިމަރީއަކުން ނާކާމިޔާބުވެގެން ނޫނީ ޓިކެޓު ލިބުނު މީހާއަށްވުރެ ރަނގަޅު ވާނެ ކަމަށް ދެކިގެން ކުރިމަތިލީ އަމިއްލަ ގޮތުން، އެކަމަކު އޭނާ ވަނީ އެމްޑީޕީ ފިކުރުގެ މީހަކަށްތާ. އަދި ހަމަ ވަރަށް އެކަށީގެންވޭ މާދަމާ ވެސް ހުންނަވާނީ އެ ޕާޓީގައި. އެ ކަން ރައްދު ވޭ އަޅުގަނޑުމެންގެ ޕާޓީއަށް ވެސް،" އޭނާ ތަފްސީލްކޮށްދެއްވި އެވެ.
ކައުންސިލް އިންތިހާބުގައި އާއިލާތަކުގެ ދައުރު ވެސް ބޮޑުކަމަށް މުހައްމަދު ގަބޫލުކުރައްވަ އެވެ.
"ރަށްރަށުގައި ވަރަށް މަދު ވަޒީފާތަކެއް ޖުމުލަ ގޮތެއްގައި ހުންނައިރު، ވަރަށް މުހިންމު ކަމެއް އެއީ ބޮޑު އާއިލާއަކަށް. އަޅުގަނޑުމެން ތިމާގެ ކުއްޖަކު އައިމާ ތިމާގެ ކުއްޖާއަށް ރަނގަޅު ގޮތެއް ހޯދައިދޭނެ. ޕާޓީ ބައިންދާފައި އާއިލާ އިސްކުރާނެ ގިނަ މީހުން،" އޭނާ ވިދާޅުވި އެވެ.
މިފަދަ އެތައް ކަމެއް ކަމެއް ކައުންސިލް އިންތިހާބުގެ ވަށައިގެން ހުރުމުން، އެއީ ސަރުކާރުގެ ކާމިޔާބީ ވަޒަންކުރަން ވެސް އެންމެ އެކަށީގެންވާ އިންތިހާބަކަށް ނުވާ ކަަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް ކޮންމެ ވެސް ވަރަކަށް ވަޒަންކުރެވިދާނެ ކަމަށް ވެސް ގަބޫލުކުރެއްވި އެވެ. އޭނާ ވިދާޅުވީ ކުރީގެ ސަރުކާރުތަކުގައި ވެސް މިޑްޓާމްގައި ކުރިމަތިވީ ނާކާމިޔާބީއާ ކަމަށެވެ.
"މި މިޑްޓާމް އިންތިހާބު އަޔޭ އެހެން ސަރުކާރުތަކުގައި ވެސް. މިހާރު ވެރިކަމުގައި ހުންނެވި ރައީސް، މާލޭގެ މޭޔަރަކަށް އިންތިހާބުވީ ބޮޑު ތަފާތަކުން އޭރު. އޭގެ ކުރިން އަޅުގަނޑުމެންގެ ޕީޕީއެމްގެ ސަރުކާރުގައި ބޮޑު ތަނުން ވީ ބަލި. މިއަށްވުރެ ވެސް މާ ބޮޑު ބައްޔެއް. ސިޓީތައް ހިމެނޭ ގޮތަށް މުޅި ރާއްޖޭން ކައުންސިލްތަކުގެ މެޖޯރިޓީ ގެއްލުނު،" މުހައްމަދު ވިދާޅުވި އެވެ.
ތެދެކެވެ. ދައުރުގެ މެދުތެރެއިން ފެށިގެން ކޮންމެ ސަރުކާރެއްގެ ވެސް މަގުބޫލުކަން ދިޔައީ ދަށަށެވެ. ނަތީޖާގެ ގޮތުން، ދެވަނަ ދައުރު ކާމިޔާބުކުރެވުނު ރައީސެއް ވެސް އަދި ނެތެވެ. އޭގެ ފަހަތުގައި އެކި ސަބަބުތައް އެބަހުއްޓެވެ. ސިޔާސީ ދާއިރާ ދިރާސާކުރައްވާ ބޭފުޅުން މި ކަމުގައި ވެސް އެކި ތަރުޖަމާ ދެއްވަ އެވެ.
"މީގެ ކުށް އެބަ އޮތް އަޅުގަނޑުމެން ވެރިކަމަށް އަންނަ ފަރާތުގެ ވެސް،" ސިޔާސީ ޕާޓީތަކަށް ވެސް ގޯސްތަކެއް ހެދޭކަން އެއްބަސްވެވަޑައިގަންނަވަމުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހަގީގަތުގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ ސިޔާސީ ޕާޓީންނާއި ދިވެހި ރައްޔިތުން ވެސް އުންމީދުކުރެވޭ ވަރާއި ހަގީގަތާ ދިމާނުވުމުގެ މައްސަލަ އެވެ. އެހެން ދިމާވަނީ ވައުދުވުމުގައި ވެސް ގަދަހިފުމަކަށް ދާތީ އެވެ.
"އިންތިހާބުތަކުގައި ގަދަހިފުމަކަށް ދަނީ މެނިފެސްޓޯގައި ވެސް. ސޯލިހު ވިދާޅުވާނެ އަޅުގަނޑު 100 ފްލެޓް އަޅާނަމޭ. މުއިއްޒު ވިދާޅުވާނެ 150 ފްލެޓް އަޅާދޭނަމޭ. ސޯލިހު ދެން ވިދާޅުވާނެ 200 ފްލެޓޭ،" މުހައްމަދު ވިދާޅުވި އެވެ.
ރިޔާސީ ވައުދުތައް ވަމުންދާ ވަގުތު ސަރުކާރުގެ ހާލަތު އިދިކޮޅުގައި ތިބޭ ބަޔަކަށް ނޭނގޭނެ ކަމަށް މުހައްމަދު ވިދާޅުވި އެވެ. ހަގީގަތާ މާ ދުރު ވައުދުތައް ވެވެނީ އެހެންވެގެން ކަމަށެވެ. މި މައްސަލަ މައި ދެ ޕާޓީއަށް ވެސް ކުރިމަތިވާ ކަމަށް މުހައްމަދު ވިދާޅުވި އެވެ.
"މިހެން ދަމުން ގޮސް އިދިކޮޅުގައި ތިބޭ ބަޔަކަށް އެހާ ހާމަކަން ބޮޑު ގޮތެއްގައި ނޭނގޭނެ އެ ވަގުތަކު ސަރުކާރުގެ ހާލަތު. ސަރުކާރުގެ ހާލަތު ދުރުން އެ ފެންނަ ވަރަށް، ޖުމުލަ ގޮތެއްގައި އަދި އެނގުނަސް. އެކަމަކު ސަރުކާރަށް އައިސް އިށީނދެލީމައި ހަގީގަތުގައި އެނގެނީ މުޅި މަންޒަރު ރަނގަޅަށް. ހަަމަ އެ ބޭފުޅުންނަށް ވެސް މި ކަން ދިމާވޭ،" އޭނާ ވިދާޅުވި އެވެ.
"މާތްކަލާކޯއޭ، އަދި އެބަ ހުއްޓޭ ވަރަށް ބައިވަރު ކަންކަން ގޯސްކޮށް ހުރި އަދި ބަދަލުކުރަން ޖެހޭ. އެ ކަމެއްގެ ތެރޭގައި ވެސް ދުވަސްތަކެއް ދާނެ. އެހެންވުމުގެ ސަބަބުން ވެރިކަމަށް އަންނަ އިރު ޕާޓީގެ އެކްސްޕެކްޓޭޝަން ވެސް، ޖުމުލަކޮށް ދިވެހި ރައްޔިތުންގެ އެކްސްޕެކްޓޭޝަން ވެސް ރިއާލިޓީއާ ދިމާނުވަނީ. ރިއާލިޓީއާ ދިމާކުރަން އުނދަގޫ ވަނީ."
އެހެން ސަރުކާރުތަކެކޭ އެއް ގޮތަށް މި ސަރުކާރަށް ވެސް އެންމެ ބޮޑު އަމާޒުކިއުމެއް އަމާޒުވި ކަމަކީ ސިޔާސީ މަގާމުތައް ގިނަވުމެވެ. ސިޔާސީ ބޭނުމަށް ސަރުކާރުގެ އިސްރާފު ބޮޑުވުމެވެ. އިންތިހާބުތަކާ ދިމާކޮށް ސަރުކާރުގެ ކުންފުނިތަކުން ވެސް ގިނަ އަދަދެއްގެ މީހުން ވަޒީފާތަކަށް ނެގުމެވެ. މިއިން ލިބުނު ވޯޓަކަށްވުރެ ގެއްލުނު ވޯޓު ގިނަ ކަމަށް ބެލެވެ އެވެ.
ސިޔާސީ ވަޒީފާ ސަރުކާރަކަށްވުރެ ސަރުކާރެއްގައި އިތުރުވަމުންދާ ކަން މުހައްމަދު ވެސް އެއްބަސްވެވެޑައިގަންނަވަ އެވެ.
"ވެރިކަމަށް އާދެވެނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުމާއި ތާއީދާއެކު. ސިޔާސީ މަގާމުތަކުގެ ފެށުމާއި ނިމުން އަންނަނީ އެ ގޮތަށް. މި ގާނޫނުއަސާސީން ލިބިދޭ ހައްގެއްގެ ތެރެއިން ސިޔާސީ މަގާމުތައް ދެއްވަނީ ކޮންމެ ސަރުކާރެއްގައި ވެސް. އެކަމަކު ޓްރެންޑެއް އެބައިން. ދަނީ ހަމަ އިތުރުވަމުން، އިތުރުވަމުން ރާއްޖޭގައި،" މުހައްމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ މަގާމުތައް ގިނަވާ ސަބަބަކީ ޕާޓީގެ އެކްޓިވިސްޓުންގެ ޑިމާންޑަށް އެ ކަން ފުރިހަމަކުރަން ޖެހެނީ އެވެ. އަދި ގިނަ ފަހަރަށް ސިޔާސީ ވަޒީފާއެއް ދެނީ ޕާޓީގެ އިސް މީހަކު ދޭ ޔަގީންކަމެއްގެ މައްޗަށް ކަމަށް ވިދާޅުވި އެވެ.
"ވަރަށް ބައިވަރު މީހުން ކޮނޑަށް ލައިގެންނޭ ވެރިކަމަކާ ހަމައަށް މި އާދެވެނީ. އެއީ އާއިލާތަކެކޭ. އެއީ ބައެކޭ. އެ މީހުންގެ ޑިމާންޑުތަކެއް ހުރެއޭ. ރަށެއްގެ މަންމައަކު ބޭޏުންވާނީ އޭނާގެ ދަރިއަށް ވަޒީފާއެއް. އޭނާ ގާބިލްތޯ ނުވަތަ ނޫންތޯ ނުބަލާނެ އެ މަންމައަކު. އެ އާއިލާއިން ރެއާ ދުވާލު މަސައްކަތްކޮށްދެނީ އަޅުގަނޑުމެންގެ ޕާޓީއަށް. ކޮށްދިނީމައި ޑިމާންޑް އޮންނާނެ،" މުހައްމަދު ވަރަށް ތަފްސީލްކޮށް ވިދާޅުވި އެވެ.
ޕާޓީގެ މަޖިލިސް މެންބަރުންނާއި ލީޑާޝިޕްގެ ބޭފުޅުން ދެއްވާ ޔަގީންކަމަކަށް ސިޔާސީ މަގާމުތައް ދެވުނު ނަމަވެސް އެ ކަން ވެސް އުންމީދުކުރެވޭ ވަރަށް މަސައްކަތް ނުހިނގާ ކަމަށް ވެސް މުހައްމަދު އެއްބަސްވެވެޑައިގެންނެވި އެވެ.
"ތެދުތެދަށް ދަންނަވަންޏާ ހިންގަން ޖެހޭ ވަރަށް ނުހިންގާ. ތަޖުރިބާއާއި ތައުލީމުގެ އިތުރަށް ގާބިލްކަން މިނެކިރުމުގައި މުރާލިކަން ވެސް އޮވޭ. އެ ބަޔަކު ތިބެގެން އެ ތަނެއްގެ ހިންގުން ރަނގަޅުވެއްޖެތޯ އިތުރަށް. އެންމެ ކުޑަމިނުން އޮތް ވަރަށް އޮތްތޯ. ބަލާއިރު ރަނގަޅު ނޫން ވެއްޖެއްޔާ ކީއްކުރަން އިތުރަށް ތިބޭ ބައެއް،" މުހައްމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސް މުހައްމަދު މުއިއްޒަކީ އުނދަގޫ ނިންމެވުން ނިންމަވާ ރައީސެކެވެ. ގައުމުގެ ހައްގުގައި އުނދަގޫ ނިންމެވުންތައް އެމަނިކުފާނު ނިންމަވާނެ ކަމަށް ވިދާޅުވި އެވެ. ސިޔާސީ މުވައްޒަފުންގެ ޕާފޮމެންސް އެސެސްކުރުމުގެ މަސައްކަތް ސަރުކާރުން ކުރަން ނިންމުމަކީ ހަގީގަތުގައި ވެސް އުނދަގޫ ނިންމެވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިޑްޓާމަކީ އެންމެ ރަނގަޅު ވަގުތު، އެންމެ ފަސޭހަ ވަގުތު، އެ ކަން އެސެސްކޮށްފައި ކުރިއަށްދާއިރު، ކުޑަމިނުން އެ ކަން އެޑްރެސްކުރުން،" މުހައްމަދު ވިދާޅުވި އެވެ.
މިޑްޓާމް އިންތިހާބު ނިމިގެން މި ވަގުތު އެންމެ ބޮޑު ޕްރިއޮރިޓީއަކީ ވައުދުތައް ފުއްދުން ކަމަށް މުހައްމަދު ވިދާޅުވި އެވެ. ސަރުކާރުގެ އޮނިގަނޑަށް ގެނެވުނު މައި ބަދަލާއި އިތުރަށް ގެނެވޭ އިސްލާހުތަކުގެ ބޭނުމަކީ ވެސް ވައުދުތައް ފުއްދުން ކަމަށް މުހައްމަދު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުތަކާ ދުރަށް ޖެހިވަޑައިގަންނަވާ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން މުހައްމަދު ވިދާޅުވީ ވައުދު ފުއްދަވާފައި ހަލާސްކުރައްވަން އަދި ވަގުތު އެބައޮތް ކަމަށެވެ. މިއީ އަދި "މިޑްޓާމް" ތާ އެވެ.
"އެއްވެސް ވައުދަކީ ޓައިމްލައިންކޮށްފައި ވިދާލުވެފައި އޮތް ވާހަކައެއް ނަމަ ރަނގަޅު ވައުދު ނުފުއްދަވާ ކަމަށް ނިންމަން. ނަމަވެސް ފާހަގަކުރެވޭ ގިނަ ކަންކަމަކީ ދައުރުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކޮށްގެން ކުރެވެން ހުރި ކަންކަން،" އޭނާ ވިދާޅުވި އެވެ.
ސަރުކާރަށް މިހާތަނަށް ހާސިލްކުރެވުނު ކަމަށް މުހައްމަދު ގަބޫލުކުރައްވާ ބައެއް ކަންކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. އެ ގޮތުން މި ސަރުކާރުގެ އެންމެ ކާމިޔާބު ކަންކަމުގެ ތެރޭގައި އޭނާ ފާހަގަކުރެއްވި ކަމަކީ މަސްވެރިކަމެވެ.
"އިތުރު އެއްވެސް ވާހަކައެއް ދައްކާކަށް ނުޖެހޭނެ. މިދިޔަ ސަރުކާރު ނިމުނުއިރު ކިތައް އުޅަނދުތޯ މަހަށް ފުރަނީ. ރަށެއްގައި މަސްވެރިކަމަށް ނުކުމެ އުޅެވޭނެ ޒުވާން އުމުރު ފުރައިގެ ގިނަ ބަޔަކު ތިބީ ފެނަކައިގަ. މަހަށް ނުކުންނަ އަދަދު މިހާރު ގިނަ. އައިސް ލިބުމުގައި ހުރި ދަތިތަކަށް ވެސް ހައްލުތަކެއް އެބަ ގެނެވޭ،" އޭނާ ވިދާޅުވި އެވެ.
އާ ކެބިނެޓް އެކުލަވާލުމަށްފަހު އެންމެނާއެކު އިށީނދެވަޑައިގެން ކެބިނެޓް މިނިސްޓަރުންނަށް ރައީސް ދެއްވި މެސެޖަކީ ވެސް އެހެން އެއް ކަމަކަށް ވުރެ ވެސް ލިޔެފައިވާ މެނިފެސްޓޯއާއި އެ މެނިފެސްޓޯގެ ބޭރުން ވެސް އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކަށް އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރެއްވުމަށް ކަމަށް މުހައްމަދު ވިދާޅުވި އެވެ.
މިހާތަނަށް ވައުދުތަކަށް ދޭން ވާ ވަރަށް ސަމާލުކަން ނުދެވި އޮތް ކަމަށް ވެސް ވިދާޅުވި އެވެ.
"ވަޒީރުންގެ ޒިންމާއެއް އަބަދުވެސް އެއީ އެ ބޭފުޅެއްގެ ދާއިރާއާ ގުޅޭ ގޮތުން ހުރި ވައުދުތަކަށް ފޯކަސް ދެއްވުން. އެ ވަރުގެ ފޯކަސްއެއް އަސްލު ދެވިފައި ކުރިއަކުން ނެތް. އެހެން ކަންތައްތަކެއް އުފަންވެގެން އެ ކަމަކާ އުޅުނަސް މެނިފެސްޓޯ ހުރި ތަނުގައިތާ އޮންނާނީ،" އޭނާ ވިދާޅުވި އެވެ.
"ރައީސް ވެސް ހިތްޕުުޅުހަމަޖެހިވަޑައިނުގަންނަވާ، އަސްލު ވެސް ރައީސް ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ވަރަށް ކުރިއަކަށް ނުދޭ. ހަމަ ގައިމު ވެސް ރައްޔިތުން ހިތްހަމަނުޖެހޭނެ. އެހެންވެ ރައީސް ވިދާޅުވީ އަޑުއިވިވެވަޑައިގެންފިއޭ."
އާ ކެބިނެޓަށް އަމާޒުވި ފާޑުކިއުންތައް މަދެއް ވެސް ނޫނެވެ. ވޮޑްކާސްޓްގައި 'ދައުރު'ގެ މެނޭޖިން އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) އާއި ސީނިއާ އެސޯސިއޭޓް އެޑިޓަރު އަހުމަދު ނާއިފް ވެސް އެ ގޮތަށް ހުރި އާންމުންގެ ފާޑުކިއުންތައް ފާހަގަކުރެއްވި އެވެ.
އެ ގޮތުން ނާއިފް ފާހަގަކުރެއްވީ އާ ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދެވެ. ހީނާ ކުރިން ހުންނެވީ އެންސްޕާގެ މެނޭޖިން ޑިރެކްޓަރު އަދި ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމުގަ އެވެ. އެންސްޕާގެ އިދާރީ ލަސްކަން ކުރިއަށްވުރެ ބޮޑުވެގެން އަމާޒުވާ ފާޑުކިއުން ބޮޑެވެ.
ޒާހިރު ފާހަގަކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. ސައީދު ހިންގަވާ މިނިސްޓްރީގެ މެންޑޭޓުގެ ތެރެއަށް ޓްރާންސްޕޯޓް ވެސް މިހާރު ވަނީ ހިމަނައިފަ އެވެ. އިގުތިސޯދީ ހަރަކާތްތައް އިތުރުކުރަން ބުނި ކަންކަމުން މިނިސްޓަރު އަންދާޒާކުރެއްވި ވަރާ ގާތަށް ވެސް އާމްދަނީ ލިބިފައެއް ނެތެވެ. ތަކެތީގެ އަގާއި ޑޮލަރުގެ އަގު ދަނީ، ސައީދު ވިދާޅުވި ގޮތާ ހިލާފަށް ކޮންމެ ދުވަހަކުހެން ބޮޑު ތަނުން އުފުލެމުންނެވެ.
އެހެން ނަމަވެސް މި ދެ ބޭފުޅުން ވެސް ގާބިލްކަމަށް ސަރުކާރުގެ ތަރުޖަމާނު އަދި ވެރިކަންކުރާ ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފް ގަބޫލުކުރައްވަ އެވެ. އެ ގޮތުން އޭނާ ވިދާޅުވީ:
ވަރަށް އުނދަގޫ މަސައްކަތްތަކެއް ހީނާ ކުރެއްވީ، ސަރުކާރުގެ ތަރުޖަމާނުގެ ވަޒީފާ ވެސް އަދާކުރަމުން އެންސްޕާގެ މަސައްކަތްތައް ވެސް ކުރީ؛ އަދި ހީނާ ގާބިލްކަމަށް ދެކޭ މީހުން ވެސް އެބަތިބި ކަމަށް
ސައީދަކީ ޕީޕީއެމްގެ ސަރުކާރުގައި ވެސް މިނިސްޓަރުކަން ކުރައްވައި ނަތީޖާ ނެރެދެއްވާފައި ބޭފުޅެއް؛ އޭރުގައި ޗައިނާގެ އެފްޓީއޭ ފަދަ ގިނަ ކަންކަން ހާސިލްކުރުމުގައި ސައީދުގެ ދައުރު ވެސް ބޮޑު އަދި ދިވެހީންނަށް ހާއްސަ ދާއިރާތައް ކަނޑައެޅުމުގެ ސިޔާސަތަކީ ވެސް ސައީދުގެ އިސްނެންގެވުމެއް
"ތި ބޭފުޅާ ގަބޫލުކުރައްވާ ގޮތުގައި ވަކި ބޭފުޅަކު ވަކި މަގާމަކަށް ވަކި މީހަކު ބުންޏޭ ފެއިލްވީއޭ، އެހެންވެ އެ މީހާ ވީއޭ ރަތްކާޑު ދައްކާފައި ތާއަބަދަށް ބޭރުކުރާށޭ. އެހެނެއް ނުވާނެ. މީހެއްގެ ގާބިލްކަން އެއް ކަމެއްގައި ނެތިފައި، އެހެން ކަމެއްގައި ހުރެދާނެ،" މުހައްމަދު ވިދާޅުވި އެވެ.
ހީނާގެ ވެސް ގާބިލްކަން ހުރި މަސައްކަތަކާ މިހާރު ހަވާލުކުރެވުމަކީ ޕްރޮމޯޝަން ދިނުމަކަށް ވެސް ނުވާ ކަމަށް މުހައްމަދު ވިދާޅުވި އެވެ.
އެ ގޮތަށް ސިޔާސީ މަސައްކަތުގައި ވެސް ވަކި ކަމަކަށް ގާބިލްވެފައި، ވަކި ކަމަކަށް ގާބިލް ނޫން ބޭފުޅުންގެ މިސާލުތައް ވެސް މުހައްމަދު ވިދާޅުވި އެވެ. އެއް މިސާލަކަށް ދެއްކެވީ ވެސް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. އެ ގޮތުން:
ސޯލިހާ ހިޔާލު ތަފާތަސް ރައްޔިތުންގެ މަޖިލީހުގައި ވަރަށް ބަލައިގަނެވުނު ބޭފުޅެއް އަދި މަޖިލިސް މެންބަރެއްގެ ގޮތުގައި ޕާފޮމަންސް ވެސް ރަނގަޅު
ރައީސެއްގެ ހައިސިއްޔަތުން ހަމަ "އެބްސޮލިއުޓް ޑިޒާސްޓާ" ؛ އެއްގޮތަކަށް ވެސް ކަމަކު ނުދޭ
"އެއް ކަމަކަށް ގާބިލްނޫން ކަމަށް ބެލެވިގެން އެ ހިސާބުން ހުރިހާ އެންމެންގެ ސިޔާސީ ހަޔާތް ނިމެންޏާ ހުސް އާ މީހުން އަންނަންވީ. މިހެން ގޮސް މީހުން ހުސް ވެސް ވެދާނެ،" މުހައްމަދު ވިދާޅުވި އެވެ.
ކެބިނެޓަށް އައި ބަދަލަކީ ހަގީގަތުގައި އޮނިގަނޑަށް ގެނައި ބަދަލެއް ކަމަށް ވެސް މުހައްމަދު ވިދާޅުވި އެވެ.
"މިނިސްޓްރީތަކުގެ މެންޑޭޓުތައް ބަދަލު ގެނެސްގެން، އާ އޮނިގަނޑެއް މި އެކުލަވާލީ. ދެން އެ މިނިސްޓްރީގެ ޕޯޓްފޯލިއާ ގުޅޭ ބޭފުޅަކަށް މިނިސްޓަރުކަން ދެއްވަން ނިންމެވީ،" މުހައްމަދު ވިދާޅުވި އެވެ.
މި ބަދަލުތައް ގެނައީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުން ކުރި އެސެސްމަންޓަކަށްފަހު ކަމަށް މުހައްމަދު ވިދާޅުވި އެވެ. އަދި މިނިސްޓްރީތަކުގެ މެންޑޭޓުގައި އެ ވަރުގެ ބޮޑު ފުށުއެރުންތަކާއި ގޯސްތަކެއް ނެތް ކަމަށް ވެސް ވިދާޅުވ އެވެ.
"މެންޑޭޓުތައް ބަދަލުކުރުމާއި އެއްކޮށްފައި ހުރި ގޮތަށް ބަލާއިރު މާ ބޮޑު ގޯހެއް އޭގައި ވެސް ނުފެނޭ. މިސާލަކަށް އެޑިއުކޭޝަން އެންޑް ޓުއަރިޒަމް ކިޔައިފިއްޔާ ވަރަށް ނުގުޅޭ އެއްޗެހިތަކެއް ހިމަނައިގެން ސޭންޑްވިޗް ހަދާފައޭ ބުނެވިދާނެ،" މުހައްމަދު ވިދާޅުވި އެވެ.
ސަރުކާރުގެ އާ ތަރުޖަމާނު މުހައްމަދަށް ފެންނަނީ މިޑްޓާމްގައި ސަރުކާރުގެ އޮނިގަނޑަށް ގެންނަ އިސްލާހުގެ މަސައްކަތަށްފަހުގައި 2028ގައި ސަރުކާރު ފެންނާނީ ވަރަށް ގަދަކޮށެވެ. މި އައި ބަދަލުތަކާ އެކީ، ސަރުކާރަށް އެރި ގުޑުމުން އަންނާނީ ރަނގަޅު ނަތީޖާއެއްތޯ އެނގިދާނެތާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ